ބޮލީވުޑުގެ ސްޕަރަސްޓަރ ސަލްމާން ޚާންގެ ބޮލީވުޑުގައި އޭނާގެ މަގުބޫލުކަން ހޯދައިފައިވާ ފިލުމު ''މެއިނޭ ޕިޔާރު ކިޔާ''ގެ އަންހެން ލީޑް އެކްޓްރެސް ބަގިޔާޝްރީ މި ފިލުމު ގަބޫލު ކޮށްފައިވަނީ ހަތް ފަހަރަށް ފިލުމުގެ ސްކްރިޕްޓް ބަދަލު ކުރުމުން ކަމަށް އޭނާ ބުނެފިއެވެ.

''މެއިނޭ ޕިޔާރު ކިޔާ''ގައި ސުމަންގެ ރޯލު އަދާކޮށްފައިވާ ބަގިޔާޝްރީ ޓައިމްސް އޮފް އިންޑިޔާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެ ފިލުމު ކުޅެން އޭނާ ބޭނުން ނުވި ކަމަށެވެ. އަދި އެ ދުވަސްވަރު އޭނާ ބޭނުންވެފައި ހުރީ ބޭރުގެ ގައުމަކަށް ކިޔަވަން ދިޔުމަށް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ފިލުމުގެ ޑައިރެކްޓަރ ސޫރަޖު ބަޖްތަޔާ މި ފިލުމު ބަގިޔާޝްރީއަށް ހުށަހެޅުމުން އޭނާ ފިލުމު ކުޅެން ބޭނުންނުވާ ކަމަށް ބުނި ކަމަށާއި ނަމަވެސް ސޫރަޖު ސްކްރިޕްޓް ކިޔައިދިން ގޮތަށް އޭނާ ވަރަށް ހިތްހަމަ ޖެހުނު ކަމަށް ވެސް ބުނެފައިވެއެވެ.

ފިލުމުގެ ސްކްރިޕްޓް ކަމުދިޔަ ނަމަވެސް ބަގިޔާޝްރީ އެ ފިލުމު ނުކުޅޭނެ ކަމަށް ޑައިރެކްޓަރ ސޫރަޖު ގާތު ބުނުމުން ސްކްރިޕްޓަށް އިތުރު ބަދަލުތައް ގެނެސް ހަތް ފަހަރަށް އޭނާގެ ގާތަށް އައި ކަމަށް ވެސް ބަގިޔާޝްރީ ފާހަގަ ކުރިއެވެ. އަދި އެއިން ކޮންމެ ފަހަރަކު ވެސް ކޮންމެވެސް ބަހަނާއެއް ދައްކާފައި އެކަމުން ސަލާމަތްވީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެންމެ ފަހުން ފިލުމު ކުޅުމަށް އެއްބަސްވެ މި ފިލުމު ކުޅުމުގެ ތެރެއިން ފިލުމީ ކެރިއާއަށް ލޯބިޖެހި، ދުވަހަކުވެސް ހީނުކުރާ ދާއިރާއަކުން ކުރިއަށް ދިޔުމަށް އޭނާ ނިންމި ކަމަށް ވެސް ބުނެފައިވެއެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝާފީ

    ސަލްމާން މީނަޔާއި މާބޮޑަށް ގައިގޮޅިވާތީ އެކަން އެގޮތަށް ނުކުރުމަށް މީނާ ސަލްމާން އަށް ޢަމުރު ކުރި ކަމަށް މީނާ ބުނި. (ގޫގަލް އިން މިވާހަކަ ކިޔާލާ). ސަލްމާން އަކީ ކިތަންމެ މޮޅު އެކްޓަރަކަސް އޭނާގެ އަޙްލާޤީ ފެންވަރު ދަށްވެފައި ރުޅިގަދަ ކަމުން އިންނާނެ މީހަކު ނުވެފައި ހުރި މީހެއް. މިހާރު އެހެން ނޫން ނަމަ ދަރިން ލިބި ކާފަ ކިޔައިފީސް.