(އައްޑޫ ސިޓީ، ހިތަދޫ) ތައުލީމީ ދާއިރާގައި އެތައް ދުވަހަކު ހިދުމަތް ކޮށްދީފިއެވެ. އަތޮޅާއި ރަށަށް ތައުލީމީ ޖީލެއް ބިނާ ކުރުމުގެ މަގްސަދުގައެވެ. ތައުލީމު ދިނުމަށް ބޭނުންވާ ތައުލީމު ހާސިލް ކުރުމަށް އެތައް ގުރުބާނީއެެއް ވެސް ވެއްޖެއެވެ. އެތައް މަސައްކަތެއްކޮށް އެތައް ވަގުތެއް ހޭދަކޮށްފިއެވެ. ލޯބީގެ މިސާލެކެވެ. މި ޖީލުގެ ޒުވާނުންނަށް ނަމޫނާއެކެވެ. ކިޔެވުމަށް ގަދަކަނޑެއްގައި ދަތުރުކޮށްފިއެވެ. އެކީގައެވެ. ތައުލީމީ ދާއިރާއިން ޑިގްރީން ފަށައިގެން ޕީއެޗްޑީ ހާސިލް ކުރެއްވީ އެކީގައެވެ. ސެޓްފިކެޓް ހޯދީ ވެސް އެކީގައެވެ.

ސ. އަތޮޅު ތައުލީީ މަރުކަޒުން ފެށުނު އެކުވެރިކަން، އެކުގައި ކިޔަވަން ސްރީލަންކާއަށް ކުރި ދަތުރުގެ ތެރެއިން، އުފެދުނު ލޯތްބާއެކު، ކައިވެނީގެ ގޮށް ޖަހާލީއެވެ. އެ ކައިވެނި މަތީގައި އަދިވެސް އެ ތިބީ އެތައް ބަޔަކަށް ނަމޫނާ ދައްކަމުންނެވެ. ތައުލީމީ މި ދެމަފިރިންގެ މި ދިގު ދަތުރު ފަސޭހައެއް ނޫނެވެ. އެކަމަކު ނިޔަތް އޮވެ ގަދަ އަޅައި މަސައްކަތް ކޮށްފިނަމަ ވާނެ ކަން ދައްކުވައިދީފިއެވެ. ކައިވެންޏަކީ ތައުލީމަށް އޮތް ހުރަހެއް ނޫން ކަން ސާބިތުކޮށްދީފިއެވެ. އާއިލާއެއް ބިނާ ކުރަމުން ވެސް ތައުލީމް ހާސިލް ކުރެވޭނެކަން ދައްކުވައިދީފިއެވެ. ދަރިން ބަލަމުންނެވެ. ދަރިންނަށް ކިޔަވައި ދެމުންނެވެ. އާއިލާ ދުރުގައި އަހަރުތައް ހޭދަ ކުރަމުންނެވެ.

މިއީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ.އާސިޔާތު މުހައްމަދު ދީދީ އާއި އޭނާގެ ފިރިމީހާ އަދި ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުން ގެންދާ ޑރ.އަހުމަދު އަދީލް ނަސީރުއެވެ. ދެ ބޭފުޅުންނާ ބައްދަލުވުމުގެ ފުރުސަތު ލިބުމުން އެންމެ ފުރަތަމަ އަހާލެވުނީ ދެބޭފުޅުން ދިމާވީ ކިހިނެއްތޯއެވެ؟

ޑރ. އާސިޔަތު އާއި ފިރިކަލުން ޑރ. އަދީލް

ދިމާވީ ޓީޗަރެއްގެ ވާޒީފާ އިން

ޑރ. އާސިޔަތަކީ މީގެ ކުރީގައި، ކެބިން ކްރޫއަކަށް ވުމުގެ ހުވެފެން ދެކެމުން އައި ބޭކަނބަލެކެވެ. މައިންބަފައިން އެކަމަށް ނުގަބޫލެވެ. ދެން ވާން ބޭނުންވީ މޮޅު ޝެފަކަށް ވުމަށެވެ. އެކަންވެސް ނުވިއެވެ. އެންމެ ފަހުން ސްކޫލް ނިންމާފައި، ފުރުސަތު ލިބެން އޮތް ދާއިރާއަކަށް ވަނީއެވެ. ލިބެން އޮތް ކޯހަކަށް ވަނީއެވެ. މިޑްލް ސްކޫލް ޓީޗިންގ ޑިޕްލޮމާ ކޯހެވެ. އިންސްޓިޓިއުޓް ފޯ ޓީޗަރ އެޑިއުކޭޝަންސް އިން ކިޔަވުމަށް ފަހު، އެނބުރި އައްޑޫއަށް އައިސް ވަޒީފާއަށް ވަނީ ސ.އަތޮޅު ތައުލީމީ މަރުކަޒަށެވެ. އޭރު ޑރ.އަދީލް ގެންދިޔައީ އެ ސްކޫލްގައި ހިސާބު މާއްދާ ކިޔަވައިދެމުންނެވެ. އޭރު އޭނާއަކީ އެ ސްކޫލްގެ ލީޑިންގ ޓީޗަރެކެވެ. ޑރ.އަދީލަކީ 10 ނިންމުމަށް ފަހު، އަލް މަދަރުސަތުލް އިސްލާމިއްޔާ ސްކޫލްގެ ވަގުތީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ފެށި ބޭފުޅެކެވެ. އެއީ 1998 ވަނަ އަހަރެވެ. އޭރު އުމުރުން 18 ވެސް ނުވެއެެވެ. އެ އަހަރު ނިންމާފައި ޑރ.އަދީލް ވަނީ އިންސްޓިޓިއުޓް ފޯ ޓީޗަރ އެޑިއުކޭޝަންސް ކޯހަކަށެވެ.

"އަޅުގަނޑު ސ. އަތޮޅު މަދުރާސާއަށް ވަނީ 2000 ވަނަ އަހަރު، އާސި ވަނީ 2001 ގައި، އޭރު ހަމަ ޖަސްޓް ކޮލީގްސް، މިޑިލް ސްކޫލް ޓީޗިންގ މެތްސް ކިޔަވާދެމުން ދިޔައީ، ދެމީހުން ވެސް". ޑރ.އަދީލް ވިދާޅުވިއެވެ.

ޑރ. އާސިޔަތާއި ޑރ. އަދީލްގެ ކުޑަކުޑަ އާއިލާ

ޑރ. އާސިޔަތު ތައުލީ ދާއިރާއަށް ވަދެގެން އެންމެ ފުރަތަމަ ސްކޫލަށް ގޮސް ކިޔަވައިދޭން ބޭނުންވީ ސައިންސް މާއްދާއެވެ. މިޑިލް ސްކޫލް ޓީޗިންގގައި އޭނާ ސައިންސް އާއި ހިސާބު މާއްދާ ކިޔެވިއެވެ. އެހެން ނަމަވެސް ސްކޫލްގައި ސައިންސް ކިޔަވައި ދޭން ޖާގަ ނުލިބުމުން، އޭނާ ދެން ކިޔަވައިދޭން ފެށީ ހިސާބެވެ. ދެ އަހަރު ދުވަހު އޭނާ ކިޔަވައި ދެމުން ގެންދިޔައީ ހިސާބެވެ.

ޑރ. އަދީލަކީ ހިސާބު އިލްމަށް ވަރަށް ލޯބިކުރާ ބޭފުޅެކެވެ. ތައުލީމް ހާސިލްކުރިއިރު އެ މާއްދާއިން ރަނގަޅު ނަތީޖާތަކެއް ވެސް ހޯދާފައިވެއެވެ. މެތެމެޓިކަލީ އިންޓަލިޖެންޓް ބޭފުޅެކެވެ.

ކައިވެނީގެ ގުޅުން ފެށެނީ ކިޔަވަން ލަންކާއަށް ކުރި ދަތުރުގެ ތެރެއިން!

ޑރ.އާސިޔަތު ވެސް ޑރ.އަދީލަކީ އަބަދުވެސް ކިޔެވުން ކުރިއަށް އިސްކޮށްގެން މަސައްކަތް ކުރައްވަމުންގެންދިޔަ ދެ ބޭފުޅުންނެވެ. އަބަދުވެސް ސިކުނޑީގައި ކިޔެވުން މިއީ ހަރުލާފައި ހުންނަ ކަމެކެވެ. ފުރުސަތަކަށް ބަލަބަލާ ތިބެނީއެވެ. ސްކޮލާޝިޕެއް އޮންނަ ނަމަ އެޕްލައި ކުރެއެެވެ.

"އެ ގޮތަށް ލަންކާގައި އޮތް ކޯހަކަށް އިއުލާނު ކުރީމަ، އެ ކޯހަށް އެޕްލައިކޮށްގެން އެ ކޯހަށް ހޮވުނީ، އިއްތިފާގުން އެ ކޯހަށް ދެ މީހުން ވެސް އެޕްލައިކޮށްގެން، ދެ މީހުން ވެސް ހޮވުނީ، އޭރު އެއް ތަނެއްގައި މަސައްކަތް ކުރަންޏާ އެނގޭނެތާ އެއްކޮށް ކަން އެޕްލައި މި ކުރަނީ، ދެ މީހުންނަށް އެއްކޮށް ލިބޭނެ ކަމަކަށް ނޫން، އެޕްލައި ކުރީމަ ދެމީހުންނަށް އެއްކޮށް ލިބުނީ"،

ތައުލީމީ ދާއިރާއަށް ބޮޑު ކާމިޔާބެއް ހޯދި ޑރ. އަދީލް - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ދެމީހުންވެސް ލަންކާއަށް ދިޔައީ އެޑްވާންސް ޑިޕްލޮމާއިން ޓީޗީންގ އިންގްލިޝް ލެންގުއޭޖް އަށް ކިޔެވުމަށެވެ. އެހެން ނަަމަވެސް އަމިއްލައަށް މަސައްކަތްކޮށްގެން އެ ކޯސް ޑިގްރީ ކޯހަކަށް ބަދަލު ކުރިއެވެ. ނިންމާފައި އައީ ބެޗްލާސް ޑިގްރީ ހާސިލްކޮށްގެންނެވެ.

ހަތަރު އަހަރުގެ އެ ކޯސް ފެށީ އެކުގައެވެ. ނިންމީ އެކުގައެވެ. އެ ކޯސް ފަށައިގެން ފަހު އަހަރު ތެރޭގައި ދެ މީހުން ކައިވެނި ކުރަން ބޭނުންވީއެވެ. އެއީ ރަހުމަތްތެރިކަމުގެ ގުޅުމުން އުފެދުނު ލޯބީގެ ގުޅުމެކެވެ. ރާއްޖެ އައިސް ކައިވެނި ކުރުމަށްފަހު، އެނބުރި ލަންކާއަށް ކިޔެވުން ނިންމާލަން ދިޔައެވެ. އެނބުރި އައިއިރު، ޑރ.އާސިޔަތު އަލަތު ދަރިފުޅަށް އިނީ ބަލިވެ އެވެ.

"ގުޅުމަކީ މިއީ އެކުގައި އުޅެން ފެށީމަ ވާ ކަމެއް، އެކަަކު އަނެކަކަށް ދަސްވުންތާ މީގެ އޮންނަނީ، ދެ މީހުން އެއްކޮށް އުޅެ އެކަކު އަނެކަކަށް ފަރިތަވެ ވާހަކަތައް ހިއްސާ ކުރެވި، އެގޮތަށް އައިސް. މިއީ އަހަރުންނަށްވެސް ނޭނގޭ އަހަރުންނަށް ގުޅުން ފެށުނު ކަމެއް ވަކި ހިސާބަކުން މި އެނގުނީ". ޑރ.އަދީލް ވިދާޅުވިއެވެ.

ޑިގްރީ ނިންމާފައި ދެ މީހުން ދެ ސްކޫލަށް!

ޑިގްރީ ނިންމާފައި އައިސް، ޑރ. އާސިޔަތު ވަނީ މުހިއްބުދީން ސްކޫލަށެވެ. އެތާގައި އޭލެވެލް އިނގިރޭސި ޓީޗަރަކަށެވެ. ވަޒީފާއަށް ރަނގަަޅަށް ދާން ފެށިއިރު، ފުރަތަަމަ ދަރިފުޅު ލިބުނެވެ.

ޑރ. އަދީލް އެއިރު މަސައްކަތް ކުރަމުން ދިޔައީ އިސްލާމިއްޔާ ސްކޫލްގައެވެ. އެ ސްކޫލްގައި އެކެޑަމިކް ސުޕާވައިޒަރެއްގެ ގޮތުގައި އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ސްކޫލްގެ މެނޭޖްމެންޓް ލެވެލްގައި އޭނާ މަސައްކަތް ކުރަމުންގެންދިޔައިރު، ދޭތެރެ ދޭތެރެއިން ދިޔަައީ، ކުދިންނަށް އިނގިރޭސި މާއްދާ ކިޔަވާދެމުންނެވެ.

ޑިގްރީން ފެށިގެން ކިޔަވަން ފެށީ އެކުގައި، ޕީއެޗްޑީ ނިންމާލީ އެކު އެކީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މާސްޓާސްއަށް މެލޭޝިއާއަށް

މަތީ ތައުލީމްގެ ފުރަތަމަ މަރުހަލާތައް ނިންމަން ފެށި ދަތުރު ކާމިޔާބު ކަމާއިއެކު ނިންމާލިއެވެ. މާސްޓާސް ކިޔަަވަން ފަށައިގަތެވެ. އަބަދުވެސް ފުރުސަތަކަށް ބަލަބަލާ ތިބެއެވެ. އަބަދުވެސް ތިބެނީ ތައްޔާރަށެވެ. މި ދެމަފިރިން ދަތުރު ފެށީ މިފަހަރު މެލޭޝިއާއަށެވެ. ދަރިފުޅު ގޮވައިގެން މާސްޓާސް ކިޔަވާށެވެ. މެލޭޝިއާގެ މަލާޔާ ޔުނިވާސީން އެޑިޔުކޭޝަން އިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ފުރިހަމަ ކުރިއެވެ.

"ކައިވެނި ކުރި ފަހުން އަޅުގަނޑުމެން މި ދަނީ އެކު އެކީގައި، ވަރަށް ގިނަ މީހުން ބުނާ ވާހަކައެއް، ތިކަމެއް ނުކުރެވޭނެއޭ އެއްކޮށެއް. އެއީ، މައިންބަފައިންވެސް ބުނި ވާހަކައެއް، އެއްކޮށް ކުރިއަށް ނުދެވޭނެއޭ، ނުގެންދެވޭނެއޭ، އެއީ ފައިނޭންޝިއަލީ އާއެއްކޮށް ބަލާފައި، އަދި އޭގެ އިތުރަށް ކުއްޖަކު ހުރީމައާވެސް އެއްކޮށް، އަދި ކުއްޖާ ކުޑަވުމާއި އެކު ކުއްޖާ ބަލަންވެސް މީހަކު ދާން ޖެހޭނެތާ. އެ ހުރިހާ ކަންކަމަށް ބަލާފައި އެންމެންގެ ވިސްނުން ހުރީ ނުދެވޭނެއޭ، ދެ މީހުންނަށް އެކުގައި ކޯހެއް ލިބުންވެސް ނާދިރުތާ، އެއްތަނަކުން، އެހެން ނަމަވެސް އެ ހުރިހާ ކަމެއްވެސް ﷲގެ ހެޔޮ ރަހުމަތުން ދިމާވީ މަސައްކަތް ކުރީމަ"

ޑރ. އަދީލް އާއި ޑރ. އާސިޔަތުގެ އާއިލާ

އެ ޔުނިވާސިޓީއަށް ކިޔަވަން ދިޔައީ ސްކޮލާޝިޕެއް ލިބިގެން ނޫނެވެ. އާއިލާގެ އެހީތެރިކަމާއި އެކުގައެވެ. އަދި ޕޭލިވްވެސް ލިބިގެންނެވެ. ނަމަވެސް ދެބޭފުޅުން ބައެއް ކަންކަން ބެލިއެވެ. މާސްޓާސް ހަދަން އަގުހެޔޮ ޔުނިވާސިޓީއެއް ބެލިއެވެ.

"މަސައްކަތް ކުރުން މި އޮންނަނީ، ވަކި ކަންތައްތަކެއް ފުރިހަމަ ވަންދެން މަސައްކަތް ކުރުން، މަޑު ނުކުރުން މިއޮންނަނީ، މިސާލަކަށް ދަރިފުޅު ބޮޑުވީމައޭ ދާނީ، ފައިސާ ލިބުނީމައޭ ދާނީ، ގެ އެޅުނީމައޭ ދާާނީ، އެހެން ބަލާ ކަމުގައި ވަންޏާ ނުއެއް ދެވޭނެ" ޑރ. އަދީލް ވިދާޅުވިއެވެ.

މާސްޓާސް ނިންމާފައި އައިސް ޑރ. އާސިޔަތު ވަނީ ހިތަދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްއަކަށެވެ. އެއިރު ޑރ.އާސިޔަތުގެ ދެވަނަ ދަރިއަކަށް އިނީ ބަލިވެއެވެ.

ޑރ. އަދީލް ފަންގްޝަނެއްގައި

ޑރ. އަދީލް އައިސް މަސައްކަތް ކުރީ އެޑިޔުކޭޝަން ޔުނިޓްގެ ޑެޕިޔުޓީ ޕްރިންސިޕަލެއްގެ މަގާމުގައެވެ.

ވަޒީފާއަށް ނުކުމެ ދެން ވިސްނުން ހުރީ އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އެޅުމަށެވެ. ޕީއެޗްޑީ ހާސިލް ކުރުމަށެވެ. ނަސީބުކަން ދިމާކުރިގޮތުން ދެބޭފުޅުން އެކުގައި ޕީއެޗްޑީ ހާސިލް ކުރުމަށް ފުރުސަތު ލިބުނެވެ.

ޕީއެޗްޑީ ދަތުރު ބުރަ ބޮޑު، ދުލެއް ނުދިން!

މިއީ ފަސޭހަ ދަތުރެއް ނޫނެވެ. ބޮޑު ހަރަދެއް ދާނެ ކަން ޔަގީންވާ މި ދަތުރަކީ ކާމިޔާބު ދަތުރަކަށް ނުވާނެ ކަމަށް ފުރަތަަަމަ ހީކުރެވުނެވެ. ދެ ބޭފުޅުން އެއްކޮށް ކިޔަވަން ދިއުމަކީ ބޮޑު ހަރަދެއް ދާނެ ކަމެއް ކަން އެނގެއެވެ. އެކަމަކުވެސް މަސައްކަތް ހުއްޓާ ނުލިއެވެ. ދިޔައީ ކުރިއަށެވެ. މިގޮތުން ދުނިޔޭގެ އެކި ތަންތަނުން ހުޅުވާލި ޕްރޮގްރާމްތަކަށް އެޕްލައި ކުރަމުން ދިޔައެވެ. ނަސީބު ކަންދިމާކުރިގޮތުން ބްރޫނާއީ ރަސްގެފާނުގެ ސްކޮލާޝިޕެއް، ޑރ.އަދީލަށް ހަަމަޖެހުނެވެ. ނަމަވެސް ޑރ. އާސިޔަތަށް އެ ސްކޮލާޝިޕެއް ނުލިބުނެވެ. ލިބުނީ ޕްލޭސްމެންޓް އެކަންޏެވެ.

ޑރ. އަދީލް ޕީއެޗްޑީ ހާސިލް ކުރެއްވީ ބްރޫނާއީގައި

މި ގޮތަށް ކަން ދިމާވުމުން ބޮޑު ވިސްނުމަކަށް ދާން ޖެހުނެވެ. ހަދަންވީ ގޮތެއް ނޭނގުނެވެ. ދާންވީ އެކަނިތޯ އަނބިކަނބަލުން ބަހައްޓާފައިތޯ ނޫނީ ކިހިނެއްތޯ ބެލިއެވެ. އެންމެ ފަހުން އާއިލާގެ އެހީތެރިކަމާއެކު އެ ދަތުރު ފެށިއެވެ. ދެ ދަރިންނާއިވެސް އެކުގައެވެ. ބްރޫނާއީއަކީ ބޮޑު ހަރަދެއް ދާ ގައުމަކަށް ވުމުން، ވަރަށް މަސައްކަތް ކުުރިއެވެ. އެއީ ފައިސާގެ ހަރަދު ބޮޑު ގައުމެކެވެ. ނަމަވެސް ދެ އާއިލާގެ ބޮޑު އެހީތެރިކަމަކާއިއެކު ދަތުރު ފެށިއެވެ. އެ ދަތުރު ފެށީ އަތުގައި ފައިސާއަށް ހެދެން ހުރި ހުރިހާ އެއްޗެއްވެސް ވިއްކާލުމަށް ފަހުއެވެ. ސައިކަލާއި ޓީވީވެސް ވިއްކާލިއެވެ.

"މީގައި ނިޔަތް ގަތުން މުހިންމީ، ނިޔަތް ގަތީމަ ހުރިހާ ކަމެއް ބަރާބަރުވާނެ، އެވަގުތު ސެޓްލްވާން ބޭނުންވީ ކޭޝް، އަތުގައި ހުރި ކޭޝްއަށް ހެދެން ހުރި ހުރިހާ އެއްޗެއް ވިއްކާލީ، އެވަގުތު ބޭނުންވީ އޮޕަޗުނިޓީގެ ބޭނުން ކުރަން" ޑރ.އަދީލް ވިދާޅުވިއެވެ.

އެއިރު ދެމަފިރިންގެ ބޮޑު ދަރިފުޅަށް ވާނީ ހަތަރު އަހަރެވެ. ކުޑަ ދަރިފުޅަށް އެއް އަހަރެވެ. ޑރ.އަދީލަށް ބްރޫނާއީ ރަސްގެފާނު ދެމުންގެންދާ ފައިސާ، އަދި އާއިލާގެ ފަރާތުން ލިބޭ ފައިސާއިން ހަމަޖައްސާލައިގެން އުޅޭއިރު، ބޮޑު ދަރިފުޅު ސްކޫލަށްވެސް ވައްދައިގެން ދިޔައީ ކަންކަން މެނޭޖް ކުރަމުންނެވެ. އަދި ޔުނިވާސިޓީ އާއި ވާހަކަދައްކައިގެން ކޯހަށް ފައިސާ ދެއްކޭނެ ލުއި ގޮތްތަކެއްވެސް ހޯދިއެވެ.

ޑރ. އާސިޔަތުވެސް ޕީއެޗްޑީ ހާސިލް ކުރެއްވީ ބްރޫނާއީގައި

ޑރ. އާސިޔަތު ވިދާޅުވިގޮތުގައި، ބްރޫނާއީ އަށް ގޮސް ސެޓްލްވި ފަހުން، އެކުގައި ދަރިން ބަލަން ދިޔަ މީހާ އެނބުރި ރާއްޖެ އަންނަން ބޭނުންވިއެވެ. އެއާއެކު އިތުރު ޗެލެންޖްތަކެއް ކުރިމަތިލާން ޖެހުނެވެ. ބައެއް ދުވަސް ދުވަހު ދަރިން ގޮވައިގެން ޔުނިވާސިޓީއަށް ދެއެވެ. އެތަނުގެ ލެކްޗަރާއިންނަކީ ވަރަށް ރަނގަޅު ބައެއްކަމުން ބައެއް ދުވަސް ދުވަހު ކްލާސް ގަޑީގައި ވެސް ދަރިފުޅު ގޮވައިގެން ދެބޭފުޅުން ތިބެއެވެ. ބައެއް ފަހަރު ދެ ބޭފުޅުން ދެ ގަޑީގައި ވެސް ކިޔަވަން ދެއެވެ.

"ބައެއް ދުވަހު ބޭބީ ނިންދަވައިގެން އުނގުމަތީ ބާއްވައިގެން ކްލާސްތަކަށް އެޓެންޑް ވަނީ، އެ މީހުންނަށް އެއީ މައްސަލައެއް ނޫން ބޭބީ ގޮވައިގެން ތިބުން، އެ މީހުން ވަރަށް ސަޕޯޓިވް، ބައެއް ފަހަރު ރޫމްގެ މޭޒު މަތީ ނިންދަވާލައިގެން ވެސް ހަމަ ކިޔަވަން ތިބެން". ޑރ.އާސިޔަތު ވިދާޅުވިއެވެ.

ޑރ. އާސިޔަތުގެ ބްރޫނާއީގެ ދަތުރުގެ ތެރެއިން ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ.ޚަލީލްގެ އެހީތެރިކަން ލިބުނު ކަމަށް ދެ ބޭފުޅުން ވެސް ފާހަގަކުރިއެވެ.

ދެބޭފުޅުން ކިޔެވުން ނިންމާލި އަހަރެވެ. އެންމެ ބުރަ ބޮޑު އަހަރުގައި ރާއްޖޭގައި އޮތް ލޯނުގެ ފުރުސަތަކަށް ޑރ. އާސިޔަތު އެޕްލައިކުރުމުން ހޮވުނެވެ. އެއާއެކު ދެވަނަ ދަރިފުޅު ސްކޫލަށް ވެއްދިއެވެ. އަދި ކޯހުގެ އެކި ކަންކަމަށް އެ ފައިސާ ވެގެން ދިޔައީ ބޮޑު ލުޔަކަށެވެ. ބޮޑު ރަހުމަތަކަށެވެ.

ޑރ. އާސިޔަތާއި، ޑރ އަދީލަށް ޕީއެޗްޑީއާ ހަމައަށް ދެވުނީ ގިނަބަޔައެއްގެ އެހީތެރިކަމާއިވެސް އެކުގައި

ޕްރޮފެޝަނަލް ޑިވޮލޮޕްމަންޓްއިން ދެބޭފުޅުން ވެސް ޕީއެޗްޑީ ނިންމާލީ ޔުނިވާސިޓީ ބްރޫނާއީ ދާރުއްސަލާމްއިންނެވެ.

އެނބުރި ރާއްޖެއަށް، މަގުސަދަކަށް އޮތީ އައްޑުއަށް ހިދުމަތް ކުރުން!

ޕީއެޗްޑީ ނިންމުމަށް ފަހު، ދެ ބޭފުޅުން ވެސް ރަށަށް ހިދުމަތް ކުރުމަށް އެނބުރި އައީ ރަށަށެވެ. މާލެ ދާން ރަނގަޅު ފަރުސަތުތަކެއް ލިބުނެވެ. ނަމަވެސް ބޭނުންވީ ރަށްފުށުގެ ދިރިއުޅެމެވެ. ޑރ. އާސިޔަތު ޕީއެޗްޑީ ނިންމާފައި އައިއިރު، ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމު ހުސްކޮށް އޮތުމުން އެތަނަށް އެޕްލައިކުރިއެވެ. 2014 ވަނަ އަހަރު އެތަނުގައި މަސައްކަތް ފެށި ގޮތަށް އޭނާ އެ ހުރީ އެތަނުގައެވެ. ސްކޫލްގެ މެނޭޖްމެންޓް ލެވެލްގައި ގިނަ އަންހެން ބޭފުޅުންނާއެއެކު ކުރިއަށް ދަނީ އެވެ. އޭނާ ދަނީ ރާއްޖޭގެ އެކި އެކި ޔުނިވާސީޓީތަކާއި، ކޮލެޖްތަކަށް ގޮސް ކިޔަވާދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ޑރ. އާދިލް އާއި ޑރ. އާސިޔަތު އާއިލާއާއެކު

"އެންމެ ބޮޑު ޗެލެންޖަކީ އައްޑޫގައި ތިބުން، އަޅުގަނޑުމެން ޕީއެޗްޑީ ނިންމާފައިވެސް ބެލީ އައްޑޫއަށް އަންނަން".

ޑރ. އަދީލް އެނބުރި އައިސް އުޅުނީ ޝަރަފުއްދީން ސްކޫލްގެ، ޕްރިންސިޕަލްއަކަށެވެ. ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ކިޔަވާދެމުން ދެެއެެވެ. ފަހުން ސިޔާސީ ދާއިރާއަށްވެސް ވަނެެވެ. މިހާރު އުޅެނީ އަމިއްލަ ވިޔަފާރީގެ ތެރެެއިން ތައުލީމް ކުރިއަރުވާށެވެ. އަމިއްލަ ޕްރީ ސްކޫލެއް ހިންގުމުގެ މަސައްކަތް ޑރ. އަދީލް ފަށައިގަތްއިިރު، މުސްތަގްބަލްގައި އެ ވިޔަފާރި ފުޅާވެ، ޕްރައިމަރި ސްކޫލަކުން، ސެކަންޑަރީ ސްކޫލަަކަށް ހަދާނެކަމުގެ އުއްމީދު އެބަ އޮތެވެ. އަދި އަމިއްލަ ހަޔާ އެޑިއުކޭޝަން އިންސްޓިއުޓެއް އުފެއްްދުމުގެ ވިސްނުންވެސް އެބަ ހުއްޓެވެ.

މިހާރު މިދެމަފިރިންގެ ތިބެނީ ތިން ދަރިންނެވެ. ދަރިންނާއި މެދު ކުރަމުންދާ އުއްމީދުވެސް ބޮޑެވެ. މި ދެމަފިރިންގެ މެސެޖެއް ވެސް އެބަ އޮތެވެ. ތައުލީމު ހާސިލް ކުރަން ބޭނުންވާ މި ޖީލުގެ ކޮންމެ ޒުވާނަކަށެވެ. އެއީ ތައުލީމު ހާސިލްކުރުމާއި އާއިލާ ބިނާކުރުމުގެ މަސައްކަތް އެކުގައި ކުރެވޭނެ ކަމެވެ. ދުނިޔޭގެ ފުރުސަތުތައް މަދެއް ނޫނެވެ. ހޯދަން އުޅެފިނަމަ، ފެންނާނެއެވެ. ދޫ ނުދީ މަސައްކަތް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސަ

    ދެމީހުން ސިޔާސީ ދާއިރާ އަށް ވަނީމަ، އޮންނާނީ ތައުލީމީ ޖީލެއް ބިިނާވެފަ، ވަކިވަރަކަށް ކިޔެވުނީމަ،ނުވަތަ އާންމުންގެ ލޯތަކަށް ފެނުނީމަ އެވީ ސިޔާސީ ކުޅިގަނޑު ފަށަން

    27
    10
  2. މެކްސް

    ހިތްހެޔޮ ދެބޭފުޅުން. މަތިވެރި އަޚުލާގާއި ހިތްތިރި ކަމުގެ މިސާލީދެބޭފުޅުން. ހެޔޮ ދުޢާ ސަލާމް.

    28
    8
  3. ރާނީ

    ދިރިއުޅުމުގައި ދިމާވާ ކޮންމެ ގޮންޖެހުމަކާ ވެސް ކުރިމަތިލާ ކާމިޔާބު ކުރުމަށް ހިއްވަރާ ސާބިތު ކަމާއެކު މަސައްކަތް ކޮއްފި ނަމަ ކާމިޔާބު ވާނެކަމުގެ ފުރިހަމަ މިސާލެއް، މަރުހަބާ ދެ ޑޮކްޓަރ އަށް

    30
    3
  4. ރަނގަޅު

    މަރުޙަބާ

    23
    2
  5. ސޯލްޖާ

    ޒުވަަނުންނޭވެ ވިސްނާށެވެ. ކުޅިވަރާ މަޖަލުގަ މުޅި ޒުވާން އުމުރު ހޭދަނުކޮށް ތައުލީމު އުނގެނި ގައުމު ބިނާ ކުރުމުގަ ބައިވެރިވާށެވެ. ދެކަނބަލުންގެ ހިތްވަރަށް ސާބަސް ރައްދު ކުރަމެވެ. އަދި އިތުރު ކާމިޔާބަށް އެދެމެވެ.

    31
    1
  6. ޢަބްދުﷲ ޝަރީފް/ ރ.މީދޫ

    ވަރަށް ހިތްވަރުގަދަ ދެކަނބަލުންނެވެ. ވަރަށް ބޮޑަށް މަރުޙަބާއެވެ. ތިއީ މިއަދުގެ ޖީލަށް ނަމޫނާ ދައްކުވައިދެއްވި މެމަފިރިކަނބަލުން ކަމަށް ޤަބޫލުކުރަމެވެ. އަދި ތިޔަ ހޯއްދެވި ޢިލްމާއި ތަޖުރިބާ މިޖީލުގެ ކުދިންނަށް ފޯރުކޮށްދެއްވާނެކަމަށް އުއްމީދު ކުރަމެވެ.

    26
    2
  7. ޞޮއްޓި

    އަމިއްލަޔަށް ޕްރޮމޯޓުވާ 2 ބޭފުޅުން!

    17
    40
  8. އިލްމާ

    ޢިލްމް ލިބިފަ ހުއްޓަކަސް ހިލްމް ނެތީޔާ ކަޑަ. މިހާރު އެކަމުގެ މަލަމަތި ފެންނަމުން އެބަދޭ

    16
    5
  9. ޢަލީ

    ދެ ބޭފުޅުންނަށްވެސް ވަރަށްބޮޑަށް މަރުޙަބާ،

    8
    2
  10. السلام

    الحمد لله شكر

    10
  11. ޖާނޫ

    އައްޑޫ އަށް ބެނުންވަނީ މިފަދަ ތަޢުލީމީ ބޭފުޅުން. ރަށަށް ކިދުމަތް ކުރާނެ ތައުލީމީ ގާބިލު މީހުން. މަރުޙަބާ!

    11
  12. ޑރ . ނާޒް

    މިދެބޭފުޅުންގެ ހިތްވަރާއި މަސައްކަތުން ހޯދި ފުރިހަމަ ކާމިޔާބީއަކީ، މަތީ ތަައުލީމް ހާސިލްކުރަން އުންމީދުކުރާ ކުދިންނައް ދައްކުވައިދިން ރީތި ނަމޫނާއެއް. ދިރިއުޅުން ބިނާކުރަމުންވެސް ކިޔެވިދާނެކަން، ހުވަފެންތައް ހަގީގަތައް ހެދޭނީ މިންނެތް މަސައްކަތާ، އަަޒުމް ވަރުގަދ ކޮއްގެންކަން. ހަމަ ކުރިޔައް ވަޑައިގަންނަވާ.

    4
    1
  13. ޑރ. ނާޒް

    މި ދެބޭފުޅުންގެ ހިތްވަރާއި މަސައްކަތުން ހޯދި ކާމިޔާބީއަކީ، މަތީ ތައުލީމް ހާސިލްކުރަން އުންމީދުކުރާ ހުރިހާ ކުދިންނައްވެސް ދެއްކި ރީތި ނަމޫނާއެއް. ދިރިއުޅުން ބިނާކުރަމުންވެސް ކިޔެވިދާނެކަން ދައްކައިދިން ރީތި މިސާލެއް. ހުވަފެންތައް ހަގީގަތައް ހެދެނީ މިންނެތް މަސައްަތާ، އަޒުމް ވަރުގަދަކޮއްގެންކަން ހާމަ ކޮއްދީފި!މިފަދަ ނަމޫނާތައް ދައްކުވައިދޭ ފަހުރުވެރި ދިވެހިދަރިން ހެނުމުން އުފާވޭ! ހަމަ ކުރިޔައް ވަދައިގަންނަވާ!