މޯހިތު ސްރީ ޑައިރެކްޓްކޮށް ޝްރަދާ ކަޕޫރާއި އާދިތުޔަ ރޯއީ ކަޕޫރު ލީޑު ރޯލުން ފެނިގެން ދިޔަ ފިލުމު ''އާޝީގީ 2''ގެ ކާމިޔާބަށް ފަހު އެ ސީކުއަލްގެ ތިންވަނަ ފިލުމު ''އާޝިގީ 3'' އުފެއްދުމަށް ހަމަޖައްސައި އެ ފިލުމުގެ ލީޑު ރޯލުން ޝްރަދާ ކަޕޫރާއި ޓައިގަރ ޝްރޯފަށް ވަނީ ޖާގަ ލިބިފައެވެ.

ބޮލީވުޑުގެ ކާމިޔާބު ފިލުމު ސީކުއެލްއެއް ކަމަށްވާ ''އާޝިގީ'' ގެ ތިންވަނަ ފިލުމު ''އާޝިގީ 3'' ގައި ޝްރަދާއާއި އެކު ކުޅުމުގެ ފުރުސަތު ލިބުމުން ޓައިގަރ ޝްރޯފް ބޭނުންވީ އެންމެ ފުރަތަމަ ވެސް ފިލުމުގެ ސްކްރިޕްޓް ކިޔާށެވެ.

މީގެ ކުރިން ''ބާޣީ 3'' ގެ ޕްރޮމޯޝަންގައި ''އާޝިގީ 3'' ން ލީޑް ރޯލް ލިބިފައިވާ ކަމަށާއި އަދި އެ ފުރުޞަތު ގަބޫލު ކުރާނަންތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ޓައިގަރ ބުނެފައިވަނީ ޝްރަދާ ކަޕޫރާއި އެކު ފިލުމު ކުޅެން އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް އެންމެ ފުރަތަމަ ބޭނުންވަނީ ސްކްރިޕް އަޑު އަހައިލަން ކަމަށް ވެސް އޭނާ ބުންޏެވެ.

ޓައިގަރ ޝްރޯފްއާއި ޝްރަދާ ކަޕޫރު އެކުގައި ވަނީ ''ބާޣީ'' އާއި ''ބާޣީ 3'' ވެސް ކުޅެފައެވެ. އަދި ޓައިގައާއި ޝްރަދާގެ ޖޯޑަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ''އޮންސްކްރީން ޕެއަރ'' އެވެ.

މޯހިތު ސްރީ މިހާރު ހަދަމުން ގެންދާ ފިލުމު ''އެކް ވިލަން 2'' ގެ މަސައްކަތް ނިންމުމަށްފަހު ''އާޝިގީ 3'' ގެ މަސައްކަތް ފަށައިނެ ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

ޓައިގަރ ޝްރޯފް ވަނީ އޭނާގެ ދެވަނަ މިޔުޒިކް ''ކެސަނޯވާ'' ރިލީޒްކޮށްފައެވެ. މި ލަވަ ވަނީ އާއްމުންގެ ގިނަ ބަޔަކަށް ވަރަށް ކަމުގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު