2018 ވަނަ އަހަރު ރިލީޒު ކުރެވުނު ފިލުމު ''ޒީރޯ'' އަށް ފަހު ބޮލީވުޑުގެ ކިންގް ޚާން އަލުން ފިލުމީ މަސައްކަތްތައް ފަށައިފައިވަނީ ސިދާތު އާނަންދު ޑައިރެކްކުރާ ފިލުމު ''ޕަތަން'' ގައެވެ.

ޝާހުރުކް ޚާންގެ އިތުރުން ދީޕިކާ ޕާޑުކޯންއާއި ޖޯން އަބްރަހަމް ފެނިގެންދާ މި ފިލުމުގެ ސެޓްގައި ފިލުމު ޑައިރެކްޓަރ ސިދާތު އާނަންދު އޭނާގެ އެސިސްޓެންޓެއްގެ މޫނުމަތީގައި ޖެހި މައްސަލަ މިހާރު ވަނީ ވަރަށް ހޫނުވެފައެވެ.

ނަމަވެސް ބައެއް ފަރާތްތަކުން މިއީ ހިނގި ކަމެއް ކަމަށް ބުނަމުންދާއިރުު ބައެއް ފަރާތްތަކުން ބުނަމުން ދަނީ އެކަހަލަ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށެވެ.

''ސިދާތު އާނަންދުއަކީ ސެޓްގައި ވަރަށް ރުޅި އިސްކުރާ މީހެއް. ސެޓްގައި އޭނާގެ އެއް އެސިސްޓެންޓެއްގެ އަމަލުތައް ހުރި ގޮތުން އޭނާގެ ރުޅި ކޮންޓްރޯލުން ނެއްޓީ. ސިދާތު ރުޅިއައި ނަމަވެސް އެެ އެސިސްޓެންޓް އޭނާގެ ފޯނު ނުބޭއްވި. މިކަމުގެ ސަބަބުން އެ ދެ މީހުންގެ މެދުގައި ބޮޑު ދެބަސްވުމެއް ހިނގި'' ފިލުމުގެ ޓީމުގެ ފަރާތުން ބޮލީވުޑު ހަންގާމާއަށް މަޢުލޫމާތު ދިން ފަރާތަކުން ބުންޏެވެ.

އެއަށްފަހު އެ އެސިސްޓެންޓް ދިޔައީ ޓީމުގެ އެކި މީހުންގެ ގާތު ސިދާތުގެ ވާހަކަ ދައްކަމުން ކަމަށާއި އެކަން ސިދާތުއަށް އެނގުމުން އޭނާ ރުޅިއައިސްގެން އެެސިސްޓެންޓްގެ މޫނުމަތީގައި ޖެހުމުން އޭނާ ވެސް ރުޅިއައިސްގެން ސިދާތުގެ މޫނުމަތީގައި ޖެހިކަމަށް ވެސް މަޢުލޫމާތުދިން ފަރާތުން ބުނެފައިވެއެވެ.

ނަމަވެސް ފިލުމުގެ ޓީމުގެ ފަރާތުން ޕިންކު ވިލާއަށް މަޢުލޫމާތު ދިން ގޮތުގައި ސެޓްގެ ތެރޭގައި އެސިސްޓެންޓެއް އޭނާގެ ފޯނުން ވީޑިއޯ ކުރާތީ އެކަމާއި ހިތްހަމަ ނުޖެހިގެން ވީޑިއޯ ނުކުރުމަށް ސިދާތު ބުނުމުން ވެސް އެމީހާ އެކަން ނުހުއްޓުމުން ސިދާތު ރުޅިއައިސްގެން ފޯނު ބާއްވާފައި އެތަނުން ބޭރަށް ނިކުތުމަށް އެސިސްޓެންޓަށް ބުންޏެވެ. ނަމަވެސް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ފިލުމު ސިނަމާތަކުގައި އަޅުވައިގޮތަށް ހަމަޖައްސައިފައިވާ ކަމަށް ފިލުމުގެ ޑައިރެކްޓަރ ސިދާތު ބުނެފައިވެއެވެ.