ފޯނާ ނުލައި، ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ތަނަކަށް ދިއުމަކީ މިއަދު ގިނަ މީހުންނަށް އުނދަގޫ ކަމެކެވެ. ރަހްމަތްތެރިންނާ ބައްދަލުވެ، ކޮފީއަކުން ދިމާވެލައި ވާހަކަދައްކާލަން ލިބޭ ވަގުތުކޮޅުގެ ތެރެއަށް ވެސް ފޯނު ވަދެއެވެ. އެންމެ ކުޑަމިނުން ފާހާނާގައި ވެސް އިނދެވެނީ ވެސް އެ ފޯނާ ކުޅެލާށެވެ.

މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ކޮންމެ މީހެއްގެ އަތުގައި ސްމާޓް ފޯނެއް އޮންނަ ޒަމާނެވެ. ނަމަވެސް އުފެދޭ ސުވާލަކީ ފޯނާ ދުރުގައި އުޅެން އުނދަގޫވަނީ ކީއްވެތޯއެވެ.

ސަބަބުތަކެއް އެބަހުއްޓެވެ. ފޯނުން ފެންނަ ދުނިޔެ، ތިބާގެ އަސްލު ދުނިޔެއަށްވުރެ ހިތްގައިމު ވާނެއެވެ. ފޯނުން ފެންނަ ފޮޓޯތަކަކީ ތިބާ އެންމެ ހިތް އެދޭ ފޮޓޯތަކަކަށް ވަނީއެވެ. ނުވަތަ ވަރަށް ދުރުގައި ހުރި، އެހެން ނަމަވެސް ހިތާ އެންމެ ގާތުގައިވާ މިތުރަކާ ތިބާއާ ދެމެދު އޮންނަ ދުރުކަން، ގާތްކަމަށް ބަދަލުކޮށްދޭ މިތުރަކީ ވެސް ފޯނު ކަމަށް ވަނީ ވެފައެވެ. އަދި ތިބާގެ ފޭސްބުކް ޕްރޮފައިލް ފޮޓޯއަށް މީހުން ކުރާ ތައުރީފުގެ ބަސްތައް ބަލައިލެވެނީ ވެސް ފޯނުން ކަަމަށްވުމީ ވެސް ފޯނަށް ދެވި ހިފާ ބައެއް ސަބަބުތަކެވެ.

ފޯނަށް ދެވިހިފާފައި ހުރިކަން ދެނެގަނެވޭނެ ބައެއް ނިޝާންތައް އެބަހުއްޓެވެ. އެގޮތުން ތަޖުރިބާކާރުން ބުނާ ގޮތުގައި ތިމާގެ ކިބައިގައި ތިރީގައި މިވާ ސިފަތަކުގެ ތެރެއިން ބައެއް ސިފަތައް ހުރެއްޖެ ނަމަ، ތިޔަ ހުރީ ފޯނަށް ދެވި ހިފާފައި ކަމަށްވުމީ އެކަށީގެންވާ ކަމެކެވެ.

ފޯނުގެ ބެޓެރި ދަށްވާ ނަމަ އެކަމާ ދެރަވެ، ހާސްވޭ ހެއްޔެވެ؟ ނުވަތަ ނެޓްވޯކް ނުލިބޭ ސަރަހައްދެއްގައި ހުންނަން ޖެހުމުން ހިތް ނުތަނަވަސް ވޭ ހެއްޔެވެ؟ ނިދުމުގެ ކުރިން އެންމެ ފަހުން ކުރާ ކަމަކީ ފޯނު ޗެކުކޮށްލަން ހެއްޔެވެ؟

ނޫން ނަމަ ހޭލާފައިވެސް އެންމެ ފުރަތަމަ ބަލައިލެވެނީ ފޯނަށް ހެއްޔެވެ؟ ނުވަތަ ނިދަނީ ވެސް ފޯނު ގާތުގައި ބާއްވައިގެން ހެއްޔެވެ؟ ކަމަކާ ދެރަވެ، ހާސްވުމުން ބެލެނީ ފޯނު ހެއްޔެވެ؟ ބައެއް ފަހަރު އެއްވެސް ހިޔާލެއް ފިކުރެއް ނެތިވެސް ފޯނަށް ބަލަހައްޓައިގެން ހުރެވޭ ހެއްޔެވެ؟ މި ސުވާލުތައް ތިމާގެ އަމިއްލަ ނަފްސާ ކޮށްލާށެވެ. ގިނަ ކަންކަމަށް އެއްބަސްވެވިއްޖެ ނަމަ ތިމާ ތިހިރީ ހަމަ ރަނގަޅަށްވެސް ފޯނަށް ދެވި ހިފައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ކިހިނެތް ހައްލު ކުރާނީ؟

  2. މަ

    މަށަށް ފޯނާ ދުރަށް ނުދެވެނީ ކުރަން ޖެހޭ ކަންތައް ގިނަވެފައި ހުރިހާ ކަމެއް ކުރެވެނީ ފޯނުން ކަމަށް ވާތީ!!!! ގެޓު؟؟

    10
    1