އިންޑިޔާގެ ގުރުގްރާމްގެ އަކިލް ބާޓިޔާ ބީމް ސެނާގެ ފައުންޑަރ އަދި ނެޝަނަލް ޕްރެޒިޑެންޓް ނަވާބް ސަޓްޕަލް ތަންވާރު ފޭސްބުކުގައި ކޮށްފައިވާ ވީޑިއޯއެއްގައި ބަތަލާ ރިޗާ ޗައްޑާއަށް ހާމަކަންމަތީ މަރުގެ އިންޒާރު ދީފިއެވެ.

ރިޗާ މިހާރު ކުޅެމުންދާ ފިލުމު ''މެޑަމް ޗީފް މިނިސްޓްރަ'' އަކީ އުއްތަރު ޕްރަދޭޝްގެ ކުރީގެ ޗީފް މިނިސްޓަރ މަޔާވަތީގެ ވާހަކަތައް ކިޔައިދޭ ފިލުމެކެވެ. މި ފިލުމުގައި މަޔާވަތީގެ ވާހަކަތައް ގެނެސްދީފައިވާއިރު ދޮގު އެތައް ކަންތައްތަކެއް ވެސް ދައްކުވައިދޭ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވަނީ އެ މައްސަލަ ޖައްސައިފައެެވެ.

މި މައްސަލަތަކާއި މީހުންގެ ހިތްހަމަ ނުޖެހުމުގެ ސަބަބުން ރިޗާ ވަނީ ބެލުންތެރިންގެ ކިބައިން މަޢާފަށް އެދި ބަޔާނެއް ވެސް ނެރިފައި ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ރިޗާ މަޢާފަށް އެދުނު ނަމަވެސް ނަވާބް ސަޓްޕަލް މިވަނީ ރިޗާއަށް މަރުގެ އިންޒާރު ދީފައެވެ. މި ފިލުމުގެ ޑައިރެކްޓަރ އަދި މި ވާހަކަ ކިޔުނު ލިޔުންތެރިޔާ ބުނެފައިވަނީ މިއީ ''ފިކްޝަނަލް'' ކޮށް ގެނެވިފައިވާ ވާހަކައެއް ކަމަށެވެ.

''ރިޗާގެ މަޢާފް ގަބޫލެއް ނުކުރެވޭނެ. އަދި މި ފިލުމު ރިލީޒެއް ވެސް ނުކުރެވޭނެ. ފިލުމު ރިލީޒް ކުރެވިއްޖެ ނަމަ ރިޗާ މަރައިލާނަން'' ނަވާބް ސަޓްޕަލް ބުނެފައިވެއެވެ.

ރިޗާގެ ދޫ ބުރިކޮށްލައިގެން ގެނައި މީހަކަށް 2 ކްރޯރް ރުޕީސް ދޭނެކަމަށާއި، ފިލުމުގެ ޑައިރެކްޓަރ އޭނާއަށް ހަމައަށް ގެނެސްދިނުމަށް ވެސް އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިފައިވެއެވެ. އަދި އެ ޑައިރެކްޓަރު މަގުމަތީގައި ބަރަހާނާކޮށް ހިންގާނެ ކަމަށް ވެސް ސަޓްޕަލްގެ ވީޑިއޯގައި ބުނެފައިވެއެވެ.

ސަޓްޕަލްގެ މި އިންޒާރަށް ރައްދު ދެމުން ރިޗާ ބުނެފައިވަނީ އެހެން ބުނި ނަމަވެސް އެކަމާއި އޭނާ ބިރު ނުގަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު