ޑިޖިޓަލް ދުނިޔެއަކަށް އަހަރެމެންގެ ދިރިއުޅުން ބަދަލުވަމުން އަންނައިރު އެންމެ ގިނަ މީހުންނަށް އެންމެ ގިނައިން ކުރިމަތިވާ އެއްމައްސަލައަކީ ޕާސްވޯޑް ހަނދާން ނެތުމެވެ. ޕާސްވޯޑް ރިކަވާ ކުރަން ޖަހާފައި އޮންނަ އީމެއިލްގެ ޕާސްވޯޑް ވެސް ބައެއް ފަހަރު ހަނދާންނެތި އެތައް އެކައުންޓެއް ދާއިމަށް ބޭނުން ނުކުރެވިފައި ތިބީ ޔަގީނުން ވެސް މަދު އަދަދެއްގެ ބައެއް ނޫނެވެ.

މިފަހަރު މިއޮތީ ޕާސްވޯޑެއް ހަނދާން ނެތިގެން ހަމައެކަނި އެކައުންޓް ގެއްލުމެއް ބިރެއް ނޫނެވެ. މިއުޅެނީ ވޮލެޓެއްގެ ޕާސްވޯޑް ހަނދާން ނެތިގެން ވޮލެޓް އުމުރު ދުވަހަށް ބަންދުވެ އޭގައި ހުރި 220 މިލިއަން އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާ އިން ބަލާނަމަ 3.3 ބިލިއަން ރުފިޔާ) ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ކުރިމަތިވެގެންނެވެ.

ކޮމްޕިއުޓާ ޕްރޮގްރާމާއެއް ކަމަށްވާ ޖަރުމަންގެ ސްޓެފަން ތޯމަސް އަށް 7002 ބިޓްކޮއިން ހަދިޔާއެއްގެ ގޮތުގައި ލިބުނީ 2011 ވަނަ އަހަރުއެވެ. އެމެރިކާގެ ސެން ފްރެންސިސްކޯގައި ދިރިއުޅެމުން އަންނަ ތޯމަސް ބުނާ ގޮތުން އޭނާ އަށް ގިނަ އަދަދެއްގެ ބިޓްކޮއިން ހަދިޔާއެއްގެ ގޮތުގައި ލިބުނީ ކްރިޕްޓޯކަރަންސީ އަކީ ކޮބައިކަން މީހުންނަށް ކިޔައިދިނުމަށް އޭނާ ހެދި ވީޑިއޯއެއްގެ ސަބަބުންނެވެ.

ނަމަވެސް ސްޓެފަންގެ ނަސީބު އެހައި ރަނގަޅެއް ނޫނެވެ. އޭނާގެ ބިޓްކޮއިންތައް ރައްކާކުރި އެކައުންޓްގެ ޕާސްވޯޑް އޭނާ އުޅެއުޅެ ވެސް ހަނދާންވާ ގޮތެއް ނުވިއެވެ. އޭނާ އާއްމުކޮށް ބޭނުން ކުރާ ހުރިހާ ޕާސްވޯޑެއް ޖަހައިގެން ވެސް ވޮލެޓް ހުޅުވޭ ގޮތެއް ނުވިއެވެ. ދެން މިހާރު ކުރިމަތިވެފައި އޮތީ އަދި އެހެން މައްސަލައެކެވެ. އެއީ ދެން ޕާސްވޯޑް އޭނާ އަށް ޖެހެން އޮތީ ދެފަހަރު އެވެ. މިދެފަހަރު ޕާސްވޯޑް ޖަހައިގެން ނުބައި ވެއްޖެނަމަ އުމުރު ދުވަހަށް އެކައުންޓް ލޮކް ވާނެއެވެ.

ސްޓެފަން ވަނީ އޭނާގެ ވޮލެޓް ހުޅުވަން ޕާސްވޯޑް ހިންޓެއް ދެވިދާނެ މީހުންގެ އެހީއަށް މިހާރު އެދިފައެވެ.