ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ސިންގަޕޫރުގައި ވަގަށް ލޯބިވެރިއާއާއި ބައްދަލު ކުރި އަންހެނަކު 5 މަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖަލަށް ލާން ހުކުމް ކޮށްފައިވަނީ އުމުރުން 65 އަހަރު އޯ ބީ ހޮކް ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ބައްދަލު ކޮށްފައިވަނީ 72 އަހަރުގެ ލިން އަންގް ހޮންގް ނަމަކަށް ކިޔާ މީހަކާއެވެ.

ލިން އަންގް ހޮންގް އަކީ ކޮވިޑް-19 ޖެހޭ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގައި ހަރަކާތްތެރިވަމުން އަންނަ މީހެއް ކަމުން އޯ ބީ ވަނީ އާއިލާއަށް ސިއްރުން އެ ފިރިހެން މީހާއާއި ބައްދަލު ކޮށްފައެވެ. އެގޮތުން ބަލާއިރު ހަފްތާއަކު 5 ދުވަހު އޭނާ ބައްދަލު ކުރާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެ އަންހެން މީހާ ކޮވިޑް-19 އަށް ފައްސިވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް އެންގުންތަކާއި ހިލާފަތްވެސް އެ ދެމީހުން ވަނީ ބައްދަލު ކޮށްފައެވެ.

އޭނާއަށް ހުކުމް ކޮށްފައިވާ ކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމީހުން ބައްދަލު ކުރާ ކަން އާއިލާ މީހުންނަށް އަންގަން ބޭނުން ނުވާ ކަމަށާއި އެގޮތަށް ލޯބީގެ ގުޅުމެއް ކަން އެނގިއްޖެ ހާލަތެއްގައި އެކި ކަހަލަ ވާހަކަތަކެއް ދައްކާނެ ކަމަށެވެ.

އެ ދެމީހުން ބައްދަލުވެފައިވާކަން ކަށަވަރު ވެފައިވަނީ އެމީހުން ދުއްވާފައިވާ ކާރު ޕާކް ކޮށްފައިވާ ތަންތަނާއި ސީސީޓީވީތަކާއި ފޯނު ރިކޯޑިންތަކުންނެވެ.

ކޮވިޑް-19 އަށް ފައްސިވެ އެ އަންހެން މީހާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި ބޭއްވިފަހުންވެސް އޭނާ ވަނީ އެ ފިރިހެން މީހާއަށް ގުޅައި އެ މީހުން ވަގަށް ބައްދަލުކުރި ވާހަކަ ސިއްރު ކުރުމަށް އެދިފައެވެ. އޭގެ ފަހުން އެ ފިރިހެން މީހާ ބައްޔަށް ފައްސިވެފައިވަނީ މާޗް މަހުގެ ތެރޭގައެވެ.

އޭނާއަށް ހުކުމް ކުރި ގާޒީ ބުނެފައިވަނީ އޭނާ އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަކީ އެއީ ވަރަށްވެސް "އަމިއްލަ އެދުން" ބޮޑު ކަމެއް ކަމަށާއި އެފަދަ ހާލަތަކީ އެއީ ބަލި ކޮންޓްރޯލް ކުރުމަށް އެއްބާރުލުން ދޭން ޖެހޭ ވަގުތެއް ކަމަށެވެ.

އެގައުމުގައި އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ މަދުވެގެން 7،500 އެމެރިކާ ޑޯލަރުން ޖޫރިމަނާ ކުރެއެވެ. ނޫނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ބައެއް ހާލަތްތަކުގައި މި ދެ އަދަބު އެއްކޮށްވެސް ދެއެވެ.

ކިޔުންތެރިންގެ ހިޔާލު