(ފުވައްމުލައް ސިޓީ) ކުރީގައި ހިނގާފައިވާ ކަންކަމާއި ދެކެވެމުންދާ ވާހަކަތަކަަކީ ބައެއް ފަހަރު ގަބޫލުކުރަން ދަތި ކަންކަމެވެ. އިހުގައި އުޅުނު މީހުންގެ އެ ވާހަކަތައް ކިޔައި ދެމުންދާ އިރު، އެ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަމަށް އޭރު ވަރަށް ބޮޑަށް ގަބޫލު ކުރާ މީހުން އުޅެއެވެ.

ނަމަވެސް ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، އެ ވާހަކަތައް އަޅުގަނޑުމެންނާ ހަމައަށް އަންނަނީ އެންމެ ތާޒާކޮށެއް ނޫނެވެ. ވާހަކައިގެ ތެރެއަށް ފޮނިތޮއްޓާއި ކާފުރު ތޮޅި އަޅައެވެ. މި ވާހަކަތައް ކިޔައިދޭން ތިބޭ ކަމުވޮށިގެންވާ މީހުންވެސް މި ވާހަކަތައް ގަބޫލު ނުކުރާ ހަމައަށް ގޮސްފައި ވެއެވެ.

މިއީ މިރަށުގައި އަހަރުތަކެއް ކުރިން ދިމާވިކަަމަށް ބުނާ ހާދިސާ އެކެވެ. ގަބޫލުކުރަން ދައްޗެވެ. ނަމަވެސް އެ މީހުން މި ވާހަކަތައް ކިޔާދެއެވެ.

މިއީ މިރަށުން އެއް އާއިލާއެއްގެ 40 ކުދިން މަރުވި ކަމަށް ބުނާ ވާހަކައެކެވެ. މި ހުރިހާ ކުދިންނަކީ ފިރިހެން ކުދިން ކަމަށް މިރަށު މީހުން ބުނެ އުޅެއެވެ. ބައެއް މީހުން ބުނެ އުޅެނީ މި ކުދިންގެ ޖިންސެއް ނޭނގޭ ވާހަކައެވެ. އަދި މި ކުދިންނަކީ ހާފިޒުން ކަމަށްވެސް ބުނެ އުޅެއެވެ. މި ކުދިން ވަޅުލާފައިވާ ކަމަށް ބުނަނީ ކުރީގައި މިރަށު މީހުން ބޭނުން ކުރަމުންދާ މިސްކިތެއްގައެވެ. އެއީ މިރަށު މާދަޑު އަވަށުގައި ހުންނަ ކެޑޭރި މިސްކިތުގެ ގަބުރުސްތާނެވެ. މިއީ މިހާރު ހިމާޔަތްކޮށްފައިވާ މިސްކިތެކެވެ.

"އާއްމުކޮށް ކުރިން މިސްކިތްތައް މި ހުންނަނީ ގަބުރުސްތާނާއި ގުޅިފައި ދެއްތޯ، އެ ގަބުރުސްތާނުގައި ގުރުއާން ދަސް 40 މީހެއްގެ މަހާނާ ހުންނަ ކަަމަށް އިހުއްސުރެ ބުނޭ" މިރަށުގައި ކުޑަކަތީބު ކަމާއި ބޮޑު ކަތީބު ކަން ކުރެއްވި މުހައްމަދު ވަހީދު އަހުމަދު ވިދާޅުވިއެވެ.

ފުވައްމުލަކު ކެޑޭރެ މިސްކިތުގައި ވަޅުލިކަމަށް ބުނާ ހާފިޒުންގެ މަހާނަތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ ވިދާޅުވީ، އެ މިސްކިތް ތެރޭގައި އެ މަހާނަތައް ފާހަގަ ކުރުމަށް ރީތި ހިރިގަލެއް މަހާނައިގެ ބޯލާ ކޮޅުގައި ބާއްވާފައި އޮންނަ ކަމަށް އިހުގެ މީހުން ކިޔާ އުޅޭ ކަމަށެވެ.

"އަޅުގަނޑުމެންވެސް ވަރަށް ގިނަ ހިރިގާ ދުށީމު، އެކަމަކު އަޅުގަނޑު ދެކެން ފެށިއިރު 40 ހަމަ ނުވޭ،" މުހައްމަދު ވަހީދު ވިދާޅުވިއެވެ.

އެ ބުނާ 40 މިހުންނާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކައަކީ ފްލޯކް ވާހަކައެއް ކަމަށް އަތޮޅު ގޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ހުސައިން ޝަރީފް މުހައްމަދު ވަނީ ވިދާޅުވެފައެވެ.

ވަހީދު ވިދާޅުވީ، އެއީ އެއް އާއިލާއެއްގެ 40 މީހުން ކަމަށް ބުނެ އުޅޭ ކަމަށެވެ.

"އެއީ އެކަމަކު ރަނގަޅު ވާހަކައެއް ނޫން، ފަހަރެއްގައި ވެދާނެ 40 ހާފިޒުން ވަޅުލާފައި އޮތީ ކަމަށް، އެކަމަކު މިސާލަކަށް ވެދާނެ އެ މިސްކިތަކީ ދުވަސްވީ މިސްކިތަކަށް ވީމަ، މެދުގައި ހުރީމައާއެކު، ހާފިޒަކު ނިޔާވީމަ ގޮސް އެ މިސްކިތުގައި ވަޅުލާފައި ކަމަށް ފާހަގަ ކުރަން ވެގެން ހިރިގަލެއް ބާއްވަނީ ކަމަށް". ހުސައިން ޝަރީފް މުހައްމަދު ވިދާޅުވިއެވެ.

ފުވައްމުލަކު ކެޑޭރެ މިސްކިތުގައި ވަޅުލިކަމަށް ބުނާ ހާފިޒުންގެ މަހާނަތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ މިސްކިތަށް ކުރި ޒިޔާރާތުގައި މި މަހާނަތައް ފެނުނެވެ. މި މަހާނަތައް ހުރީ އެކި ތަންތަނުގައެވެ. އަދި ބައެއް މަހާނަތައް ކައިރީގައި ހިރިގާ ބާއްވާފައި ހުރިތަންވެސް ފެނެއެވެ.

ވަހީދު ވިދާޅުވީ، އެ ކުދިން މަރުވި ކަމަށް ބުނަނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ކަމަށެވެ. އަދި މިކަންތައް ފެށުނީ މާމަ އެ ކުދިންނާއި ދިމާލަށް ހުކުރު ދުވަހެއްގައި އެއްޗެހި ކިޔުނު ފަހުން ކަމަށް ވެއެވެ.

"އެއީ ހުކުރަށް ދާން ހެދުން ތައްޔާރު ކުރާއިރު، އެ މީހުންގެ މާމަ ކަންނޭނގެ އައިސް މި ބުނީއޯ، ހާދަހާ ބޮޑު ކަމެކޭ ދޯއޭ ކޮންމެ ދުވަހަކު މިހާ ބައިވަރު ހެދުން ތައްޔާރު ކުރަން އެބަ ޖެހެއޭ، އެހެން ބުނުމާއި ގުޅިގެން އެގެއިން ކުއްޖަކު މަރުވަމުން މަރުވަމުން ގޮސް 40 ކުދިން މަރުވީއޯ". ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ފަހުން އެތަނުން ހިރިގާތައް މަދުވެފައިވާ ކަމަށެވެ.

ހާފިޒުން ފާހަގަކުރުމަށް ބޮލާކޮޅުގައި ބާއްވާފައިވާ ހިރިގާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއީ ތެދު ވާހަކައެއް ކަމަށް މިރަށު މީހުން ގަބޫލެއް ނުކުރެއެވެ.

މިފަދަ ހާދިސާއެއްގެ ވާހަކަ، "ވަގުތު"ހޭރިޔާ ޓީމުން ލ. ފޮނަދޫއަށް ކުރި ދަތުރުގައި ހިއްސާކޮށްފައިވެއެވެ. އެގޮތުން އެ ފަހަރު ވެސް މި ވާހަކަތައް އެއްގޮތަކަށް ކިޔައިދީފައިވެއެވެ. އެކަމަކު ދެރަށުގެ ވާހަކާގައިވެސް ތަފާތު ކަމެއް އެބަ ހުއްޓެވެ. އެހެންކަމުން މިއީ ކޮން ރަށެއްގައި ހިނގާދިޔަ ކަމެއް ކަމާއި މެދު ސުވާލު އުފެދޭ ހިސާބަށް ގޮސްފިއެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޅަބޭ

    ރާއްޖެ އިސްލާމުވި ވާހަކައިގަ އުޅުނު ރަންނަމާރިއަކީވެސް ތިކަހަލަ ވާހަކައެއް،

    39
    6
  2. ރައްޔިތުން

    ވެފދާނެ ތެދަކަށް ވެސް. އެކަމަށް 40 ކުދިންވެސްލިބިދާނެ. ވިހާ ފަހަރު ތަކުގައި ގިނަ ކުދިން ވިހައި ފިއްޔާވެސް.

    25
    3
    • މނ

      ...އހސްލުވެސް. މާމައަކަށް 40 ދަރިން ތިބެދާނެއެވެ. ކުރީގައި ރާއްޖޭގައި މީހެއްގެ 6ނޫނީ 5 ދަރިން ތިބޭ.

      25
      1
  3. މުފައްކިރު

    ހަގީގަތެއް އެކުލެވޭ ކަމެއް ހެން ހީވޭ. އިހުޒަމާނުގަ ކަންކަން ހިގާ ފަ ހުރެގެން ވާހަކަ ދެކެނީ. އެކަމަކު އާބާދީ. އިތުރުވަމުން ދިޔަ ގޮތަށް ބަލާ އިރު އެއް ފެފެ މެލީއެއްގަ 40 ޙާ ފިޒުން ތިބުމަކީ ދުރުކަމެއް. ެެެެެެެެެެެެެެެެެެެެެެެެެ

    7
    1
  4. ސައިބޯނި

    ޢެއް އާއިލާއެކޭ ބުނީމަ ކުޜީގެ އާއިލާތަޢް އުޅޭނީ އެކުގަ ވީމަ އުޅޭނެ ސަތޭކަވެސް ފުވައްމުލަކަކީ އެއްމެ ގިނަ ހާ ފިޒުން ތިބިރަށް އޭރުވެސް މިހާރުވެސް

    13
    1
  5. މިހެންވާނީ

    ތިމާގެ އަމިއްލަ ލޮލުން ދުށް ކަމެއް ނޫނީ، އަދިކީއްތޯ، އަމިއްލަ ދެ ލޮލުން ދެކެފައިވާ ބައެއް ކަންތައްތައް ވެސް ގަބޫލުނުކުރާ މީހުން އުޅޭ. އަޅުގަނޑުމެންގެ ޙަޔާތުގައި މި ހިނގައިދާ ބައެއް ކަންކަމަކީ ޑޮކިއުމެންޓުކުރެވިފައި ހުށްޓަސް ނެތަސް މީގެ އަށްޑިހަ ނުވަދިހަ އަހަރު ފަހުން އަންނަ ބައެއް މީހުންނަށް ގަބޫލުކުރަން ދަތިވާނެ ނުވަތަ އެއްގޮތަކަށް ވެސް ގަބޫލުނުކުރާނެ ކަންކަން. އެހެނެކޭ ކިޔާފައި، އެކަމެއް ހިނގި ޒަމާނެއްގައި އެއީ ހިނގާފައި ނެތް ކަމަކަށްވާނެބާ؟

    21
    1