ބޮލީވުޑުގެ ޑައިރެކްޓަރ، ރައިޓަރ، އެކްޓަރ އަދި ޕްރޮޑިއުސަރެއް ކަމަށްވާ މަހޭޝް މަންޖްރެކަރއާއި ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހަޅައި އެފްއައިއާރު ރެޖިސްޓަރ ކޮށްފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ޔަވަތު ވިލޭޖުގެ ޕޫނޭ ސޯލާޕޫރު ހައިވޭ ކައިރީގައި ހުންނަ ޕޮލިސް ސްޓޭޝަނުން ބުނެފައިވަނީ އެކްޓަރ މަހޭޝްއާއި ދެކޮޅަށް މީހަކު މައްސަލައެެއް ހުށަހަޅައިފައިވާ ކަމަށެވެ.

މަހަރާޝްތުރާގައި މަހޭޝް ދުއްވަން އިން ކާރުގައި އެހެން މީހެއްގެ ކާރު ޖެހުމުން އެކަމާއި ރުޅި އައިސްގެން އެ މީހާއަށް ވަރަށް ހުތުރު ބަހުން ވާހަކަ ދައްކައި އަދި އެމީހާގެ މޫނު މަތީގައި ޖެހި ކަމަށް ބުނެ އެ މީހާ ވަނީ ފުލުހަށް މައްސަލަ ހުށަހަޅައިފައި ކަމަށް ސީނިއަރ ޕޮލިސް އޮފިސަރަކު ވެސް ބުނެފައިވެއެވެ.

މައްސަލަ ހުށަހެޅި ކެއިލާޝް ސަޓްޕުޓް ފުލުހަށް ދިން ބަޔާނުގައި ބުނެފައިވަނީ މަހޭޝްގެ ކާރު ކުއްލިއަކަށް ބްރޭކް ޖެއްސުމުން އެ ކާރުގެ ފަހަތުގައި އޮތް އެ މީހާގެ ކާރު ޖެހުނީ ކަމަށެވެ. ދެން މަހޭޝް ކާރުން ފައިބާގެން އައިސް އެ ދެ މީހުންގެ ދެމެދުގައި ދެބަސްވުމެއް ހިނގި ކަމަށާއި އަދި މަހޭޝް ވަރަށް ހުތުރު ބަހުން ވާހަކަ ދައްކައި އޭނާގެ މޫނު މަތީގައި ޖެހި ކަމަށް ވެސް ބުނެފައިވެއެވެ.

ފިލްމީ މަސައްކަތަށް ބަލާއިރު މަހޭޝް ވަނީ ނެޝަނަލް އެވާޑް ހާޞިލު ކޮށްފައެވެ. އާއްމުކޮށް ހެއްވާ އަދި ނުބައި ރޯލުތަކުން ފެނިފައިވާ މަހޭޝްގެ ބައެއް ފިލުމުތަކަކީ ''ދަބަންގް 3''، ''ދަބަންގް''، ''ސާހޯ''، ''އޯ މައި ގޯޑް''، ''ހިއްމަތުވާލާ'' ފަދަ ފިލުމުތައް ފާަހަގަ ކޮށްލެވެއެވެ.