ކައިރީގައި ހިނގާ ކަންކަން ބަލަން ވާނެއެވެ. ކައިރީގައި ހިނގަމުން ދަނީ ކިހާވަރެއްގެ ކަމެއް ކަން ނޭނގުމަކީވެސް ގޯހެކެވެ. އެކަމަކު މިއީ މީހަކު ސަލާމަތް ކުރެވިދާނެ ވަރުގެ ކަމެއްވެސް މެއެވެ.

ކަންވީވެސް އެހެންނެވެ. ރެސްޓޯރެންޓެއްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީހަކު މި ވަނީ މިގޮތަށް އަނިޔާ ލިބެމުންދާ ކުޑަކުއްޖަކު ސަލާމަތްކޮށްފައެވެ. އޭނާ މިކަން ކޮށްފައި ވަނީ އެހީއެއް ބޭނުންވޭތޯ އުމުރުން 11 އަހަރުގެ އެ ކުއްޖާ ކައިރިން ސުވާލުކޮށްގެންނެވެ.

އޮރްލަންޑޯގައި ހުންނަ ޕޮޓޭޓޯ ރެސްޓޯރެންޓްގައި މަސައްކަތް ކުރާ އެ ވެއިޓަރު އެ ކުއްޖާއަށް ނޯޓެއް ފޮނުވާފައި ވަނީ އޭނާ އެއްވެސް އެހީތެރިކަމެއް ބޭނުންވޭތޯއެވެ.

ފްލެވިން ކެރްވެޅޯ ނަމަކަށް ކިޔާ އެ އަންހެން މީހާ ވަނީ އެ ކުއްޖާގެ މައިންބަފައިން ކައިރިން އެ ކުއްޖާ ސަލާމަތްކޮށްފައެވެ. އެ ކުއްޖާގެ މައިންބަފައިންނަކީ އެ ކުއްޖާއަށް އަނިޔާ ކުރަމުންދިޔަ ބައެކެވެ.

ކެރްވެޅޯ ބުނީ އެ ރެސްޓޯރެންޓްގައި އެ ކުއްޖާގެ މައިންބަފައިންނަށް ކާ އެއްޗެއްސަށް އޯޑަރު ކުރި ނަމަވެސް އެ ކުއްޖާއަށް އެއްވެސް އެއްޗަކަށް އޯޑަރުކޮށްފައި ނުވުމުން، އޭނާ އަށް ކަމެއް ގޯސްކޮށް އުޅޭހެން ހީވި ކަމަށެވެ.

އަދި އެ ކުއްޖާ ކާނީ ގެއިން ކަމަށް މައިންބަފައިން ބުނި ކަމަށް ކެރްވެޅޯ ބުންޏެވެ.

އަދި މީގެ އިތުރުން އެ ކުއްޖާގެ މޫނާއި އަތުންވެސް އަނިޔާ ލިބިފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް އޭނާ ބުނެފައި ވެއެވެ.

"އެހެންކަމުން އަހަރެންނަށް ކަމެއް ގޯސްކޮށް އުޅޭހެން ހީވި"

އަދި އޭނާ އެ ނޯޓު ފޮނުވުމުން އެހީތެރިކަން ބޭނުންވާ ކަމަށް ބުންޏެވެ. އެއާއެކު އޭނާ ގުޅީ ފުލުހަށެވެ.

"އަހަރެން މިހުރީ ވަރަށް ކަންބޮޑުވެފައި، އަހަރެންނަށް ނޭނގެ ކަންތައް ކުރަންވީ ގޮތެއް. އަހަރެންނަށް އެޑްވައިސްއެއް ދީބަލަ، އެ ކުއްޖާގެ ގައިގައި އަނިޔާ ލިބިފައި ހުރި ކަމުގެ ނިޝާންތައް ހުރި، އޭނާ ނުވެސް ކައި ދެން ތިބި މީހުން ކަނީ".

ފުލުހަށް މިކަން ހުށަހެޅުމާއެކު ފުލުހުން ވަނީ އެ ކުއްޖާގެ މަންމަ އާއި ދޮންބައްޕަ ހައްޔަރުކޮށްފައެވެ.

އަދި އެ ކުއްޖާ އާއި އޭނާާގެ ދަރިން ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި އެ ކުއްޖާއަށް ހޮސްޕިޓަލްގައިވެސް ފަރުވާދީފައި ވެއެވެ. އެ ކުއްޖާ ބުނެފައިވާގޮތުގައި, އޭނާއަށް ވަރަށް އަނިޔާ ކުރެއެވެ. އަދި ކާން ނުދީވެސް ބަހައްޓައެވެ.

ކިޔުންތެރިންގެ ހިޔާލު