އިންޑިޔާގައި މިހާރު އެންމެ ފޯރިއާއިއެކު ކުރަމުން ގެންދާ ތަހުގީގަކީ ފިލްމީތަރިންތަކާއި ގުޅޭ ޑުރަގު މައްސަލައިގެ ތަހުގީގެވެ. މި ތަހުގީގުގެ ތެރެއިން އެތައް މަޝްހޫރު ފަންނާނުންނާއި އެމީހުންގެ އާއިލާގެ ބައެއް މެމްބަރުންގެ ނަންތައް ވެސް ދަނީ ހާމަވަމުންނެވެ.

މި މައްސަލައިގައި މިދިޔަ ހަފުތާގައި 200 ކިލޯގުރާމުގެ ގަންޖާއާއިއެކު އަތުލައިގަތް އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމުގައިވާ ކަރަން ސަޖްނާނީ އެންސީބީއަށް ހާޒިރުކޮށް ކުރެވުނު ތަހުގީގުގެ ތެރެއިން ވަނީ ބޮލީވުޑުގެ ބަތަލާ ދިއާ މިރްޒާގެ ކުރީގެ މެނޭޖަރ ރަހީލާ ފަރުނީޗަރވާލާއާއި އޭނާގެ ދައްތަ ސައިޝްތާ ފަރުނީޗަރުވާލާގެ ނަން ވެސް ވަނީ ހާމަވެފައެވެ.

ކަރަންގެ ތަހުގީގުގެ ތެރެއިން މިފަހަރު ހާމަވެގެން ދިޔައީ އިންޑިޔާގެ މުމްބާއީގެ މަޝްހޫރު ''މުއްޗަޑު ޕާންވާލާ''ގެ ނަމެވެ. މި މީހާ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އަށް ހާޒިރު ކުރެވިފައިވަނީ އޭނާގެ ކަސްޓަމަރަކު އޭނާގެ ނަން އެންސީބީއަށް ހާމަ ކުރުމުންނެވެ. އެހެންކަމުން އިތުރަށް ތަހުގީގު ކުރުމަށް މުއްޗަޑު ޕާންވާލާ ވަނީ އެންސީބީއަށް ހާޟިރުކޮށްފައެވެ.

މި މައްސަލާގައި ދާދި ފަހުން އެންސީބީއަށް ހާޟިރު ކުރެވުނު ބޮލީވުޑުގެ އެކްޓަރ އަރުޖުން ރާމްޕާލްއެކޭ އެއްފަދައިން އޭނާގެ ދައްތަ ކޯމަލް ރާމްޕާލް ވެސް ވަނީ ވަނީ ދެ ފަހަރަށް އެންސީބީއަށް ހާޟިރު ކުރުވާ ސުވާލު ކޮށްފައެވެ. އަދި އަރުޖުންގެ ލޯބިވެރިޔާ ވެސް ވަނީ މި މައްސަލައިގައި އެންސީބީއަށް ހާޟިރުކޮށްފައެވެ.

ސުޝާންތު ސިންގް ރާޖުޕޫތުގެ މަރުގެ ތަހުގީގުގެ ތެރެއިން އޭނާގެ ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީގެ ވަޓްސްއަޕް މެސެޖުތަކެއް ފެނި ތަހުގީގު ކުރެވެމުންދާ މިދާ މައްސަލައިގައި ދީޕިކާ، ސާރާ، ޝްރަދާ، ބާރްތީ ފަދަ އެތައް ފަންނާނުންނަކާ އެންސީބީން ވަނީ ސުވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު