މީހުންގެ އެކި އަމަލުތަކުގެ ޒަރިއްޔާއިން ވިސްނުންތައް ދެނެގަނެވޭނެ އީޖާދެއް މީސްމީޑިއާގެ ވަރުގަދަ ޕްލެޓްފޯމް ފޭސްބުކުން އީޖާދުކުރަން ތައްޔާރުވެއްޖެ އެވެ.

ފޭސްބުކުން މި މަޝްވަރާތައް ކޮށްފައި ވަނީ އެ ކުންފުނީގެ އަހަރީ ބައްދަލުވުމުގައެވެ. މި ބައްދަލުވުން ގެންގޮސްފައި ވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ފޭސްބުކުން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން އަލަށް އުފެއްދުމަށް ތައްޔާރު ވަމުން އަންނަ ފީޗާ އަކީ ފޯނާއި ފޭސްބުކަށް ވަނުމަށް ބޭނުންކުރާ އެހެން އާލާތްތައް މެދުވެރިކޮށް އޭގެ ސެންސާތައް ބޭނުންކޮށްގެން މީހުންގެ އަމަލުތައް ދެނެގަނެ އެމީހުންގެ ވިސްނުން ބެލޭނެ ފީޗާއެކެވެ.

މިހާރުވެސް މޯބައިލް ފޯނުތަކުންނާއި އިންޓަނެޓް ބޭނުން ކުރެވޭ ވަސީލަތްތައް ބޭނުން ކުރާ މީހުންގެ ޝައުގުވެރިކަން ހުންނަ ކަންކަން ދެނެގަނެގެން ފޭސްބުކުން އަންނަނީ ބައެއް އިސްތިހާރުތަކާއި ވީޑިއޯ އަދި ފޮޓޯފަދަ ތަކެތި ފެންނާނެ ގޮތައް ބަދަލުތައް ގެންނަންމުން.

ފޭސްބުކުން އަންނަނީ އެކުންފުނި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ އިންސްޓަގްރާމް އަދި މެސެންޖާގެ ޗެޓް އެއްކުރުމަށް މަސައްކަތްތަކެއްވެސް ފަށާފައެވެ. ފޭސްބުކުން އެ ކުންފުނީގެ އެޕްތައް ގުޅުވުމަށް ގިނަ މަސައްކަތްތައް ކުރަމުން ދެއެވެ. މިގޮތުން ފާއިތުވެދިޔަ ދެ އަހަރެއްހައި ދުވަސް ތެރޭގައި އެއް އެޕްލިކޭޝަނަކާއި އަނެއް އެޕްލިކޭޝަން ގުޅޭ ގިނަ ބަދަލުތައް ގެނެސްފައި ވެއެވެ.

މެސެންޖާ އާއި އިންސްޓަގްރާމް ޗެޓްތައް އެއްކޮށްލުމުގެ މަސައްކަތް ފޭސްބުކުން ކުރަމުންދާއިރު، އެ ކުންފުނީގެ ސީއީއޯ، މާކް ޒަކަބާގް ވަނީ ކުންފުނިން ހިންގާ ހުރިހާ މަންސައެއްގެ މެސެޖިން ސާވިސް ފަސޭހަކަމާއެކު ބޭނުންކުރެވޭ ފަދަ ބަދަލެއް ގެނައުމަށް ތައްޔާރުވަމުން އަންނަކަން މީގެ ކުރިން ހާމަކޮށްފައެވެ.