(އައްޑޫ ސިޓީ، ހިތަދޫ) "ރާޅު" މިއީ ވަަރަށް ދިވެހި ނަމެކެވެ. ވަށައިގެން ނޫ ކަނޑާ، ފަޅުތައް އޮތް މި ރާއްޖޭގައި ނަން މަޝްހޫރުކޮށް "ބްރޭންޑް" ކުރާ ނަންތަކުގެ ތެރޭގައި "ރާޅު" މިއީ އެންމެ ރަހުމަތްތެރި އެއް ނަމަށް ވާނެއެވެ. ޚާއްސަކޮށް ދިވެހި ފަންނުވެރިންގެ ގުލްޝަނުގައި އެންމެ ވައިގައި ހިފާލި އެއް ނަމަކަށް "ރާޅު" ވާނެއެެވެ. އެގޮތުން ލަވަ ކިޔުމުގެ ފަންނުގެ ރޮނގުން، ދައުލަތުގެ މީޑިއާއިން ގެނެސްދިން މޯލްޑިވިއަން އައިޑޮލް މެދުވެރިކޮށް ދިވެހިންގެ ތެރެއަށް ވިދާލި މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) އާއި އަހުމަދު ނަޒީހު (ރާޅު ބޯއި) މިއީ ފާހަގަކޮށްލެވޭ ނަންނަމެވެ.

މިފަހަރު ވެސް މިއޮތީ ފަންނުގެ ދާއިރާގައި ނަގާލި ފާގަކޮށްލެވުނު "ރާޅެއްގެ" ވާހަކައެވެ. އެކަމަކު މިފަހަރު މިއީ ލަވައިގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ "ރާޅު އާޓްސް"ގެ ވާހަކައެވެ. އިންސްޓަގްރާމްގައި 3000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި "ރާޅު އާޓްސް" އިން ފެންނަން ހުރީ ޒުވާން ކުރެހުންތެރިޔާ އައިމިނަތު ޝަހާމާގެ ކުޅަދާނަކަމެވެ. ފެއްސާއީ ނުލާއި، ހުދުގެ ކުލަތައް އާއްމުކޮށް ފެންނަން ހުރި ޝަހާމާގެ ކުރެހުންތައް ހަގީގަތުގައިވެސް ވަރަށް ޗާލެވެ.

ޝަހާމާ އޭނާގެ ކުރެހުމެއް ދައްކާލަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
ޝަހާމާ އޭނާގެ ކުރެހުމެއް ދައްކާލަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ޝަހާމާގެ ކުރެހުންތަކަށް ބަލާލުމުން ގިނައިން ފެންނަން ހުރީ އޭނާގެ ކުލަ ފިހިން ކުރަހާދީފައިވާ ގުދުރަތުގެ ރީތި މަންޒަރުތަކެވެ. އޭގެ ތެރެއިންވެސް ވަކިން ކުލަގަދަކޮށް ފާހަގަކުރެވެން ހުރީ މަޑު ނޫ ކުލަ އާއި، ވިލު ފެއްސާއި ގަދަ ނޫކުލަ ފަދަ ނޫކުލައިގެ އާއިލާގެ ކުލަތަކުން އޭނާ ކުރަހާފައިވާ މޫދާއި، ފަޅާއި، ގިރިތަކުގެ ކުރެހުންތަކެވެ.

ޝަހާމާގެ ކުރެހުމުގެ ހުނަރުވެރި ފާޑު ދެނެގަންނަން ހަމައެކަނި މި ކުރެހުންތައް ވެސް ހެއްކަކަށް ފުދެއެވެ. އައްޑޫ ސިޓީގެ ހިތަދޫ އަށް އުފަން އުމުރުން 26 އަހަރުގެ ޝަހާމާގެ އިންސްޓަގްރާމް އެކައުންޓުން ފެންނަން ހުރި ކުރެހުންތަކަކީ އޭނާގެ ކުރެހުމުގެ މަލަމައްޗެވެ. އޭނާގެ ކުރެހުމުގެ އުސްލޫބާއި، ފަންނުވެރިކަން އެއަށް ވުރެ މާ ފުޅާވެފައި ބޮޑެވެ. އުމުރުން ކިތަންމެ ހަގު ނަމަވެސް އޭނާގެ މަސައްކަތް ފުރިހަމަވެފައި ޗާލެވެ.

ޝަހާމާ އޭނާގެ ކުރެހުމެއް ދައްކާލަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
ޝަހާމާ އޭނާގެ ކުރެހުމެއް ދައްކާލަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ވަރަށް ތުއްތު އިރުން ފެށިގެން ކުރެހުމަށް ޚާއްސަ ޝައުގުވެރިކަމެއް ހުންނަ ޝަހާމާގެ ކުރެހުންތައް "ރާޅު އާޓްސް" އާ ހަމައަށް ހޮޅިލައިގެން އައީ ވަރަށް ގިނަ އޮޅިތަކެއް ގިރާކުރުމަށް ފަހުގައެވެ. އުމުރުން އެންމެ 10 އަހަރުގައި ހުސްވަގުތު ހޭދަކުރުމަށް ކުރަހަން ނެގި ޝަހާމާގެ ފިހިން މިއަދު އެހެރަ ކުރަހާލާ ކުރެހުންތައް ފެނި ހައިރާންވާ ހިތްގައިމެވެ.

ޝަހާމާގެ ކުރެހުންތަކުން ފެންނަން ހުރީ ތިން ވައްޓަފާޅިއަކަށް ހުރި ކުރެހުންތަކެކެވެ. އޭގެ ތެރެގައި ހިމެނެނީ އެކްރިލިކް، ޕޯޓްރެއިޓް އަދި ސްކެޗްތަކެވެ. އޭގެ ތެރެއިން ޝަހާމާ އެންމެ ލޯތްބާއެކު ކުރަހަނީ އެކްރިލިކް ކުރެހުންތަކެވެ. ދިވެހިންގެ މާހައުލާއި، ވެށްޓާއި، ސަގާފަތަށް އޭނާގެ ހިތުގައި އޮތް ޝައުގު ޝަހާމާގެ ކޮންމެ ކުރެހުމެއްގައި ވެސް ވަނީ ފަވާލެވިފައެވެ. ޝަހާމާގެ ކުރެހުންތައް ފަޅު ފިލުވައި ދެނީ ހުދު ދޮންވެލިގަނޑާއި، ނޫކުލައިގެ މުއްސަނދި މޫދުގެ މަންޒަރުތަކުންނެވެ. ރަތްދަލަ އަޅާފައިވާ މަންޒަރާއި ރަތްވިލާގެ މަންޒަރުތައް ވެސް ޝަހާމާގެ ކުރެހުންތަކުގައި ސިފަކޮށްދީފައި ވަނީ އެހާމެ ފުރިހަމަކޮށެވެ. އަދި މުއްސަނދި ދިވެހި ސަގާފަތުގެ ރަހަތަކުންނެވެ. ޝަހާމާގެ ކުރެހުންތައް މައިގަނޑު ގޮތެއްގައި ބައްޓަންކޮށްފައި ހުރީ މި ދެ ދާއިރާއަށެވެ.

"ބޮޑަށް ޝައުގުވެރިކަން ހުންނަނީ ދޮންވެލިގަނޑާއި، މޫދާއި އެކަހަލަ ތަންތަން ކުރަހަން. ވަރަށް ގިނަ ކުރެހުމުން ފެންނާނީ ވެސް އެ ގޮތްތައް." ޝަހާމާ ބުންޏެވެ.

ޝަހާމާ އޭނާގެ ކުރެހުމެއް ދައްކާލަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
ޝަހާމާ އޭނާގެ ކުރެހުމެއް ދައްކާލަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ޝަހާމާ ކުރަހަން ފެށީމީގެ އެތައް ދުވަހެއް ކުރިން ކަމަށް ވީނަމަވެސް މިއަދުވެސް އޭނާގެ ހަނދާނުގައި އެންމެ ފުރަތަމަ ކުރެހި ކުރެހުމުގެ ހަނދާންތައް ތާޒާކަމާއެކު ހުރުމުން އެނގެނީ މި މަސައްކަތަށް އޭނާ ބަހައްޓާ ޚާއްސަ ޝައުގުވެރިކަމެވެ.

" އެންމެ ފުރަތަމަ ކުރެހީ ރޯސް އެއް. އެ ކުރެހުން މިހާރަކު ފެންނާކަށް ނެތް." ޝަހާމާ ކިޔައިދިނެވެ.

ޝަހާމާގެ މަސައްކަތްތަކުގެ ތެރެއިން އޭނާ އެންމެ ގިނަ ދުވަސް ހޭދަކޮށްގެން ކުރި މަސައްކަތަކީ "އޯޝެން ކައުންޓަ"ގެ ބޭރު ފާރުގައި އޭނާ ކުރެހި ކުރެހުމުގެ މަސައްކަތެވެ. މީގެ ގާތްގަނޑަކަށް މަހެއް ކުރިން ކުރަހާފައި ހުރި އެ ކުރެހުމުން ދައްކުވައިދެނީ ކަރުފެހި ލިބާހުގައި ހުރި އަންހެނަކު ގުޑުގުޑާ ބޯ މަންޒަރެވެ. ޖުމުލަ ދެ ހަފްތާގެ މަސަައްކަތުން ކުރެހި އެ މަސައްކަތަކީ ވެސް އެކްރެލިކް ކުލަ ބޭނުންކޮށްގެން ކުުރަހާފައިވާ ކުރެހުމެކެވެ.

" އަދިވެސް އެބަހުރި އޭގެ ބައެއް ބައިބައި ކުރަހަން. ތަންކޮޅެއް ކުރިން ކުރެހިން ބޮޑު ކުރެހުމެއް ފާރެއްގައި. އެކަމަކު އެންމެ ބޮޑު މަސައްކަތަކީ މިއީ." ޝަހާމާ ބުންޏެވެ.

ޝަހާމާގެ ކުރެހުންތަކުގެ ތެރެއިން ދެން އެންމެ ފާހަގަކުރެވެނީ "ކަނބާ"ގެ ނަމުން އޭނާ ނަން ދީފައިވާ ކުރެހުމެކެވެ. މި ކުރެހުމަކީ އޭނާ މާލޭގައި އޮތް އެގްޒިބިޝަނަކަށް ކުރެހި ކުރެހުމެކެވެ. ނަމަވެސް ފަހު ވަގުތު ދިމާވި ކަމަކާ ހުރެ އޭނާ އަށް މި ކުރެހުން އެގްޒިބިޝަންގައި ބައިވެރިކުރެވޭ ގޮތެއް ނުވިއެވެ. މި ކުރެހުމުން ފެންނަނީ ފަތްތަކެއް ތެރޭގައި ހުރި ދިވެހި އަންހެނެކެވެ. ޝަހާމާގެ ކުލަފިހިން ތަފްސީލްކޮށްދީފައިވާ މި ކުރެހުމަކީވެސް ބަލާ ފޫހި ނުވާހާ ރީތި ކުރެހުމެކެވެ.

ޝަހާމާ އޭނާގެ ކުރެހުމެއް ދައްކާލަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
ޝަހާމާ އޭނާގެ ކުރެހުމެއް ދައްކާލަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

 

ޝަހާމާގެ ކުރެހުންތަކުން އާއްމުކޮށް ފެންނަން ހުރީ ގުދުރަތުގެ ރަހަތައް ކަމުގައިވީ ނަމަވެސް އޭނާ ކުރަހާފައިވާ ސްކެޗްތަކުގެ ވާހަކަވެސް ދައްކާނުލާ ދޫކޮށްލެވޭކަށް ނެތެވެ. މީހުންގެ ޖަޒުބާތުތައް ފެންނަ ފަދަ ކުރެހުންތައް ކުރެހުމަށް އޭނާގެ ހުންނަ ޝައުގުވެރިކަމުގެ ނަތީޖާ އަކީ އޭނާ ކުރަހާފައިވާ މި ފަދަ ކުރެހުންތަކުން ފެންނަ ދިރުންކަމުގައި ބުނުމަކީ ގޯހަކަށް ނުވާނެއެވެ.

"ކޮންމެ ކުރެހުމެއް ކުރަހާ އިރުވެސް ބަލަން އެ ކުރެހުމެއް ބަލާ މީހަކަށް ކަމުދާނެ ގޮތަކަށް އެ މަސައްކަތް ކުރަން. އަބަދުވެސް ވަގުތު ދީގެން އެ މަސައްކަތެއް ފުރިހަމަ ކުރަން. އެގޮތަށް ހުންނާނެ އިބްތިހާލް، ރައުދާ މިކަހަލަ މީހުންގެ ކުރެހުން ކުރަހާފަ. ބޮޑަށް ބަލަނީ އެ އިމޯޝަންސް ގެނެވޭތޯ ވަރަށް ބޮޑަށް ހަމަ." އޭނާ ބުންޏެވެ.

ޝަހާމާ އޭނާގެ ކުރެހުމެއް ދައްކާލަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
ޝަހާމާ އޭނާގެ ކުރެހުންތަކެއް ދައްކާލަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ބުރަ މަސައްކަތުން އެތައް ވަގުތެއް ހޭދަކޮށްގެން ކުރާ މި މަސައްކަތަށް އާއްމުންގެ ފަރާތުން ވަރަށް ހިތްހަމަޖެހޭ ޚިޔާލުތައް ޝަހާމާ އަށް ލިބެއެވެ. އަދި އޭނާގެ ކުރެހުންތައް ހުށަހަޅައިދޭ ގޮތް ތަފާތުކަން ފާހަގަކޮށް އެކަން ގިނަ ބަަަޔަކު ފާހަގަކުރާ އިރު، އޭނާ ގަބޫލު ކުރާ ގޮތުން ކޮންމެ ފާޑުކިޔުމަކީވެސް ކުރިއެރުމެކެވެ.

ނުހަނު ޝައުގުވެރިކަމާއެކު މި މަސައްކަތް ކުރަމުންދާ ޝަހާމާ އަށް މި ދާއިރާގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުރަހަން ބޭނުންވާ ސާމާނު ހޯދުމުގައި ދިމާވާ ދަތިތަކެވެ. ތަކެތީގެ އަގު ބޮޑު ވުމާއި، ކޮލިޓީ ރަނގަޅު ތަކެތި ހޯދަން އިންތިހާ އަށް ދަތިވުމަކީ ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ކުރެހުންތެރިން ފަދައިން ޝަހާމާ އަށް ވެސް ދިމާވެފައިވާ ތަކުލީފެކެވެ.

ޝަހާމާ އޭނާގެ ކުރެހުމެއް ދައްކާލަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ޝަހާމާގެ ފަންނުވެރިކަން ކުރެހުމާ ހިސާބުން ނިންމާލީކީ ނޫނެވެ. އަންހެން ކުދިންގެ ކަރުގައި އަޅާ ފަށާއި، ބޮލިން ހަދާފައިވާ ތާޖު ފަދަ ކަވި އުފެއްދުންތައް އުފެއްދުމުގައި ވެސް ޝަހާމާއަކީ އެހާމެ ފަަރިތަ ފަންނުވެރިއެެކެވެ. މި ހުރިހާ ކަމެއް ކުރުމުގައި ވެސް ޝަހާމާގެ އަތުގައި ހިފައިގެން އޭނާ އަށް އެއްބާރުލުން ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އޭނާގެ މައިންބަފައިންކަން އޭނާގެ ހިތުގެ އަޑިން ގަބޫލުކުރެއެވެ. އަދި އޭނާގެ ހުނަރުވެރިކަން ކުރިއަރުވާ، ޝަހާމާގެ ހުނަރުވެރިކަން ކޮށާ މަށާ ފުރިހަމަ ކުރުމުގައި އެ ދެ މީހުންގެ ދައުރަކީ އިއާދަ ނުކުރެވޭނެ ފަދަ މުހިންމު ދައުރެއްކަން ވެސް އޭނާ ފާހަގަކުރެއެވެ. އޭނާ ބުނާގޮތުން އޭނާގެ މަސައްކަތުގައި އެކުވެރިންނަކީ ވެސް އޭނާގެ މަސައްކަތަށް ހިތްވަރުދޭ، އެ މަސައްކަތް ނަގަހައްޓަން ހިތްވަރުދޭ ބައެކެވެ.

ޝަހާމާ އޭނާގެ ކުރެހުމެއް ދައްކާލަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
ޝަހާމާ އޭނާގެ ކުރެހުމެއް ދައްކާލަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އެހެންކަމުން ޝަހާމާ ހުރީ އޭނާ އަށް ލިބިފައިވާ ހުނަރު އިތުރަށް ފަރިތަކޮށް، އިތުރު ހުނަރާ ފަންވަރު ދަސްކޮށްގެން މި ފަންނުގެ ރޮނގުން އާ ކުރިއެރުންތަކެއް ހޯދުމުގެ އުންމީދުގައެވެ. އަދި މި ދާއިރާއިން ކުރިއަށް ދާން ބޭނުން މީހުންނަށް ޝަހާމާގެ މެސެޖެއް އެބައޮތެވެ. އެއީ ހުނަރު ބޭކާރުކޮށް ނުުލުމެވެ. ޝަހާމާގެ އެދުމަކީ ޚިޔާލެއް އޮތް ކަަމަށް ވާނަމަ ކުޑަ ކަރުދާސްކޮޅެއްގައި ނަމަވެސް އެ ޚިޔާލު ކުރަހާލުމެވެ.

ހަމައެހެންމެ ކުރިއަށް އޮތް ދުވަސްތަކަކީ ފަންނުވެރިންނަށް އިހުނަށް ވުރެ ފުޅާ، ފާގަތި ފުރުސަތުތަކެއް ލިބި، ކުރެހުންތެރިންނަށް އޮތް ލޯބި އިތުރު ވާނެ ދުވަސްކޮޅެއް ކަމަށް އޭނާ އުންމީދު ކުރެއެވެ. މިހާރުވެސް މި މަސައްކަތަށް ޝައުވެރިވާ، އެކަމުގެ އަގުވަޒަން ކުރާ މީހުން ކޮންމެވެސް ވަރަކަށް ތިބި ނަމަވެސް، ހުނަރުވެރި ކުރެހުންތެރިން ތޮށިގަނޑު ފަޅާލާފައި ނުކުމެ ކެރިގެން ނޫނީ ކުރެހުންތެރިންގެ ކުރިމަގު އުޖާލާ ނުވާނެ ކަމަށް ވެސް ޝަހާމާ ގަބޫލުކުރެއެވެ. އެކަންކަމުން މުޖުތަމައު ކުރެެހުންތެރިންނާ މެދު ދެކޭ ގޮތް ބަދަލުކޮށް، މި ސިނާއަތް އާ ހަރުފަތަކަށް ގެންދިއުމަށް ޝަހާމާ ހުރީ އަތުކުރި އޮޅާލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙާލަތު

    ކުރެހުމުގެ ހުނަރު ހުރިނަމަވެސް "ސޫރަ" ނުކުރެހުމަށް ޙާލަތު ނަޞޭޙަތްތެރިވަމެވެ. އަބަދުވެސް ހެޔޮގޮތް މިންވަރު ކުރައްވާށިއެވެ.

    35
    4
  2. އިންސާނާ

    މާޝާﷲ.. ވަރަށް ފުރިހަމަ.. އެކަމަކު ސޫރަ ކުރެހުމަކީ އަހަރުމެން މުސަލިމުންކޮއްގެންވާނެ ކަމެއްނޫން.. އެހެންވީމަ ބޮޱަށް އެހެން މަންޒަރުތަށް ކުރެހުމަށް ނަސޭހަތްތެރިވަން.. ﷲ ތިބާއަށް އެންމެ ރަނގަޅުގޮތް މިންވަރު ކުރެއްވުން އެދި ދުޢާކުރަން.. އާމީން..

    36
    3