ކޮންމެ ދުވަހަކު ވެސް މަސައްކަތުގައާއި އެހެނިހެން ކަންކަމުގެ ތެރެއިން އެތައް ބަޔަކާއި އަލަށް ދިމާވެއެވެ. އަލަށް ދިމާވާ ކޮންމެ މީހަކާއި ވާހަކަ ދައްކަން ބޭނުން ނުވިނަމަވެސް ބައެއް ފަހަރަށް ދިމާވާ މީހުންނާއި ވާހަކަ ދެއްކުމަށް ބޭނުންވެއެވެ.

ނަމަވެސް އަލަށް ދިމާވާ މީހަކާއި ދައްކާނެ ވާހަކައެއް އަދި ވާހަކަ ދައްކަން ފަށާނެ ގޮތެއް ވެސް ގިނަ ފަހަރަށް ނޭނގެއެވެ. އެފަދަ ހާލަތެއްގައި ވާހަކަ ދައްކަން ފެށިދާނެ 5 ގޮތަކީ:

އެމީހާ ލައިގެން ހުރި ހެދުމަށް ކޮމެންޓެއް ދިނުން

އެމީހާ ލައިގެން ހުރި ހެދުން، ޓީޝާޓް، ގަޑި ނުވަތަ އަރައިގެން ހުރި ފައިވާނާ ބެހޭގޮތުން ވެސް ތިބާއަށް އެއްޗެކޭ ބުނެވިދާނެއެވެ. މިސާލަކަށް އެމީހާ ލައިގެން ހުރި ޓީޝާޓްގައި ލިޔެފައިވާ އެއްޗަކާއި ބެހޭގޮތުން ސުވާލުކޮށް ވާހަކަދައްކަން ފެށިދާނެއެވެ.

މޫސުމާއި ބެހޭގޮތުން ވާހަކަދެއްކުން

ވާރޭ ވެހޭނަމަ އެކަމާއި ގުޅޭގޮތުން ނުވަތަ އަވިދޭ ނަމަ އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން، ދޭ ޖަވާބުން ދެ ފަރާތުގެ މެދުގައި ވާހަކަދައްކަން ފެށިދާނެއެވެ.

ދިގު ޖަވާބުދޭންޖެހޭ ސުވާލު ކުރުން

އެމީހަކާއި ސުވާލު ކުރާއިރު އާއެކޭ ނުވަތަ ނޫނެކޭ ބުނެގެން ޖަވާބު ދެވޭ ފަދަ ސުވާލު ނުކުރާށެވެ. ޖަވާބުދޭއިރު ފުޅާދާއިރާއެއްގައި ޖަވާބުދެވޭ ކަހަލަ ސުވާލު ކުރުން މުހިންމެވެ.

ދެ ފަރާތުގެ ވެސް އެއްގޮތް ކަމަކަށް ކޮމެންޓެއް ކުރުން

ދެމީހުންނަށް ދެވިފައިވާ ތަނެއް ނުވަތަ ލައިގެން ހުރި ހެދުމުގައި ވެސް އެއްގޮތް ކަމެއް ހުރި ނަމަ އެކަމަކާއި ގުޅޭގޮތުން ކޮމެންޓެއް ކުރުމުން ދެ ފަރާތުގެ ދެމެދުގައި ވާހަކަދެކެވެން ފަށާނެއެވެ.

މަގުދައްކައިދިނުމަށް އެހުން

މިއީ ވާހަކަ ދައްކަން ފަށަން އެންމެ ފަސޭހަ ގޮތެވެ. ކޮންމެވެސް ތަނެއްގެ ނަން ބުނެ އެތަނަށް ދާނެ މަގު ދައްކައިދިނުމަށް ބުނުމުން ވާހަކަ ދެކެވޭނެއެވެ.

އަލަށް ދިމާވާ މީހަކާއި ވާހަކަ ދެއްކުމުގައި ވެސް އަނެކާއަށް އުދަނގޫވާ ގޮތަށް ނުވަތަ އިހްތިރާމެއް ނެތް ގޮތަށް ވާހަކަ ދައްކުމަކީ ވާހަކަ ދައްކަން ފެށުމުގެ ބަދަލުގައި ރުޅިވެރިކަން އަންނާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު