މިދިޔަ އަހަރު ދަން ޖެހިގެން މަރުވި ބޮލީވުޑުގެ އެކްޓަރު ސުޝާންތު ސިންގް ރާޖުޕޫތުގެ ނަމުން އިންޑިއާގެ ދިއްލީގެ ދެކުނު އަވަށެއްގެ މަގަކަށް ނަން ކިޔައިފިއެވެ.

ސައުތު ދިއްލީ މުނިސިޕަލް ކޯޕަރޭޝަންގެ ކޮންގްރެސް ކައުންސެލަރު އަބީޝެކް ދަތު މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ހުށަހަޅާފައިވާ މި ބިލު ފާސްވެ، ދިއްލީގެ ދެކުނު އަވަށެއް ކަމަށްވާ އެންޑްރިވްސް ގަންޖުގެ މަގަކަށް ސުޝާންތުގެ ނަމުން ނަން ކިޔާފައި ވަނީ އޭނާގެ އުފަންދުވަހު ކަމަށް ރިޕޯޓްތަކުގައިވެއެވެ.

އަބީޝެކް ދަތު ބުނެފައިވާ ގޮތުގައި މި މަގަށް ސުޝާންތުގެ ނަން ދިނުމަށް ނިންމާފައިވަނީ ސުޝާންތު ކުޅުނު ފިލުމު ''އެމްއެސް ދޯނީ'' ގެ ސަބަބުން އެ އެ އަވަށުގެ ޒުވާނުންނަށް ލިބިގެންދިޔަ ހެޔޮ ފިލާވަޅުގެ ސަބަބުން ކަމަށެވެ.

ޖެނުއަރީ 21 ވަނަ ދުވަހަކީ ސުޝާންތު ސިންގް ރާޖުޕޫތުގެ އުފަން ދުވަސްކަމުން އޭނާގެ ސަޕޯޓަރުންގެ އިތުރުން ފިލުމު އިންޑަސްޓްރީގެ ބައެއް އެކްޓަރުންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ވެސް ވަނީ ސުޝާންތުގެ އުފަން ދުވަހު އޭނާއަށް ތަހުނިޔާ ކިޔައި ސުޝާންތުގެ ހަނދާންތައް އައު ކޮށްފައެެވެ.

އޭގެ ތެރޭގައި ޝްރަދާ ކަޕޫރު، އަންކިތާ ލޯކަންޑޭ، ކްރިތީ ސަނޫން، ޑައިރެކްޓަރު މުކޭޝް ޖާބްރާ، އަބީޝެކް ކަޕޫރު ފަދަ އެތައް ފަންނާނުން ހިމެނެއެވެ. ސުޝާންތުގެ ފުރަތަމަ ޑްރާމާގެ ޑައިރެކްޓަރު އެކްތާ ކަޕޫރު އޭނާގެ ހަނދާންތައް އާ ކޮށްފައިވަނީ ''ޕަވިތުރަ ރިޝްތާ'' ޑްރާމާގެ ވީޑިއޯއެއް ހިއްސާކޮށެވެ.

މީގެއިތުރުން ސުޝާންތުގެ ދައްތަ މެން ވެސް އޭނާގެ އުފަން ދުވަހު ސުޝާންތުގެ ހަނދާންތައް އާކޮށް ކުރީގެ ހަނދާނީ ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަނީ މީސް މީޑީއާގައި ހިއްސާ ކޮށްފައެވެ.

ސުޝާންތުގެ ސަޕޯޓަރުން ވެސް ވަނީ މީސް މީިޑިއާގައި ވެސް ''ސްޝާންތު ޑޭ'' ހޭޝްޓެގް ބޭނުންކޮށް އޭނާގެ ހަނދާންތައް އާ ކޮށްފައެވެ.