ސެލްފީ ނެގުމަކީ މިހާރު އެންމެން ވެސް ކުރާ ކަމެކެވެ. ކުޑަކުދިންއިން ފެށިގެން އުމުރު ދުވަސްވީ މީހުން ވެސް ސެލްފީ ނަގައެވެ. އެއްބަޔަކު ސެލްފީ ނަގަނީ މީސް މީޑީޔާގައި ހިއްސާ ކުރުމަށެވެ. އަނެއް ބަޔަކު ސެލްފީ ނަގަނީ އަމިއްލަ ހިތްހަމަ ޖެހުމަށް ނުވަތަ ހަނދާނެއްގެ ގޮތުގައި ރައްކާ ކުރުމަށެވެ. ކޮންމެ ދުވަހަކު ސެލްފީއެއް ނަގައި ވަކި ބޭނުމެއްގައި އެ ރައްކާނުކުރި ނަމަވެސް ސެލްފީ ނަގާ ފަރާތްތައް ވެސް މަދެއް ނޫނެވެ.

ނަމަވެސް ނިއާލް ގްރޭ ނަމަކަށް ކިޔާ މި މީހާ 10 އަހަރުވަންދެން ކޮންމެ ދުވަހަކު ސެލްފީއެއް ނަގާފައިވަނީ މުޅިން ތަފާތު ބޭނުމަކަށެވެ. އުމުރުން 14 އަހަރުން ފެށިގެން 24 އަހަރު ވަންދެން ކޮންމެ ދުވަހު ސެލްފީއެއް ނަގާފައިވަނީ އޭނާގެ އުމުރުގެ ތަފާތު ދައްކުވައިދޭ ވީޑިއޯއެއް ތައްޔާރު ކުރުމަށެވެ.

''ފާއިތުވި ދިހަ އަހަރު ކޮންމެ ދުވަހަކު ވެސް އަހަރެންގެ ފޮޓޯއެއް ނަގަން. މިއީ އުމުރުން 14 އަހަރުން ފެށިގެން 24 އަހަރާއި ހަމައަށް އަހަރެން'' މިހެން ކެޕްޝަންގައި ލިޔެ ނިއާލް ވަނީ އޭނާގެ އުމުރުގެ ތަފާތު ދައްކުވައިދޭ ވީޑިއޯ ޓްވިޓާގައި ހިއްސާ ކޮށްފައެވެ.

1.4 ލައްކަ މީހުން ބަލާފައިވާ މި ވީޑިއޯއަށް ވަނީ އެތައް ބަޔަކު ކޮމެންޓް ވެސް ކޮށްފައެވެ. އުމުރުގެ ތަފާތު ދައްކުވައިދިނުމަށް ދިހަ އަހަރުވަންދެން ކޮންމެ ދުވަހަކު ފޮޓޯއެއް ނަގައި އެ ފޮޓޯތައް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ވީޑިއޯ ވަރަށް ފުރިހަމަ ކަމަށް އެއްބަޔަކު ކޮމެންޓް ކުރިއިރު އަނެއް ބަޔަކު ބުނެފައިވަނީ މިއީ ވަރަށް ''ކޫލް'' މަސައްކަތެއް ކަމަށެވެ.