ސްޓަރ ޕްލަސްގެ އެންމެ މަގުބޫލު އެންމެ ގިނަ ދުވަހަށް ދެމިގެން ދިޔަ ޑްރާމާ ''ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ''ގެ އަކްޝަރާގެ ރޯލުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ހީނާ ޚާނަށް މޮންޓޮގޮމެރީ އިންޓަނެޝަނަލް ފިލުމު ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިއްޖެއެވެ.

ހީނާ ޚާނަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފައިވަނީ ފިލުމު ''ލައިންސް'' އިންނެވެ. މި ފިލުމުގެ ޕޯސްޓަރު އެންމެ ފުރަތަމަ ދައްކާފައިވަނީ 2019 ވަނަ އަހަރުގެ ކެނަސް ފިލުމު ފެސްޓިވަލްގައެވެ.

ގިނަ ބައެއްގެ ތާއީދު ލިބުނު ފިލުމު ''ލައިންސް'' އިން އެންމެ މޮޅު ބަތަލާގެ އެވޯޑް ހާޞިލުވުމުން އެ އުފާވެރި ޚަބަރު އޭނާގެ ސަޕޯޓަރުންނާއި ހިއްސާކޮށްފައިވަނީ ހީނާގެ މީސް މީޑިޔާ އެކައުންޓްތަކުގައެވެ.

''އިންޑަސްޓްރީގައި އުޅޭތާ 12 އަހަރު ފުރޭނީ މި މަހު. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލުމު ''ލައިންސް'' އަށް ތަރުހީބު ފެނުމުން އަހަރެންގެ އަމިއްލަ ނަފްސާއި މެދު ފަޚުރުވެރިވޭ. އެމެރިކާގައި ބޭއްވި މޮންޓޮގޮމެރީ އިންޓަނެޝަނަލް ފިލުމު ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވާޑު އަހަރެންނަށް ލިބުނު ވާހަކަ ހުރިހާ ސަޕޯޓަރުންނާއި މި ހިއްސާ ކުރަނީ ވަރަށް އުފަލުން ހުރެ'' ހީނާގެ އިންސްޓަގުރާމު ޕޯސްޓުގައިވެއެވެ.

ކުންވާރު ޝަކްތީ ސިންގްއާއި ރާހަތު ކަޒްމީ ލިޔެ ހުސެއިން ޚާން ޑައިރެކްޓްކޮށްފައިވާ މި ފިލުމުގައި ހީނާގެ އިތުރުން ދެން ފެނިގެން ދިޔައީ ރިޝީ ބޫތާނީއެވެ. މި ފިލުމު ޕްރޮޑިއުސް ކޮށްފައިވަނީ ރާހަތު ކަޒްމީ ފިލުމުސް އާއި ފާރ ބެޓަރ ފިލުމުސްއިންނެވެ.

މި ފިލުމުގައި ހީނާ އަދާކޮށްފައިވަނީ އާދައިގެ އަންހެން ކުއްޖަކަށް ދިމާވާ އާދައިގެ ޗެލެންޖުތަކަކާއި ކުރިމަތިލާ ހިތްވަރުގަދަ ކުއްޖެއްގެ ރޯލެވެ

ކިޔުންތެރިންގެ ހިޔާލު