ބޮލީވުޑުގެ ތަޖުރިބާކާރު ބަތަލް އަމީތާބު ބައްޗަންއަކީ އޭނާގެ ޝޯތަކުގައި ދައްކާ ވާހަކަތަކާއި މީސް މީޑިއާގައި ހިއްސާ ކުރާ މައުލޫމާތުތަކުން ކުރީގެ އެތައް ހަނދާންތަކެއް އާ ކޮށްދޭ މީހެކެވެ.

ނަވާރަސަތޭކަ ހަތްދިހަ ނުވަ ވަނަ އަހަރު ރިލީޒް ކުރި ރާޖޭޝް ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލުމު ''މިސްޓަ ނަޓްވަރްލާލް'' ގެ މިއުޒިކް ރިހާސަލް ކުރުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އަމީތާބުގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާ ކުރުމުން އެ ފޮޓޯ ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ.

ގޮނޑިއެއްގައި އިށީނދެލައިގެން އިންދާ މި ފޮޓޯއިން ފެންނަ ކުޑަ ކުއްޖަކީ ބޮލީވުޑުގެ ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ ދަރި އެކްޓަރު ރިތިކް ރޯޝަންއެވެ.

''މިސްޓަ ނަޓްވަރްލާލް'' ގެ ލަވައެއް ކަމަށްވާ ''މެރޭ ޕާސް އާއޯ'' ގެ ލިރިކްސް ދަސްކުރުމަށް އިން އަމީތާބު ބައްޗަންއަށް ވަރަށް ފަރުވާތެރިކަމާއި އެކު ބަލަން އެ އިނީ ރިތިކް ރޯޝަންއެވެ.

އަމީތާބު ބައްޗަން އާއި ރިތިކް ރޯޝަން ކުރީގެ ފޮޓޯއަކުން އެކުގައި ފެނުމުން އެ ދެ ފަންނާނުންގެ ސަޕޯޓަރުންގެ ތައުރީފުގެ ކޮމެންޓްތައް ކޮށްފައިވެއެވެ. އޭގެތެރޭގައި ބޮލީވުޑުގެ ބަތަލާ ދިއާ މިރްޒާ ވެސް ހިމެނެއެވެ.

މި ފޮޓޯ ހިއްސާކުރަމުން އަމީތާބު ބުނެފައިވަނީ އެއީ ފިލުމަކަށް އޭނާ އެންމެ ފުރަތަމަ ކިޔައި ދިން ލަވަ ކަމަށެވެ. އެ ފޮޓޯ އިން ފެންނަނީ މިއުޒިކް ޑައިރެކްޓަރު ރާޖޭޝް ރޯޝަންއާއެކު ލަވައިގެ ފަރިތަކުރުން ކުރިއަށް ގެންދާ މަންޒަރު ކަމަށް އޭނާ ބުންޏެވެ. އަދި އެ ހުރިހާ ކަމަކަށް ބަލަން ގޮނޑިއެއްގައި އިށީނދެލައިގެން އިނީ ރިތިކް ރޯޝަން ކަމަށް އޭނާ ބުންޏެވެ.

މި ފޮޓޯއާއެކު އަމީތާބާއި ރިތިކް އެކުގައި ފެނިގެން ދިޔަ ފިލުމު ''ކަބީ ޚުޝީ ކަބީ ޣަމް'' ގެ ވާހަކަތައް ވެސް ބައެއް ފަރާތްތަކުން ކޮމެންޓްގައި ލިޔެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާދީނީ އަންނި

    އައިލަވްޔޫ ރިތިކް

    4
    1