ބޮލީވުޑުގެ ''ޗޮކްލެޓް ބޯއީ'' ސިދާތު މަލޯތުރާއަށް 36 އަހަރު ފުރުމުގެ މުނާސަބަތުގައި އޭނާގެ ސަޕޯޓަރުންގެ އިތުރަށް ފިލުމު އިންޑަސްޓްރީގެ ގިނަ ފަންނާނުން ވެސް ދަނީ އުފަންދުވަހުގެ ތަހުނިޔާ މެސެޖުތައް މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

''ސްޓޫޑެންޓް އޮފް ދަ އިޔާ'' އިން ބޮލީވުޑަށް ތަޢާރަފްވެގެން ދިޔަ ސިދާތު މަލޯތުރާގެ 2015 ވަނަ އަހަރު ނިކުތް ފިލުމު ''ބްރަދާސް'' ގެ ކޯ ސްޓަރ އަކްޝޭ ކުމާރު ވެސް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.

ސިދާތުއާއި އަކްޝޭގެ ފިލުމު ''ބްރަދާސް'' ގެ ހަނދާންތައް އައު ކުރަމުން އެއިރު ދެމީހުން އެއްކޮށް އެއް ޕޯސްއެއްގައި ނަގާފައިވާ ފޮޓޯ ކޮލާޖެއް ހިއްސާކޮށް އަކްޝޭ ކުމާރު ބުނެފައިވަނީ އެ ނޫން އެހެން ކޫލް ޕޯސްއެއްގައި ފޮޓޯއެއް ނެގުމަށް ސިދާތުއާއި ބައްދަލު ކުރަން ބޭނުންވާ ކަމަށެވެ.

އޭގެއިތުރުން އުފަންދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ވެސް ސިދާތުއަށް ޓްވިޓާ މެދުވެރިކޮށް އަކްޝޭ ފޮނުވައިފައިވެއެވެ.

އަކްޝޭ ކުމާރަކީ އަބަދުވެސް ސިދާތުއަށް ވަރަށް ހެޔޮއެދޭ އަދި އެކި ކަންކަމުގައި ސިދާތުއަށް ވަރަށް އެހީތެރިވެދޭ ފަންނާނެކެވެ. 2019 ވަނަ އަހަރު ތިއޭޓަރ ތަކުގައި އެޅުވި ސިދާތުގެ ފިލުމު ''މަރުޖާވާން'' ރިލީޒް ކުރުމުގެ ކުރިން އަކްޝޭ ވަނީ އެ ފިލުމު ޕްރޮމޯޓް ކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ޓްވިޓާގައި އެ ފިލުމާއި ބެހޭގޮތުން ޓްވީޓްކޮށް ސިދާތުއަށް ހެޔޮ އެދުންތައް ފޮނުވާފައެވެ.

ސިދާތުގެ އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައިވާ ބައެއް ފަންނާނުންނަކީ ރަކުލް ޕްރީތު ސިންގް، މަނޯޖު ބާޖްޕާއި، އަކްޝޭ ކުމާރު ފަދަ ފަންނާނުންނެވެ.

ފިލުމީ މަސައްކަތަށް ބަލާއިރު ސިދާތުގެ ކުރިއަށް އިތް ފިލުމަކީ އަޖޭ ދޭވްގަންއާއި ރަކޫލް ޕްރީތު ސިންގްއާއި އެކު ކުޅުމަށް ހަމަޖެހިފައިވާ ''ތޭންކް ގޯޑް''އެވެ.