ބޮލީވުޑުގެ މަޝްހޫރު، ހުނަރުވެރި ޑައިރެކްޓަރ ޢަލީ އައްބާސް ޒަފަރު ކައިވެނި ކޮށްފިއެވެ.

ކައިވެނީ ހަފްލާގެ ތެރޭގައި އަލީ އޭނާގެ އަންހެނުންގެ އަތުގައި ހިފައިގެން ހުރި ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށްފައިވާ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ ''ބިސްމިﷲ''އެވެ.

ކައިވެނީގެ ވާހަކަ ހިއްސާ ކުރި ނަމަވެސް އަލީގެ އަންހެނުންނަކީ ކާކު ކަމާއި އަދި އަލީގެ އަންހެނުންގެ ތަސްވީރެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

އިންސްޓަގުރާމުގައި މި ފޮޓޯ ހިއްސާ ކުރުމާއި އެކު އެތައް ގިނަ ފަންނާނުންނާއި ސަޕޯޓަރުންނެއް ވަނީ މަރުހަބާގެ މެސެޖުތައް ލިޔެފައެވެ.

ކެޓްރީނާ ކެއިފް، ކެޓްރީނާގެ ކޮއްކޮ އިސަބެއްލާ، ސުނިލް ގްރޯވާ ފަދަ ފަންނާނުން ވަނީ އަލީ އައްބާސް ޒަފަރުގެ މި އުފަލުގައި ބައިވެރިވެ މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ.

އަލީ އައްބާސް ޒަފަރުގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ މިހާރު ތައްޔާރު ވަމުންދަނީ އޭނާގެ ފުރަތަމަ އޯޓީޓީ ފިލުމުގެ މަސައްކަތެވެ. މި ފިލުމުން ފެނިގެންދާނީ ސައިފް ޢަލީ ޚާން، ޑިމްޕަލް ކަބާޑިއާ، ސުނިލް ގްރޯވަރ އަދި މީގެ އިތުރު ފަންނާނުން ވެސް ހިމެނެއެވެ.

އަލީ އައްބާސް ޒަފަރަކީ ކާމިޔާބު އެތައް ބޮލީވުޑުގެ ފިލުމުތަކެއް ޑައިރެކްޓް ކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރެކެވެ. ސަލްމާން ޚާން ފެނިގެން ދިޔަ ފިލުމު ''ބާރަތު، ''ޓައިގަރ ޒިންދާަހޭ''، ''ސުލްތާން''، ފަދަ ފިލުމުތައް ހިމެނެއެވެ.

މިދިޔަ އަހަރު ރިލީޒް ކުރެވުނު އަނަންޔާ ޕާންޑޭއާއި އިޝާން ޚައްތަރުގެ ''ކާލީ ޕީލީ'' އަކީ ވެސް އަލީ އައްބާސްގެ ޑައިރެކްޝަނެވެ.

ޑައިރެކްޝަނުގެ ދާއިރާއިން އަލީ އައްބާސްވަނީ އެތައް އެވާޑެއް ހާސިލުކޮށްފައެވެ.