(ފުވައްމުލައް ސިޓީ) ޒަމާންތަކެއް ކުރިން ރާއްޖޭގެ ރަށް ރަށުގައި ކަތީބުކަން ކުރި މީހުންނަކީ ރަށް ބަލަހައްޓަމުން ދިޔަ ބައެކެވެ. އޭރު ކައުންސިލަރުންނެއް ނުތިބެއެވެ. ކައުންސިލްތަކުގެ އޮނިގަނޑަށް ބަދަލު ގެނެސް، ކަަތީބުގެ މަގާމު ވަނީ އުވިގެން ގޮސްފައެވެ. ނަމަވެސް ކަތީބުންނަކީ ވެސް ރާއްޖޭގެ އެކި ރަށްރަށަށް އޭރު އިންގިލާބީ ބަދަލުތައް ގެނައި މޭސްތިރިންނެވެ. އެތައް ބަޔަކު އެމީހުންނަށް އިހްތިރާމް އަދާކުރެއެވެ.

ފުވައްމުލަކުގައި ކުޑަ ކަތީބުކަމާއި ބޮޑު ކަތީބުކަން ކުރެއްވި މުހައްމަދު ވަހީދަކީ 79، ރަށަށް ބަދަލުތަކެއް ގެންނެވި ބޭފުޅެކެވެ.

ވަހީދު އެންމެ ފުރަތަމަ މަސައްކަތް ކުރައްވާފައި ވަނީ ހޯމް މިނިސްޓްރީގެ ޕަބްލިކް މެއިންޓަނެންސް ޑިވިޝަން "ހ" ގައެވެ. އެއީ 1972 ވަނަ އަހަރުގައެވެ. އެތަނަކީ އޭރު ކުޅިވަރުތައް ހިންގާ ބަލަހައްޓާ ތަނެވެ. އޭރު ރަސްމީ ބޯޅަ ދަނޑެއްގެ ގޮތުގައިވެސް ބޭނުން ކުރަމުން ދިޔައީ ހެންވޭރު ބޯޅަ ދަނޑެވެ. އެއީ މުހައްމަދު އަމީން ދައުރުން ފެށިގެންވެސް ރަސްމީ ދަނޑެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ދަނޑެވެ. ވަހީދު ވިދާޅުވީ، ގަލޮޅު ދަނޑު ރަސްމީ ދަނޑަކަށް ބަދަލުކޮށްފައި ވަނީ އޭނާ އެތަނުގައި އުޅެނިކޮށް ކަމަށެވެ.

ކަތީބު ކަމުގައި ގިނަ ހިދުމަތްތަކެއް ކުރެއްވި ވަހީދު. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ވަހީދުގެ ތައުލީމީ ހަޔާތް!

ވަހީދު، ވިދާޅުވީ 1946 ވަނަ އަހަރު ސަރުކާރުން އެއްފަހަރާ ހަތަރު މަދަރުސާ މިރަށުގައި ހުޅުވި ކަމަށެވެ. އެއީ ކޮންމެ ދެ އަވަށަކަށް މަދަރުސާ އެކެވެ. އޭނާ ވަޑައިގަތީ ދަނޑިމަގާއި ދިގުވާޑާއި ދެމެދަށް ހުރި މަދަރުސާއަށެވެ. އެ މަދަރުސާގައި އޭރު ގްރޭޑްތަކަށް ކިޔަނީ ކިލާހެވެ. އޭނާ ވަނީ އޭރު އޮންނަ އެންމެ މަތީ ކިލާހަށް ވަޑައިގެންފައެވެ. އަދި އެ މަދަރުސާގެ އިސް މުދައްރިސަކަށް ހުންނެވި އަބްދުﷲ މުފީދުގެ އަރިހުން ވެސް ކިޔަވާ ވިދާޅުވަމުން ވަޑައިގެންނެވި ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ސްކޫލްގައި އޭރު ކިޔަވަމުން ދިޔައީ، ހިސާބު، ދިވެހި، ދިވެހީ ދީނިއްޔާތު، އަރަބިއެވެ. ވަހީދު އެންމެ ޝައުގުވެރިކަމާއެކު ކިޔަވާ ވިދާޅުވީ ހިސާބު މާއްދާއެވެ.

އޭގެ ފަހުން 1951 ވަނަ އަހަރު ސަރުކާރުގެ ފަރާތުން އެ ރަށަށް ފޮނުވި ހާއްސަ ވެރިއެއްގެ ގޮތުގައި މުހައްމަދު އިބްރާހިމް ލުތުފީ އަމިއްލައަށް އަތޮޅު ގޭގައި ހިންގެވި ކްލާހަށް ވެސް ވަހީދު ވަޑައިގަތެވެ. ތިން އަހަރުން ލުތުފީގެ ދައުރު ހަމަވި އިރު، އޭގެ ފަހުންވެސް ހާއްސަ ކްލާސް ކުރިއަށްގެންދިޔައެވެ.

ލަތީފް މިރަށަށް ވަޑައިގެން ހަތަރު ސްކޫލް، ދެ ސްކޫލަށް ބަދަލު ކުރިއެވެ. އަދި ފަހުން ވަޑައިގެންނެވި ބޭފުޅާ އެއް ސްކޫލަށް ބަދަލުކުރި އިރު، ދެކުނުގެ ބަޣާވާތުގައި އެ ސްކޫލް އަންދާލުމުން ވަހީދުގެ ކިޔެވުން ނިމުމަކަށް އައީއެވެ. އޭގެ ފަހުގައި އެތަނުގައި އޮތީ ބަޣާވާތް ކަމަށް ވަހީދު ވިދާޅުވިއެވެ.

ކަތީބު ކަމުގައި ގިނަ ހިދުމަތްތަކެއް ކުރެއްވި ވަހީދު. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އަދި ދެ ބަޣާވާތް ދޭތެރެގައި މާލެ ދިއުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވަނީ މާލެ ވަޑައިގެން ކިޔަވަން ފައްޓަވައިފައެވެ. އެގޮތުން މަދަރުސަތުލް އާލިޔާގެ ހާއްސަ ކްލާހުގައި އޭނާ ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ފުރަތަމަ ކުޑަ ކަތީބަކަށް!

ވަހީދު މިރަށު ކުޑަކަތީބު ކަމާ ހަވާލުވެވަޑައިގެންނެވީ 1976 ވަނަ އަހަރެވެ. އޭނާ އެ މަގާމުގައި ހުރެފައި، މެދުކެނޑުމެއް ވެސް އައެވެ. އެއީ ސަނަދު ނަގަން ޖެހިވަޑައިގެން އައި މެދުކެނޑުމެކެވެ. ސަނަދު ނަގައިގެން އެނބުރި އޭނާ ވަޑައިގަތީ 1981 ވަނަ އަހަރެވެ. އެނބުރި ވަޑައިގެން ހަވާލުވީ ކުޑަކަތީބު ކަމާއެވެ. އެ މަގާމުގައި އޭނާ ހުރެފައި ބަދަލުވެވަޑައިގަތީ ކަތީބުކަމުގެ މަގާމަށެވެ. އަދި އެ މަގަމުގައި ހުރެފައި ބޮޑުކަތީބުކަމާ ހަވާލުވެވަޑައިގަތެވެ.

އޭނާ ވަނީ ކަތީބު ކަމުގައި 29 އަހަރު ހޭދަ ކުރައްވައިފައެވެ.

ވަހީދުގެ ކަތީބު ކަމުގައި ކުރެވުނު މުހިންމު މަސައްކަތްތައް!

ވަހީދު ވަނީ ކަތީބުކަމުގައި ރަށަށް މުހިންމު ކަންކަން ފުރިހަމަކޮށް ދެއްވައިފައެވެ. އެގޮތުން ރަށުގެ މުހިންމު މަގުތައް ހެދުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާ ކުރައްވައިފައެވެ.

"ރަށުގެ މުހިންމު މަގުތައް އޭރު ފާހަގަ ކުރެވުނު، ބޮޑު މަގުގެ މާނެރުން ފެށިގެން ބަނދަރާ ހަމައަށް ޗާޓެއް ލިބުނީ، އެ ޗާޓް ލިބިގެން އެ ޗާޓާައި އެއްގޮތަށް މަގު ފާހަގަކުރި، އަދި އޭގެ އެކޮޅަށް ދެން މަގު ހެދޭނެތޯ ވެރިންނާއި ކުރި ސުވާލަކަށް، އަޅުގަނޑު ދަންނަވައިފިން ހެދޭނެއޭ، ދެން އެކޮޅަށް އެ މަގު އެ އޮތީ އެއްވެސް ޗާޓެއް ނެތި ހަމަ އަޅުގަނޑުގެ އަމިއްލަ ޕްލޭނަށް، ރަށް އޮތްގޮތަށް ބަލައިގެން. އެއީ ހިޔާލީ ރޮނގެއް އޮތް ލޭންޑް ޔޫސް ޕްލޭންގައި، ކޮންމެވެސް މަގެއް ބޭއްވުމުގެ ހިޔާލު، އެހެންވެ އަޅުގަނޑު އެއަށް ވިސްނައިގެން އަޅުގަނޑު ކުރިއަށް ދިޔައީ". ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މީގެ ކުރިން މިރަށު އެއްފަރާތުން އަނެއް ފަރާތަށް ފަސޭހަކަމާއެކު ދެވޭނެ ގޮތެއް ނެތް ނަމަވެސް އޭނާގެ ހިޔާލާ އެއްގޮތަށް އެ މަސައްކަތްވެސް ކުރިއަށް ގެންދެވިއެވެ.

އަދި އޭނާ ކުރާ ކޮންމެ މަސައްކަތަކީވެސް އެންމެ ރަނގަޅަށް ކުރެވޭ ކަމެއްތޯ ބަލާ ވިސްނައިގެން ކުރިއަށްގެންދާކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

65 އަހަރު ވުމުން ވަކިވާން ޖެހޭކަން އެނގޭ، އެކަމަށް ތައްޔާރުވި!

އުމުރުން 65 އަހަރު ވުމުން ރިޓަޔާ ކުރަން ޖެހޭނެތީ އޭނާ ދިޔައީ، އެކަމަށް ތައްޔާރުވަމުންނެވެ. ރަށުގައި އަމިއްލަ ގޯއްޗެއް އޮތުމާއެކު އޭނާގެ ވިސްނުން ހުރީ ގޯތީގައި ދަނޑު ހައްދާށެވެ. އޭނާ އެ މަސައްކަތް ވެސް ފަށައިގަތެވެ.

"2008ގެ މެއި 1 ގައި ރިޓަޔާ ކުރައްވަން ޖެހޭކަން އެނގޭ، ގާނޫނަށް އައި ބަދަލުގެ ސަބަބުން އެހާ ހިސާބުން 65 އަހަރުވެފައި ތިބި މީހުން ވަކިވާން ޖެހޭ، އެހެންވެ އަޅުގަނޑު ތައްޔާރުވީ ގޯތީގައި މަސައްކަތް ކުރަން، މަސައްކަތް ކުރަން މީހަކުވެސް ހަމަޖެއްސިން އެ ދުވަހަށް". ވަހީދު ވިދާޅުވިއެވެ.

އެ މަސައްކަތުގެ ތެރެއިން ފަޅޯ، ތަރުކާރީގެ ބާވަތްތަކާއި މިރުސް ފަދަ އެއްޗެހި ހެއްދެވިއެވެ. އަދި އެ މަސައްކަތުން އާމްދަނީ ވެސް ހޯއްދެވިއެވެ. އަދި އަށް ވަރަކަށް އަހަރު ވަންދެން އޭނާ ވަނީ ދަނޑުވެރިކަމުގައި މަސައްކަތް ކުރައްވައިފައެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހިސްޓޯ

    ބޮޑުކަތީބު ވަޙީދު އަރިހުގައި މަސައްކަތް ކުރުމުގެ ނަސީބު އަޅުގަނޑަށް ލިބުނު. ފާހަގަކުރެވުނު އެންމެ އާދަޔާޚިލާފު ކަމަކީ އެމަނިކުފާނަކީ ވަރުބަލި ކަމެއްނެތި ޙަޔާތުގެ ހުރިހާވަގުތެއްހެން އޮފީސް މަސައްކަތަށް ޤުރުބާންކުރެއްވި ބޭފުޅެއްކަން. ރަސްމީގަޑި ނިމުމަށްފަހުވެސް ގެޔަށް ވަޑައިގަންނަވާނީ ހުރިހާ މުވައްޒަފުން މަސައްކަތް ނިންމައި އޮފީސް ލެއްޕުމުން. ވަގުތުކޮޅަކަށް ގޭގައި އަރާމުކުރެއްވުމަށްފަހު ލަސްވެގެން އިރުއޮއްސި 7 ޖަހާއިރު އޮފީހަށް ވަޑައިގަންނަވާނެ. އޭރު އެޓޮސް މިނިސްޓްރީއަށް ކޮންމެ ރެޔަކު ފޮނުވަންޖެހޭ "ދުވަހުން ދުވަހަށް ފޮނުވާ މަޢްލޫމާތު ރިޕޯޓު" ފޮނުއްވުމަށްފަހު ދެން ކޮޓަރި ކޮޅުން ނުކުމެވެޑައިގެން ކޮންފަރެންސް މޭޒުމަތީ ރަށުގެ ޗާޓު ފަތުރައިލައްވައި ދެން ދިރާސާ ކުރައްވާނީ ރަށުގެ ބިން ބޭނުންކުރުމަށް ހެދިފައިވާ ޕްލޭންތަކާއި އަދި ތަފާތު އެކި ސަބަބުތަކާހުރެ ކަތީބުންނަށް ގޮތްނިންމަވަން ދަތިވެފައި ހުރި މައްސަލަތަށް އެންމެ މަސްލަޙަތު ހުރި އަދި ޢަދުލުވެރިކޮށް ނިންމެވޭނެ ގޮތަކީ ކޮބައިތޯއާ ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލަތައް އަވަސްކުރުމަށް އެޅިދާނެ ފިޔަވަޅު ތަކަކީ ކޮބައިތޯ. މިމަސައްކަތްތަކުގައި ހުންނަވާފައި ވަރުބަލިފުޅު ވީމާ އަޅުގަނޑަށް ވިދާޅުވާނެ "ޝިފާޤު ހިނގަ ސައިތާށައް ބޯލަމާ ތޭ؟" ދެން ކޮންމެސް ކެފޭއަކުން ސައި ގެނެސް އެއަށް އިންސާފުކުރާ ވަގުތަކީ އަޅުގަނޑު އަބަދުވެސް އިންތިޒާރު ކުރާ ވަގުތެއް. އެއީ ރަށާ ރަށުގެ ތާރީޚާ އަދި ރަށު ބަހާ ބެހޭގޮތުން އަގުނުކުރެވޭފަދަ ގިނަ މަޢްލޫމާތުތަކެއް ސައި ސުފުރާގައި އެމަނިކުފާނު އަޅުގަނޑަށް ވިދާޅުވެދެއްވާތީ. ގިނަ ރޭރޭ މަސައްކަތް ނިންމަވާފައި ގެޔަށް ވަޑައިގަންނަވާނީ މެންދަމުން އަނބުރާ ފަހުން. އެކަމަކުވެސް ޖެހިގެން އަންނަ ދުވަހު ގަޑިޔަށް އޮފީހަށް ވަޑައިގަންނަވާނެ. ބޮޑުކަތީބު ވަޙީދަކީ ހީވާގިކަމާއި މުރާލި ކަމުގައި އެފަދަ ވެރިއެއް. އަދިއަދާ ހަމަޔަށްވެސް ރަށުގެ ތާރީޚާ ރަށާ ގުޅުންހުރި ކަމެއްގައި އެމަނިކުފާނަށް ގުޅައިފިނަމަ، އެނގިވަޑައިގަންނަވާ މަޢްލޫމާތެއް އެނގިވަޑައިގަންނަވާ މިންވަރަކަށް ދެއްވާނެ. އަދި މަޢްލޫމާތު ކަށަވަރު ނުވާޙާލަތުގަައި އެ މަޢްލޫމާތެއް ހޯދަން ކުރިޔަށްދާންވީ މަގު ދައްކަވާނެ.
    މާތްﷲ އެމަނިކުފާނަށް ފުރިހަމަ ޞިއްޙަތާއި ދިގު އުމުރުފުޅެއް މިންވަރުކުރައްވާށި! އާމީން

    37
    1
  2. ދިރާސާ

    ވަހީދަކީ ނަމޫނާ ވެރިއެއް

  3. ރަދީފް

    ވަހީދު އެއީ ވަރަށް ހިތްހެޔޮ ބޭފުޅެއް.މީގެ 02 އަހަރުކުރިން ފުވައްމުލަކަށް ކުރި ދަތުރެއްގަ މިސްކިތުން (ފުވައްމުލަކު ސްކޫލް ހުރި މަގުގަ ހުންނަ ވަރަށް ރީތި މެދު ސައިޒްގެ މިސްކިތެއް) ވަހީދާއި ދިމާވި.ނުފެންނަ ބީރައްޓެހި މޫނަކަށް ވާތީވެ ކޮން ރަށެއްތޯ އަހައި ހާލު ކިހިނެއްތޯ ސުވާލުކުރި.ފުވައްމުލައް އެއީ ވަރަށް ރީތި ރަށެކޭ ބުނެފަ އެރަށު މީހުންގެ ހިތްހެޔޮ ވާހަކަ ބުނީމަ ބުނީ އަދި މުޅިން ރަނގަޅެއް ނޫނޭ.އެއީ ކީއްވެތޯ އަހާލީމަ ދެއްކީ މިސްކިތުގަ ޖަމާއަތުގަ މީހުން ތިބި އަދަދު މަދުވާހަކަ.މީހުން ރަނގަޅުނަމަ ޖަމާއަތް ހަދައި މިސްކިތް ފުރާލަންޖެހޭނަކަމަށް ބުނެ އެދުވަހު އަޅުގަނޑަށް ވެސް ވަރަށް ހެޔޮ ނަސޭހަތް ވަހީދު ދެއްވި.ވަހީދުގެ އުމުރު ދިގުކުރައްވައި ހެޔޮ ސިއްހަތެއްގަ ލަހައްޓަވާށި.އާމީން

    14
  4. ބަބޫ

    ކަތީބުންނަކީ ވަރަށް ނާޖާއިޒު ފައިދާނެގިބައެއް. ވަރަށްގިނަމީހުންގެ ހައްގުތަށް ކާލައިގެން ތިބި ބައެއް

    14
    • އިސްލާހު

      ހުރިހާ އެންމެނެއް ނޫން

  5. އޭރުގެ ކުޑަ ކަތީބު

    29 އަހަރު ވަހީދު ފުވައްމުލަކަށް ކޮށްފައިވާ އަގުހުރި މަސައްކަތްތަކީ ކޮބާ ނޫނީ ޚިދުމަތްތަކާއި ކޮބާ ތިކަން ތައް އެގޭ ބަޔަކީ ކޮބާ

  6. އިޚުލާސްތެރި ރައްދު

    އޭރުގެ ކުޑަކަތީބުގެ ނަމުގަ ކޮމެންޓް ކުރެއްވި ފަރާތަށް ސަލާމް. ވަޙީދު ފުވައްމުލަކަށް ކޮށްދެއްވި ޚިދުމަތް ،ޚިދުމަތް ކުރެއްވުމުގެ ރޫޙު ހުރި މިންވަރުއެންމޭ ގާތުން ތަޖުރިބާ ކުރި އެއްފަރާތް އެއޮތީ ކޮމެންޓް ކޮށްފަ. އަލުން ކިޔާލާ.