ދުނިޔޭގެ އެންމެ ފުރަތަމަ ފްލޯޓިންގ ސިޓީން ގެއެއް ގަތުމަށް މިއަދު ފުރުސަތު ހުޅުވާލައިފިއެވެ. އެ ސިޓީން ގެތައް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު އަގު އުޅެނީ 14،000 ޑޮލަރާއި، އެއް ބިލިއަން ޑޮލަރާއި ދެމެދުގެ އަގުތަކެއްގައެވެ.

ބްލޫ އެސްޓޭޓް އައިލެންޑްގެ ނަމުން ދަން ދީފައިވާ މި ސިޓީ އޮންނަނީ ކެރީބިއަން ކަނޑުގައެވެ. އެ ސިޓީގެ ރިންގ ލެވެލް ސްޓޫޑިއޯ އެޕާޓްމެންޓެއްގެ އަގު އުޅެނީ 14600 ޑޮލަރުގައެވެ. އަދި ބޮޑު ގެއެއްގެ އަގު އުޅެނީ 1.1 ބިލިއަން ޑޮލަރަށެެވެ.

އެ ފްލޯޓީންގ އައިލެންޑް ހަދަން ނިންމާފައި ވަނީ އަލްޓްރާ ހައި ޕާފޯމެންސް ކޮންކްރީޓް މޮޑިއުލްތަކެވެ.

އެ ސިޓީން ގެތައް ގަތުމަށް ހުޅުވާލި ނަމަވެސް، އެ ސިޓީގެ މަސައްކަތް ފަށާނީ 2022 ގައެވެ. އަދި 2025 އަށް މުޅި ސިޓީގެ މަސައްކަތް ނިމޭއިރު، 2023 ވަނަ އަހަރުން ފެށިގެން މީހުންނަށް އެ ސިޓީގައި އުޅެވޭނެ އެވެ.

އެތަން ތަރައްގީ ކުރާ ފަރާތްތަކުން ބުނީ، އެތަނުގައި 15000 މީހުންނަށް ދާއިމީ ބޯހިޔާ ވަހިކަން ލިބޭނެ ކަމަށެވެ. އަދި އެތަނުގައި އެތައް ވިޔަފާރިއަކާއި، ސިއްހީހިދުމަތް ދޭ ކްލިނިކްއަކާއި، އިންޓަނޭޝަނަލް ސްކޫލެއް ހުންނާނެ ކަމަށް ބުނެފައި ވެއެވެ.

އެ ފަރާތުން ބުނީ، އެ ސިޓީ ހުންނާނީ ފްލޮރިޑާގެ މިއާމީ ކައިރީގައި ކަަމަށެވެ.

އަދި އެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް އަހަރަކު 340 ދުވަހު އިރުގެ އަލިކަން ލިބޭނެ ކަަމަށެވެ.

މި ސިޓީ ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ބޮޑެތި ރާޅުތައް ޖެހުމުންވެސް ރައްކާތެރިވެވޭ ގޮތަށެވެ. އަދި ތޫފާންތަކުންވެސް ސަލާމަތް ވޭވެނެ ހެންނެވެ.