ބޮލީވުޑުގެ މަޝްހޫރު އެކްޓަރ ވަރުން ދަވަންއާއި އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ ނަތާޝާ ޑަލާލްއާއި މި މަހު އަލީބާގުގައި ކައިވެނި ކުރުމަށް ހަމަޖެހިއްޖެ އެވެ.
މިދިޔަ އަހަރު ކައިވެނި ކުރުމަށް ރާވައިގެން ތިބި ނަމަވެސް ކޮވިޑް-19ގެ ސަބަބުން ކައިވެނި ފަސްކުރެވުނު ވަރުންއާއި ނަތާޝާގެ ކައިވެނީގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.
އަލީބާގުގެ ހޮޓެލްއަކުން އިންޑިޔާގެ ނޫހެއް ކަމަށްވާ ޕިންކު ވިލާއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ވަރަށް ފަހުން ވަރުން ވަނީ އަލީބާގުގެ ފަސްތަރީގެ ހޮޓެލްއެއް ކައިވެނީގެ ހަފްލާއަށް ބުކް ކުރުމަށް އެތަނަށް ގޮސްފައިވެއެވެ.
''މިއީ ވަރަށް ބޮޑު ކައިވެނީގެ ހަފްލާއެއް. ޕަންޖާބީ ސްޓައިލަށް ބާއްވާ ހަފްލާއެއް. ކޯވިޑުގެ ގަވާއިދުތަކާއި އެއްގޮތަށް މި ކައިވެނީގެ ހަފްލާއަށް ވެސް ދަޢުވަތު ދީފައިވަނީ 200 މީހުންނަށް'' ޕިންކުވިލާއަށް މަޢުލޫމާތު ދިން ފަރާތުން ހާމަކޮށްފައިވެއެވެ.
އިންޑަސްޓްރީގެ ކުރީކޮޅުގައި ވަރުންއާއި ނަތާޝާގެ ގުޅުން އޮތީ ވަރަށް ބޮޑަށް ސިއްރު ކުރެވިފައެވެ. ނަމަވެސް ފަހުން ވަރުން ވަނީ އިންޓަވިއުތަކުގައި ވެސް އޭނާގެ ލޯބިވެރިޔާގެ ވާހަކަ ދައްކައި އެކަން އާއްމުކޮށްފައެވެ. އަދި ވަރުންއާއި ނަތާޝާގެ ކައިވެނީގެ ވާހަކަ ވެސް ވަނީ އިންޓަވިއުއެއްގައި ވަރުން ބުނެފައެވެ.
''އެންމެން ވެސް ފާއިތުވި ދެ އަހަރު ދައްކަމުން ދަނީ އަހަރެންގެ ކައިވެނީގެ ވާހަކަ. އަދި އެއްވެސް ކަމެއް ފައިނަލްއެއް ނުވޭ. ގަބޫލުކުރަން ދަތި ވަރަށް ގިނަ ކަންތައްތައް ދަނީ ދުނިޔެއަށް ކުރިމަތިވަމުން. ހުރިހާ ކަމެއް ވެސް ރަނގަޅު ވެއްޖެ ނަމަ މި އަހަރު ވެސް ކުރެވިދާނެ. މި ބުނީ ވަރަށް އަވަހަށް ކައިވެނި ކުރުމަށް ތައްޔާރުވަނީ އޭ'' ވަރަށް ފަހުން ފިލުމު ފެއަރއަށް ދިން އިންޓަވިއުއެއްގައި ވަރުން ބުނެފައިވެއެވެ.
😘😍😢😍💏