7000 ޑޮލަރަށް ދަރިފުޅު ވިއްކަން މަސައްކަތްކޮށްފި

އީރާގު ދެމަފިރިއަކު، އެ މީހުންގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅު 7000 ޑޮލަރަށް ވިއްކަން މަސައްކަތް ކޮށްފިއެވެ.

އެ މައްސަލާގައި މިހާރު އެދެމަފިރިން ވަނީ ހައްޔަރުކޮށްފައެވެ.

އިންޓެލިޖެންސް މައުލޫމާތުތަކަށް ވަނީ އެ ކުއްޖާގެ މައިންބަފައިން އެ ކުއްޖާ ވިއްކާލަން މަސައްކަތް ކުރިކަން ފަޅާ އަރާފައެވެ. އަދި ވަގުތުން ޓެކްނިކަލް ޓިމެއް ވަނީ އޯގަނައިޒްޑް ކްރައިމް އިންޓެލިޖެންސް ޑިރެކްޓޮރޭޓް ތެރެއިން އުފައްދާފައެެވެ.

އީރާގްގެ އިންޓީރިއާ މިނިސްޓްރީން ބުނީ، ލިބުނު މައުލޫމާތުތަކަށް ބަލާއިރު، އެ ދެމަފިރިން ހައްޔަރުކޮށްފައި ވަނީ ބަގްދާދްގެ ކައްރަޑާ ޑިސްޓްރިކްޓުން ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ދަރިފުޅު ވިއްކާލަން އުޅުމުގެ ތެރޭގައެވެ.

އެމީހުން ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

މި މައްސަލަ ފެންމަތިވުމާއެކު އީރާގްގެ މީސް މީޑިއާ އެކައުންޓްތަކުގައި ދަނީ އެތައް ބަޔަކު މިކަމާއި ގުޅޭ ވާހަކަތައް ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު