މީހަކު ހާލު ކިހިނެތްހޭ އަހައިފި ނަމަ ކިތަންމެ ދެރަ ހާލުގައި އުޅުނަސް ގިނަ ފަހަރު ޖަވާބު ދެވެނީ "ރަނގަޅޭ" ބުނެއެވެ. ބޮޑުވަރަކަށް އެކަހަލަ ގޮތެކޭ ބުނެފާނެއެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް ހާލު ގޯސް ކަމަށް ދައްކާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު ހާލު ހަގީގަތުގައި ވެސް ރަނގަޅު ހެއްޔެވެ؟ ރަނގަޅު ނޫން ނަމަ، ހާލު ރަނގަޅޭ ބުނެވެނީ ކީއްވެބާއެެވެ؟

ހާލު ރަނގަޅޭ ބުނަނީ ކުރެވޭ އިހުސާސްތައް ބަންޑުންކޮށްލަން އުނދަގޫވަމުންނެވެ. މީހަކު ހާލު ކިހިނެތް ހޭ އެހި ނަމަވެސް އެއަަށް ޖަވާބުދޭން އެހާ އުނދަގޫ ވަނީ ދެރަވި ނަމަވެސް އެ އިހުސާސްތައް ބަޔާން ކުރަން އުނދަގޫވުމުންނެވެ. އޭގެ ބަދަލުގައި ރަނގަޅޭ ބުނެފައި ނިންމާލަން ފަސޭހަ ވަނީއެވެ.

ސައިކޮލޮޖިސްޓް ކޯލޭ ހެލްތް ލައިންގައި ޝާއިއު ކުރި ލިޔުމެއްގައި ބުނެފައި ވަނީ ކިހިނެތް ހޭ އެހުމަށް ވުރެ އެެހެން ގޮތް ގޮތުން އޭނާގެ ހާލު ދެނެގަންނަން ނޫނީ ހާލު ރަނގަޅުކޮށްދޭން މަސައްކަތް ކުރުން މާ ރަނގަޅުވާނެ ކަމަށެވެ. މިސާލަކަށް އެ މީހަކު އުފާވާ ކަމެއް ނޫނީ ކަންތައްތަކެއް ކޮށްދިނުން މާ ރަނގަޅުވާނެ ކަަމަށްް އޭނާ ބުނެއެވެ.

އޭނާ ބުނާ ގޮތުން ހާލު ރަނގަޅު ނުވި ނަމަވެސް ރަނގަޅޭ ބުނާ ސަބަބަކީ އިންސާނުންނަކީ ވާހަކަތައް ހިއްސާކުރުމުގެ ކުރިން ރަނގަޅު ގުޅުމެއް އޮންނަން ބޭނުންވާ މީހުންނަށް ވާތީއެވެ. އެ އިހުސާސެއް ބޭރުކޮށްގެން އެކަމަށް ސަމާލުކަން ނުލިބުމާއި އެހެން މީހުން ހީކޮށްފާނެ ގޮަތަކާ މެދު ބިރު ހީވާތީ ވާހަކަތައް ހިއްސާކުރަން ވެސް ނުކެރެނީއެވެ.

އާއްމުކޮށް ހީވެފައި އޮންނަ ގޮތާ ޚިލާފަށް އިހުސާސްތައް ބޭރުކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެއީ ބައެއް މީހުންނަށް ވަަރަށް ދަތި އުނދަގޫ ކަމެކެވެ. އަމިއްލަ އަށް ދެރަވާކަމާއި މާޔޫސްވާކަން އެނގުނު ނަމަވެސް، އެ ވާހަކަތައް ހިއްސާކުރަން ފަސޭހަ ނުވާކަން ސައިކޮޮލޮޖީގެ އަލީގައި ހޯދާފައި ހުރި ހޯދުންތަކުން އެނގެން އެބަހުއްޓެވެ.

 

 

ކިޔުންތެރިންގެ ހިޔާލު