ނ. ލަންދޫ އަށް އުފަން، އުމުރުން 27 އަަހަރުގެ އަބްދުﷲ އާސިމް މި ދުނިޔެ އާއި އަލްވަދާއުކީ އޭނާ ވަޒީފާގެ، މަސައްކަތުގައި އުޅެމުން ދަނިކޮށެވެ. ދިމާވި ހިތްދަތި ހާދިސާއެއްގެ ޝިކާރައަކަށްވެ، ލިބުނު އަނިޔާ ތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. މިމަހުގެ ހަތް ވަނަ ދުވަހު އެމްޕީއެލްގައި ބިއްލޫރި ޕެލެޓް ދަށުވެ ފަރުވާދެމުން ދަނިކޮށް ނިޔާވި އާސިމް މި ދުނިޔެ އަށް އޭނާގެ ފަހު ނޭވާ ދޫކޮށްލީ ހަފްތާއަކަށް ވުރެ ގިނަ ދުވަހު އެ މަރާއި ހަނގުރާމަކުރުމަށް ފަހުގައެވެ.

މަޖޫރީ ގްރޫޕަކާއެކު މަސައްކަތް ކުރާމުންދިޔަ އާސިމް މަރުވި ޚަބަރާއި އެކު މުޅި ލަންދޫ ހިމޭންކޮށްލިއެވެ. ރަށުގެ ގިނަބަޔަކާއި ރަހުމަތްތެރި ގުޅުމެއް ބޭއްވި އާސިމް އަކީ ހިތްހެޔޮ، މީހުންނާއި ގުޅޭ މީހެކެވެ. އެއީ އެންމެންނާއި ގުޅުން ބޭއްވި، މަޑުމައިތިރި، ހުލްގު ހެޔޮ މީހެކެވެ. ރަށުގެ އާސިމް ދަންނަ އެންމެންހެން އޭނާ އާއި މެދު އިއްތިފާގުވާ އެއް ކަމެއް އެބަ އޮތެވެ.

އެއީ އާސިމް އަކީ އުމުރުން ކިތަންމެ ހަގު މީހަކަށްވީނަމަވެސް އޭނާގެ ޒިންމާދާރު ކަމާއި މެދު ދެބަސް ވެވެން ނެތްކަމެވެ. ހިނިތުން މޫނަކާއި އެކު މީހުންނާއި ކުރިމަތިލާން އާދަވެފައި ހުރި އާސިމް އަކީ، އޭނާގެ ޒުވާން ކޮނޑުގައި މުޅި އާއިލާގެ ޒިންމާ އުފުލި ލާމަސީލު މިސާލެކެވެ. މަޖޫރީއެއްގެ މަސްޢޫލިއްޔަތު އުފުލަމުން ދިޔަ އާސިމްއަކީ މުޅި އާއިލާގެ ދިރުމެވެ. އާއިލާގެ ފަންވަރާއި ތަނބެވެ. އާސިމަކީ ސަހަރޯވެރި ދަރިއެކެވެ. ލޭފަވެތި ބޭބެއެކެވެ. އޭނާއަކީ އާއިލާގެ އެންމެ ބޮޑު ފިިރިހެން ދަރިފުޅެވެ. އާއިލާގެ ހުރިހާ ކަންކަން ބަލަމުން ދަނީ އޭނާ އެވެ.

ލަންދޫ ކައުންސިލްގެ މެމްބަރު އަބްދުﷲ އާރިފް ވިދާޅުވީ، އާސިމަކީ ވަރަށް މަޖާ ވަރަށް ރައްޓެހިންނާއި ގުޅޭ ޒުވާނެއް ކަމަށެވެ. އަދި ވަރަށް ބޮޑަށް އާއިލާ ކަންކަމުގައި ޒިންމާ ނަގައިގެން އުޅޭ ޒުވާނެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށް އާރިފް ވިދާޅުވިއެވެ.

އޭނާއަކީ އާއިލާއެކު މާލޭގައި ދިރިއުޅެމުންދިޔަ ޒުވާނެކެވެ. އާރިފް ވިދާޅުވީ، އޭނައަކީ ރަށުގައި ހުންނައިރު، ރަށުގެ ކަންކަމުގައިވެސް ބައިވެރިވާ ފަރާތެއް ކަމަށެވެ.

މި ފަނާކުރުވަނިވި ދުނިޔެ އާއި އޭނާ ވަކިވެ ދިޔުމުގެ އެންމެ ބޮޑު ސިހުމެއް ލިބޭނީ އޭނާގެ ހުވަފަތް އަނބި މީހާ އަށް ކަމަށް ވާއިރު، އެ ދެމަފިރިންގެ ކައިވެންޏަށް އަދި މަހެއް ނުފުރެއެވެ.

އޭނަގެ ގާތް މީހަކު ކިޔާދިން ގޮތުގައި، އެ މީހުންގެ ކައިވެނި ކުރެވިގެން ދިޔައީ ޑިސެންމަރު 20 ވަނަ ދުވަހުއެވެ.

އެ ކައިވެނީގެ އަލަތުކޮޅު މިފަދަ ގޮތަަަކަށް ފިރިމީހާ މި ދުނިޔެ އާއި ވަދާއުކިޔުމުން، އާސިމްގެ އަނބިމީހާ އަށް ލިބުނު ހިތްދަތިކަން އިތުރުވީ އާސިމްގެ މޫނުވެސް ނުފެނި އޭނާ ވަޅުލާން މަޖުބޫރުވުމުންނެވެ.

އެ ގާތް މީހާ ކިޔާދިންގޮތުގައި، އާސިމްގެ އަނބިމީހާ މި ވަގުތު ހުރީ އިންޑިއާ އެވެ. އަދި އާސިމްގެ އަނބިމީހާ ކޮވިޑް-19 އަށް ފައްސިވެ އެހުރީ މާލެ ނާދެވިފައި ކަމަށް ބުންޏެވެ.

ފިރިމީހާގެ ހާލާތު އެނގި އިންޑިއާއިން އެނބުރި ރާއްޖެ އަންނަން ބޭނުންވެފައި ހުރި އޭނާ، އަށް ފިރިމީހާ ނުފެނި އެ ވަކިވެ ދިޔައީ އެވެ. ހަމަލޮލުން އެންމެ ފަހު ފަހަރަށް ފިރިމީހާއަށް ބަލާލަންވެސް އަދި އަތުގައި ހިފާލަންވެސް ފުރުސަތު ނުލިބި ވަކިވީއެވެ. ފަހު ވަގުތުކޮޅުވެސް އާސިމް ހޭދަކުަން ޖެހުނީ ލޯބިވާ އަނބިމީހާ އާއި ދުރުގައެވެ.

އާސިމްގެ ކައިވެންޏަށް ފަހު އޭނާގެ ރަށަށް އަނބި މީހާ ގޮވައިގެން ދާން ވެސް އޭނާ ރޭވިއެވެ. އެހެންނަމަވެސް އެ ދަތުރު ނުކުރެވުނީ ކޮވިޑް-19ގެ ހާލަތުގެ ސަބަބުންވެ.

"އަޅުގަނޑަށް ގުޅާފައިވެސް ބުނި، ތިމަންނަ މިހުރީ ރަށުގައޭ، އެބަޖެހެއޭ ރަށަށް ޖައްސާލަން، ދެން އެއްކަލަ ކައުންސިލްގެ ހުއްދައާއެކުގައިތާ ރަށަށް އައުމާއި ކަންކަން މި ދޭތެރެއަކުން މިދިޔައި، މިހާރުވެސް މި އިންނަނީ ވަކި ހުއްދަތަކެއް ނަގައިގެންތާ މާލެއިން ކަމުގައިވާނަމަ އާދެވެނީ، ގުޅާލަފައި ބުނި، ދާން ބޭނުމޭ، ކަރަންޓީން މި ނިންމީއޭ". އެންމެ ފަހުން އާސިމް އާ ފޯނުން ގުޅައިގެން ވާހަކަދެއްކި ދުވަަހުގެ ދެއްކި ވާހަކަތައް ހިއްސާ ކުރަމުން އަރީފް ވިދާޅުވިއެވެ.

އަރީފް ފާހަގަކުރެެއްވިގޮތުގައި، އެފަހަރު އޭނާ ރަަށަށް އައިސްފައެއް ނުވެއެވެ. އޭނާ ދިޔައީ އެނބުރި މާލެއަށެވެ.

"އަސްލު އޭނާގެ ހަގަށް ތިބޭނެ ކުދިން، ބައްޕަ ޖަލުގައި، ދެން ހަަމަ އާއިލާގެ ވަރަށް، އަދި ކުދިންގެ ހުރިހާ މަސްއޫލިއްޔަތެއް ނަގައިގެން އުޅޭ ޒުވާނެއްގެ ގޮތުގައި މި ފާހަގަކުރެވެނީ". އަރީފް ވިދާޅުވިއެވެ.

އައިޖީއެމްއެޗް އިން ވިދާޅުވީ އާސިމް ނިޔާވީ ރޭ ފަތިހު 05:00 ކަމަށެވެ.

އެރަށު މީހުން ބުނާގޮތުގައި، އޭނާ ވަކިވެ ދިއުމުން މުޅި ރަށް އޮތީ ހިމޭން ވެފައެވެ.

ބިއްލޫރިތައް ދަށުގައި އާސިމް ތާށިވީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ސަލާމަތް ކުރީ އެމްޕީއެލް މުވައްޒަފުންނާއި ސިފައިން ގުޅިގެން ކުރި މަސައްކަތުންނެވެ. ކޮންޓޭނަރުގެ އެތެރޭގައި ބިއްލޫރިތައް ދަށުގައި އާސިމް ތާށިވުމުން އޭނާ ސަލާމަތް ކުރަން ގިނަ ވަގުތުތަކެއް ނެގިއެވެ.

އާސިމްގެ އާއިލާ އިން ކުރިން ބުނެފައިވާގޮތުގައި، ބިއްލޫރިތައް ދަށުގައި އާސިމް ތާށިވެގިނައިރުތަކެއް ވުމުގެ ސަބަބުން އޭނާގެ ހުންްކޮށި ފަޅައިގެން ގޮސް ހަށިގަނޑުގެ އެތެރެއަށް ގިނަ އަދަދަކަށް ލޭފައިބަމުންދިޔަ ކަމަށެެވެ. އޭގެ އިތުރުން އަތުގެ އުޅަބޮއްޓާއި ކުޑަހުޅާއި، އުކުޅުވަޅު ބިންދައިގެން ގޮސް މައިބަދަޔަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އާއިލާ އިން ބުނެފައި ވެއެވެ.

މިއީ ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އެމްޕީއެލްގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާއެވެ. އެންމެ ފަހުން އެމްޕީއެލްގައި ނުރައްކާތެރި ބޮޑު ހާދިސާއަކަށް ހިނގާފައި ވަނީ 2014 ވަނަ އަހަރު ކޮންޓޭނާއެއް ވެއްޓިގެން ހިނގި ހާދިސާއެވެ. އެހާދިސާގައި ދެމީހަކު ނިޔާވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ތުނިޔަ

  އާސިމްގެ ފާފަ ފުއްސަވައި ސުވަރުގޭގައި ލައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.

  45
 2. ސަނީ

  ބޮޑަށް ބުރަވެވެނީ އައިޖީއެމްއެޗް މައްސަލަކަމަށް. ނުވަންޔާ ނުވާ ވާހަކަވެސް ނުބުނާތީ! އެޔަށްވުރެ ހާލު ދެރަމީހުންވެސް ރަގަޅު ވެފަ އެބަހުރި. އައިޖީއެމްއެޗް ހާލު މަ ތަޖްރިބާ ކުރިފަހަކުން މަގޭ އެއްވެސްކަމެއް ކުރާކަށް މަށެއް ނުދަން. ނުވެސްދާނަން.

  40
  1
 3. ޢލަި

  ވަގުތުން މި މީހާގެ އާއިލާއައްވެސް އެހީތެރިކަން ފޯރުކޮއްދެއްވާ ހަމަހަމަ ކަން ގާއިމް ކުރޭ. ވަރައް ފަގީރު ބައެއް މި ކިއްޖާގެ ފެމިލީއަކީ ވަރައް ހާލުގަ އުޅެނީ

  59
  2
 4. Aamina

  ވަގުތުން މި އާއިލާއަށް ވެސް އެހީތެރިކަންދީ އާންމުންނަށް ވެސް އެހީތެރިކކަން ފޯރުކިކޮށް ދެވޭނެ ގޮތެއް ހޯދަެިދީފަ ނޫހުގައި ޖަހާދީބަލަ. ޢެހީވާން ބޭނުން.