ދެ އަހަރު ވަންދެން ކެންސަރު ބައްޔާއި ހަނގުރާމަ ކުރުމަށްފަހު އެތައް ބަޔަކު ރޮއްވާލައިފައި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު މަރުވި ބޮލީވުޑުގެ ''ލެޖެންޑަރީ އެކްޓަރ'' ރިޝީ ކަޕޫރު އެންމެ ފަހުން ކުޅެފައިވާ ފިލުމު ''ޝަރުމާޖީ ނަމްކީން'' ރިޝީގެ އުފަންދުވަސް، ސެޕްޓެމްބަރ 4 ވަނަ ދުވަހު ތިއޭޓަރ ތަކުގައި އެޅުވުމަށް ނިންމައިފިއެވެ.

''ޝަރުމާޖީ ނަމްކީން'' ގެ ހުރިހާ ސީންއެއް ނުނިމެނީސް ރިޝީ މަރުވެފައިވީ ނަމަވެސް ފިލުމުގެ ބާކީ ހުރި ސީންތަކުން ފެނިގެންދާނީ ރިޝީގެ ބަދަލުގައި ޕަރޭޝް ރާވަލްއެވެ.

މި ފިލުމުގެ ޑައިރެކްޓަރ ހިތޭޝް ބާޓިއާ ބުނެފައިވަނީ މި ފިލުމު ރިޝީ ކަޕޫރުގެ އުފަންދުވަހު އެޅުވުމަށް ހަމަޖެހިފައިވަނީ ރިޝީގެ ސަޕޯޓަރުންނާއި ރިޝީއަށް ''ޓްރިބިއުޓްއެއް ދިނުމަށް ކަމަށެވެ.

ފިލުމުގެ ޕްރޮޑިއުސަރ ހަނީ ޓްރެހަން މިޑް ޑޭއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކޮލިޓީ ރަނގަޅު ކުރުމަށާއި ފިލުމު ފުރިހަމަ ކުރުމަށް ވީއެފްއެކްސްއާއި ބައެއް ސްޕެޝަލް ޓެކްނިކްސް ބޭނުން ކުރާނެ ކަމަށެވެ.

މި ފިލުމުގެ ބޮޑު ބައެއްގެ ޝޫޓިން ވަނީ މިދިޔަ އަހަރު ޖެނުއަރީ މަހު ދިއްލީގައި ނިންމާފައި ކަމަށާއި ބާކީ ޝޫޓިންތައް ހަތަރު ދުވަހުން ނިންމާލެވޭނެ ކަމަށް ވެސް ޕްރޮޑިއުސަރ ހަނީ ބުނެފައިވެއެވެ.

ހަނީ ޓްރެހަން އިތުރުން މި ފިލުމުގެ ޕްރޮޑިއުސަރުންނަކީ ރިތޭޝް ސިދުވާނީ، ފަރުޚާން އަޚްތަރު އަދި މެގް ގުފިން ޕިކްޗާރސްއެވެ. މި ފިލުމަކީ 60 އަހަރުގެ މީހެއްގެ ވާހަކަތަކެއް ކިޔައިދޭ ފިލުމެކެވެ. މި ފިލުމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ޑައިރެކްޓަރ ބުނެފައިވެއެވެ.