ބިގްބޮސް 13 އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝެހެނާޒް ގިލް ކައިވެންޏާއި ބެހޭގޮތުން ބުނެފައިވަނީ މިއީ އަދި އޭނާ މީހަކާއި އިންނަ އުމުރު ނޫން ކަމަށެވެ.

ޝިދާތު ޝުކުލާއާއި ޝެހެނާޒް ގިލްގެ ޖޯޑަށް ތާއީދު ކުރާ އެތައް ސަޕޯޓަރުންނަކާއި އިންސްޓަގުރާމު މެދުވެރިކޮށް އެކި ކަންކަމާއި މެދު ވާހަކަ ދައްކަމުން ދަނިކޮށް އެއް ސަޕޯޓަރެއްގެ ފަރާތުން އޭނާގެ ކައިވެނީގެ ޕްލޭންއަކީ ކޮބައިތޯ ސުވާލު ކުރެވުނެވެ.

މި ސުވާލަށް ޖަވާބު ދެމުން ޝެހެނާޒް ބުނެފައިވަނީ މިއީ އޭނާ ކައިވެނި ކުރާ އުމުރެއް ނޫން ކަމަށެވެ. އަދި ވެސް އެކަމަށް ވަގުތު އޮތް ކަމަށެވެ. އިންޑަސްޓްރީގައި އަދި ވެސް ''ސްޓްރަގަލް'' ކުރާ މީހެއް ނަމަ މިހާރު އޭނާ ހުންނާނީ ކައިވެނި ކޮށްގެން ކަމަށެވެ. އަދި އެހެންވެއްޖެ ނަމަ ދަރިން ވެސް މިހާރު ތިބޭނެ ކަމަށް ޝެހެނާޒް ބުނެފައިވެއެވެ.

''މިއީ އަހަރެން އިތުރަށް މަސައްކަތް ކުރަންވީ ވަގުތު. އަދި ވެސް އިތުރަށް މަސައްކަތް މި ކުރަނީ. އަހަރެން ކައިވެނި ކުރާނީ އަހަރެން ކައިވެނި ކުރާ ހިތް ވުމުން'' މިކަމާއި ގުޅޭ ގޮތުން އިތުރަށް ޝެހެނާޒް ބުނެފައިވެއެވެ.

އިންޑަސްޓްރީގައި ޝެހެނާޒްގެ މަސައްކަތްތަކަށް ބަލާއިރު އޭނާ ވަނީ ސިދާތު ޝުކުލާއާއި އެކު ދެ ވީޑިއޯ ލަވައެއް ކުޅެފައެވެ. އަދި އެ ލަވަތަކަށް ވަނީ ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ލިބިފައެވެ.

ދަރުޝަން ރާވަލްގެ ބުލާދޫންގާ އާއި ޓޯނީ ކައްކަރު ކިޔާފައިވާ ޝޯނާ ޝޯނާ ލަވައަކީ ޝިދާތުއާއި ޝެހެނާޒް އެއްކޮށް ފެނިގެންދިޔަ ލަވައެވެ.

މިހާރު މަސައްކަތް ކުރަމުންދަނީ ޝްރެޔާ ގޯސްލޭގެ ލޯބީގެ ލަވައެއްގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު