މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ހިލްސޮންގް ޗާޗުގައި މިނިސްޓަރަކަށް ވުމަށް ކިޔަވަމުންދާ ކަމަށް ވަހަކަ ދެކެވެމުން ދެއެވެ. އެންމެ ފަހުން އެ ވާހަކަތައް މާބޮޑަށް ދެކެވެމުންދާތީ އޭނާ މި ވަނީ އެކަން ދޮގު ކޮށްފައެވެ.

ހިލްސޮންގް ޗާޗުއާއި ގާތް ގުޅުމެއް ކުރިން އޮތް ނަމަވެސް އޭނާގެ ރަހުމަތްތެރި ކާލް ލެންޓްސް އޭނާއަށް އޮޅުވާލުމުން މިހާރު އެ ޗާޗުއާއި އެއްވެސް ގުޅުމެއް މިހާރު ނޯންނަ ކަމަށް ވެސް ޖަސްޓިން ބުނެފައިވެއެވެ.

ޖަސްޓިންއާއި ބެހޭގޮތުން ދެކެވެމުންދިޔަ މި ހަގީގަތެއް ނެތް ވާހަކަތަކަށް 156 މިލިއަން މީހުން ފޮލޯކުރާ އޭނާގެ އިންސްޓަގުރާމު އެކައުންޓުގެ ސްޓޯރީގައި ވަނީ ރައްދުދީފައެވެ.

''އަހަރެން މިނިސްޓަރަކަށް ނުވަތަ އެފަދަ އެއްވެސް މީހަކަށް ވުމަށް ނުކިޔަވަން. އެކަހަލަ ކަމެއް ކުރާހިތެއް ވެސް ނުވެ. މި ދެކެވޭ ވާހަކަތަކީ ދޮގު ވާހަކަތަކެއް. ހިލްސޮންގްއަކީ އަހަރެންގެ ޗާޗެއް ނޫން. އިތުރު މަޢުލޫމާތަށްޓަކައި ބުނެލަން. އަހަރެންނަކީ ޗާރޗޮމްގެ މީހެއް'' ޖަސްޓިން ބުނެފައިވެއެވެ.

ޗާޗުތަކަކީ ކީއްކުރަން ބޭނުންކުރާ ތަނެއް ކަމަށާއި އެކަންތައް އޮންނަ އޮތްގޮތް ވެސް ޖަސްޓިން ވަނީ އޭނާގެ އިންސްޓަގުރާމު ސްޓޯރީގައި ވަރަށް ރަނގަޅަށް އޮޅުންފިލުވައިދީފައެވެ.

އުމުރުން 26 އަހަރުގެ ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން އެންމެ ފަހުން ނެރިފައިވާ ލަވަތަކަކީ ''ހޯމް ފޮރ ކްރިސްމަސް''، ''މޮންސްޓަރ''، ''ލޯންލީ'' ފަދަ ލަވަތައް ހިމެނެއެވެ.

ޖަސްޓިން ބީބާގެ އަލްބަމްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް އަލްބަމްތަކަކީ ''ޗޭންޖަސް''، ''ޕާރޕަސް''، ''މައި ވަރލްޑް 2.0'' ފަދަ އަލްބަމްތައް ހިމެނެއެވެ.

ހުނަރުވެރި ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ ސަޕޯޓް ލިބިފައިވާ އަދި އެތައް އެވާޑްތަކެއް ވެސް ހާޞިލު ކޮށްފައިވާ މަޝްހޫރު ލަވަކިޔުތެރިއެކެވެ.