ރިތިކް ރޯޝަންގެ އުފަންދުވަހުގެ ތަހުނިޔާތައް އޭނާގެ ސަޕޯޓަރުން ފޮނުވަމުންދާއިރު ރިތިކްގެ އެންމެ ބޮޑު ސަޕޯޓަރު، ބޮލީވުޑުގެ އެކްޓަރ ޓައިގަރ ޝްރޯފް އޭނާގެ ''ގުރޫ''އަށް އުފަންދުވަހުގެ ތަހުނިޔާއާއި އެކު ރިތިކްއަށް އޭނާ ކުރާ ސަޕޯޓް ވެސް ފާހަގަ ކޮށްފައިވެއެވެ.

އުމުރުން 4 އަހަރުން ފެށިގެން ރިތިކްއަށް ހާއްސަ ސަމާލުކަމެއް ދެމުންއައި ޓައިގަރ ޝްރޯފް ރިތިކްގެ އުފަންދުވަހުގެ ތަހުނިޔާގައި ބުނެފައިވަނީ ޓައިގަރއަށް ދަސްކޮށްފައިވާ ކޮންމެ އެއްޗެއް ދަސްކޮށްފައިވަނީ ރިތިކްގެ ފަރާތުން ކަމަށެވެ.

ޓައިގަރ ޝްރޯފްގެ އިންސްޓަގުރާމު އެކައުންޓް ސްޓޯރީގައި ފިލުމު ''ވަރ''ގެ ބައެއް މަންޒަރުތައް ހިއްސާކޮށް ޓައިގަރގެ ހީރޯ ރިތިކްއަށް އުފާވެރި އުފަންދުވަހަކަށާއި ދުޅަހެޔޮ ސިއްހަތަކަށް އެދިފައިވެއެވެ. އަދި މިހާރު ވެސް ހިތްވަރާއިއެކު މަސައްކަތް ކުރާ ފަދައިން ކުރިއަށް އޮތްތާންގައި ވެސް އެގޮތުގައި މަސައްކަތް ކުރުމަށް އެދިފައިވެއެވެ.

ރިތިކްއާއި އެކު ފިލުމެއްގައި މަސައްކަތް ކޮށްލުމުގެ ހުވަފެންތައް ދެކެމުންއައި ރިތިކްގެ އެންމެ ބޮޑު ސަޕޯޓަރ ޓައިގަރއަށް އެ ފުރުސަތު ވަނީ 2019 އަހަރު ފިލްމު ''ވަރ''އިން ލިބިފައެވެ.

ރިތިކްއާއި ޓައިގަރގެ ގުޅުން އެންމެ ކައިރިން ދުށް އެކަކު ކަމުގައިވާ ޓައިގަރ ޝްރޯފުގެ ބައްޕަ ޖެކީ ޝްރޯފު ބުނެފައިވަނީ ރިތިކްއަކީ ޓައިގަރގެ އައިޑޮލްއެއްގެ ގޮތުގައި އެންމެ ކުޑައިރުއްސުރެ ބަލަމުން އަންނަ ކަމަށެވެ.

1993 ވަނަ އަހަރު ފިލުމު ''ކިންގް އަންކަލް''ގެ ޝޫޓިންއަށް ޖެކީ ދިޔައީ އުމުރުން 4 އަހަރުގެ ޓައިގަރ ގޮވައިގެން ކަމަށާއި އެއިރު ރިތިކްއަކީ އެ ފިލުމުގައި އޭނާގެ ބައްޕަ ރާކޭޝް ރޯޝަންގެ އެސިސްޓެންޓް ޑައިރެކްޓަރ ކަމަށާއި ހުސްވަގުތުތަކާއި ޖެކީގެ ޝޫޓިންގެ ވަގުތުތަކުގައި ރިތިކް ވަގުތު ހޭދަކޮށްފައިވަނީ ޓައިގަރއާއި އެކު ކަމަށް ވެސް ޖެކީ ބުނެފައިވެއެވެ.

އެއިރުއްސުރެ ރިތިކްއަކީ އޭނާގެ ''ގުރޫ''އެއްގެ ގޮތުގައި ބަލައިގަނެފައިވާ ކަމަށާއި ރިތިކްއަކީ ފިލުމުގައި އަދި އަސްލު ދިރިއުޅުމުގައި ވެސް ޓައިގަރގެ ''ގުރޫ'' ކަަމަށް ޖެކީ ބުނެފައިވެއެވެ.