2018 ވަނަ އަހަރު ޝާހުރުކް ޚާން ކުޅުނު ފިލުމު ''ޒީރޯ'' އަށްފަހު ސިނަމާތަކުން ޝާހުގެ ފިލުމެއް ބަލައިލަން ނުލިބި އޭނާގެ ސަޕޯޓަރުންގެ މާޔޫސްވެފައިވާ މޫނުތައް އުޖާލާ ކޮށްދިނީ ދީޕިކާ ޕާޑުކޯންގެ މި ޚަބަރާއި އެކުގައެވެ.

ނާކާމިޔާބު ފިލުމުތަކެއް ޖައްސަޖައްސައިގެން ކުޅެވުމުން ބްރޭކެއް ބޭނުންވި ޝާހުގެ އެ ނިންމުމަށް އޭނާގެ ސަޕޯޓަރުން އިޚްތިރާމް ކުރިނަމަވެސް އެދެމުން ދިޔައީ ސިނަމާތަކުން ޝާހުގެ ފިލުމެއް އަޅުވާނެ ދުވަހަކަށެވެ.

2 އަހަރުގެ މެދު ކަނޑާލުމަކަށްފަހު ޝާހު އެނބުރި ފިލުމީ މަސައްކަތަށް އައިސްފައި މިވަނީ ފިލުމު ''ޕަތަން'' އިންނެވެ. ޝާހުގެ އިތުރަށް ދީޕިކާ ޕާޑުކޯންއާއި ޖޯން އަބްރަހަމް ފެނިގެންދާ މި ފިލުމުގެ ޝޫޓިންތައް މިހާރު ވަނީ ފެށިފައެވެ.

ސިދާތު އަނަންދު ޑައިރެކްކުރާ މި ފިލުމު ''ޕަތަން'' ސިނަމާތަކުގައި އަޅުވާ ގޮތަށް ނިންމާފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ. މިއީ ބިގް ސްކްރީނުން ޝާހު ބަަލައިލުމަށް ބޭނުންވާ އޭނާގެ ސަޕޯޓަރުންނަށް ވަރަށް ވެސް އުފާވެރި ޚަބަރެކެވެ.

2 އަހަރުގެ ބްރޭކަކަށް ފަހު ޝާހު އެނބުރި އައި މި ފިލުމަކީ އެކްޝަން ފިލުމެކެވެ. މި ފިލުމުގައި ޝާހުރުކް ޚާންގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދާ ދީޕިކާ ޕާޑުކޯން ވަނީ ޝާަހުގެ މި ފިލުމު ސިނަމާތަކުގައި އަޅުވާނެކަން ހާމަކޮށްފައެވެ.

2007 ވަނަ އަހަރު ދީޕިކާގެ އެންމެ ފުރަތަމަ ބޮލީވުޑު ފިލުމު ''އޯމް ޝާންތި އޯމް'' ގައި ޝާހުރުކް ޚާނާއި އެކު މަސައްކަތް ކުރުމަށްފަހު ދެން މި ދެ ފަންނާނުން ފެނިފައިވަނީ 2009 އަހަރުގެ ފިލުމު ''ބިއްލޫ'' ގައި ހާއްސަ ލަވައަކުންނެވެ. އޭގެފަހުން 2013 ވަނަ އަހަރު ''ޗެންނާއީ އެކްސްޕްރެސް'' އަދި 2014 ވަނަ އަހަރު ''ހެޕީ ނިއު އިޔާ'' އިންނެވެ.