ފޭސްބުކާއި އިންސްޓަގްރާމް އިން ބޭރުކޮށްލާފައިވާ އެެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ އެެކައުންޓު އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ވިސްނުމެއް ނެެތް ކަމަށް މަޝްހޫރު މީސްމީޑިއާގެ ޕްލެޓްފޯމް ފޭސްބުކުން ހާމަކޮށްފިއެެވެ.

ފޭސްބުކްގެެ ސީއީއޯ މާކް ޒަކަބާކް ހާމަކުރައްވާފައިވާ ގޮތުގައި ފޭސްބުކުން ޓްރަމްޕުގެ އެކައުންޓު އަލުން ހުޅުވުމުގެ ހުއްދަ ދިނުމަކަށް ނުވިސްނައެވެ. އެއީ ފޭސްބުކަށް އެޅުނު ރަނގަޅު ފިޔަވަޅެެއް ކަމަށާއި، އެކަމާއި ފަހުކުރުވެރިވާ ކަމަށްވެސް ސީއީއޯ ޒަކަބާކް ވަނީ ވިދާޅުވެފައެވެ.

"މި ދަނޑިވަޅުގައި ޑިމަކްރަސީއަށް އޮތް ނުރައްކާ ވަރަށް ބޮޑު. އެެހެންވެ ޖެހުނީ ހީވެސް ނުކުރާކަހަލަ ފިޔަވަޅެއް އަޅަން. އެހެންވިޔަސް އަހަރުމެންނަށް އެޅުނު ފިޔަވަޅާއި މެދު ފަހުރުވެރިވޭ" މާކް ޒަކަބާކް ވިދާޅުވިއެވެ.

ޒަކަބާކް ވިދާޅުވީ، މި ދަނޑިވަޅުގައި ރައީސް ޓްރަމްޕަށް ފޭސްބުކް އެެކައުންޓު ބޭނުންކުރުމުގެ ހުއްދަ ދިނުމަކީ ބިރުވެރި ކަމެއް ކަމަށެވެެ.

ޒަކަބާކް ވިދާޅުވެފައި ވަނީ ފޭސްބުކާއި އިންސްޓަގްރާމް އިން ޓްރަމްޕް ބޭން ކުރީ އެކުންފުނީގެ ޕްލެޓްފޯމްތައް ބޭނުން ކޮށްގެން އިންތިޚާބީ ސަރުކާރާއި ދެކޮޅަށް ހަމަނުޖެހުންތައް ހިންގުމަށް ހިތްވަރުދެމުން ގެންދާތީ ކަމަށެވެ.

ޒުކަބާކް ވިދާޅުވީ އެންމެ މަދުވެގެން ދެހަފްތާ ދުވަހަށް ޓްރަމްޕްގެ އެކައުންޓްތައް ބޭނުން ނުކުރެވޭ ގޮތައް ހަދާފައިވާ ކަމަށެވެ. އެހެންކަމުން ވެރިކަމުގައި ހުރެ ފޭސްބުކް އާއި އިންސްޓަގްރާމް ބޭނުން ކުރުމުގެ ފުރުސަތެއް ދެން ޓްރަމްޕް އަކަށް ނުލިބޭނެއެވެ. ޖޯބައިޑެން މިމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ވެރިކަމާއި ހަވާލުވާނެއެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި ރައީސްއަށް ފުރުސަތު ދީފިނަމަ މިވަގުތު އިތުރު ހަމަނުޖެހުންތަކަކަށް މަގުފަހިވެގެން ދާނެ. އެހެންކަމުން އެންމެ މަސްލަހަތު އޮތްގޮތަކީ މިހާރު އަޅާފައި އޮތް ފިޔަވަޅު ދެމެހެއްޓުން." ޒުކަބާކްގެ ބަޔާނުގައި ވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޤާނޫނީ ސައްހަކަން ކަށަވަރު ކުރުމަށް ކޮންގްރެސްގައި ވޯޓް ނެގުމާއި ދިމާކޮށް ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް ބިލްޑިންގަށް ވަދެ ހަމަނުޖެހުން ހިންގުމުން ޓްރަމްޕް އަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ޓްރަމްޕްގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގާފައި ވަނީ ޓްރަމްޕް އެކަމަށް ހިތްވަރު ދިނުމުން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސީނާ

    ބަލަގަ! އެލެކްސް ކުރިޔަށްލައި ކޮންމެވެސް އެހެންނަމެއް ކިޔައިގެން ތިޔަ ހުރިހާތަނަކަށް ވަދެވޭނެ! ކީއްތަ އެލެކްސް ބަރަކޫޑާ ކިއްޔާ؟