މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ޝޫޓިންތައް ނިންމާފައިވާ ކުޅިވަރާއި ބެހޭ ފިލުުމު ''ޖާރޒީ'' މި އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހު ތިއޭޓަރތަކުގައި އަޅުވައި ގޮތަށް ހަމަޖައްސައިފިއެވެ.

މި ފިލުމުގެ ޝޫޓިން ފެށުނުތާ އަހަރެއް ފަހުން އައި ކޮރޯނާ ވައިރަސްގެ ޕެންޑަމިކްއަަށްފަހު ވެސް މި ފިލުމުގެ ޓީމުން ވަނީ ފިލުމުގެ ހުރިހާ ޝޫޓިންއެއް ނިންމާ ފިލުމު އެޅުވުމުގެ އެންމެ ފަހު ތާރީޚް ހާމަކޮށްފައެެވެ.

އިންޑިޔާގެ ހުނަރުވެރި ކުރިކެޓް ކުޅުންތެރިއެއްގެ ކުރިކެޓް ކެރިއަރ ދިޔަ ގޮތް ދައްކުވައިދޭ މި ފިލުމަކީ ޓެލެގު ފިލުމެއްގެ ރީމޭކެކެވެ. މި ފިލުމު އޯޓީޓީ ޕްލެޓް ފޯމުގައި ފިލުމު އެޅުވުމުގެ ބަދަލުގައި ތިއޭޓަރތަކުގައި ފިލުމު އަޅުވައި ގޮތަށް ފިލުމުގެ ޓީމުން ހަމަޖައްސައިފިއެވެ.

ގޯތަމް ޓިންނާނުރީ ޑައިރެކްޓް ކޮށްފައިވާ މި ފިލުމުގައި ޝާހިދު ކަޕޫރުގެ އިތުރަށް މުރްނާލް ޓާކުރްއާއި ޕަންކަޗް ކަޕޫރު ވެސް ފެނިގެންދާނެއެވެ.

ޗަންދިގަރުގައި ފިލުމުގެ ޝޫޓިންގެ ބޮޑު ބައެއް ނަގާފައިވާ މި ފިލުމުގައި ޝާހިދު އަދާ ކުރަނީ ކުރިކެޓް ކުޅުންތެރިޔާގެ ރޯލެވެ.

''5 ނޮވެމްބަރ 2021 ގެ ދިވާލީގައި ތިއޭޓަރތަކުގައި ރިލީޒް ކުރަނީ'' ޖާރޒީ ރިލީޒް ކުރާ ތާރީޚާއި ބެހޭގޮތުން ޝާހިދުގެ އިންސްޓަގުރާމް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ލިޔެފައިވެއެވެ.

ފިލުމުގެ އެހެން ފަންނާނުންނާއި ޑައިރެކްޓަރަށް ޓެގް ކޮށްފައިވާ މި ޕޯސްޓުގައި ޝާހިދު ބުނެފައިވަނީ މި ކުރިކެޓް ކުޅުންތެރިޔާގެ މި ރޯލު ކުޅެން ލިބުމަކީ އޭނާއަށް ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖުޕޫތު ކަޕޫރު ވެސް ވަނީ އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި މި ފިލުމުގެ ރިލީޒް ކުރާ ތާރީޚް ލިޔެ ޕޯސްޓެއް ކޮށްފައެވެ.