ސްޓަރ ޕްލަސްގެ ''ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ'' އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ހީނާ ޚާން އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 12 އަހަރު ފުރިއްޖެ އެވެ.

މިއަދު އިންޑަސްޓްރީގައި 12 އަހަރު ފުރުން ފާހަގަ ކުރާއިރު ހީނާ ވަނީ މިހާތަނަށް އެތައް ކާމިޔާބީއެއް ހާޞިލު ކޮށްފައެވެ. 12 އަހަރު އިންޑަސްޓްރީގައި ހޭދަކޮށް ކުރިއަރަމުން ދިއުމުގައި ގިނަގުނަ ގޮންޖެހުންތަކަކާއި ވެސް ކުރިމަތިވާނެއެވެ. ހީނާގެ މި ގޮންޖެހުންތަކާއި ލިބުނު ކާމިޔާބީތައް ދާދީ ފަހުން ވަނީ ޓައިމްސް އޮފް އިންޑިޔާއާއި ހިއްސާ ކޮށްފައެވެ.

މި 12 އަހަރަކީ އޭނާއަށް ވަރަށް ގިނަ ކާމިޔާބީތަކާއި ގިނަ ބައެއްގެ ލޯބި ލިބިގެން ދިޔަ 12 އަހަރު ކަމަށް ހީނާ ބުނެފައިވެއެވެ.

''މި އަހަރުތަކަކީ އަހަރެންނަށް ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރަން ލިބުނު އަހަރުތަކެއް. ޑިޖިޓަލް ފިލުމުތަކާއި، ފީޗާ ފިލުމުތަކާއި ޓީވީ ޑުރާމާތަކާއި ރިއަލިޓީ ޝޯތަކާއި ރެޑް ކާޕެޓްގައި ހިނގައިލަން ލިބުމާއި، އިންޓަނެޝަނަލް ރެޑް ކާޕެޓްގައި ހިނގާލުމާއި، އެވޯޑުތައް ލިބުމާއި، އަދި އިންޓަނެޝަލަން ފެންވަރުގެ އެވޯޑުތައް ލިބުމާއި އެމެރިކަން ފިލުމު ފެސްޓިވަލުގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހާސިލު ކުރުން ވެސް ހިމެނޭ'' ހީނާ ބުނެފައިވެއެވެ.

އިންޑަސްޓްރީގައި ގިނަ ދުވަހު ހުރުމަށް ނެގޭ ފިޔަވަޅުތަކާއި މެދު ފުރިހަމަ ޔަގީންކަން އޮންނަން ޖެހޭނެ ކަމަށް ވެސް ހީނާ ބުނެފައިވެއެވެ. އަދި މިއަދު ހީނާއަށް ލިބިފައިވާ ކާމިޔާބީތައް ހާޞިލު ވެފައިވަނީ އެތައް ގޮންޖެހުންތަކަކަށް ފަހުގައި ކަމަށާއި އެތައް ފައިސާއެއް އެކަމަށް ޚަރަދުވި ކަމަށް ވެސް ހީނާ ބުނެފައިވެއެވެ.

ނަމަވެސް ކިތައްމެ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް މިއަދު އޭނާއަށް ލިބިފައިވާ ކާމިޔާބީތަކުގެ ސަބަބުން މިއަދު އޭނާ އަމިއްލަ ނަފުސަށް ވެސް ފަޚުރުވެރިވާ ކަމަށް ހީނާ ބުނެފައިވެއެވެ