މިދިޔަ ބުދަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރެއްވި ޖޯ ބައިޑެންއާ މިހާރު ވައިޓް ހައުސްގެ ރަސްމީ މީސްމީޑިއާ އެކައުންޓުތައް ވަނީ ހަވާލު ކޮށްފައެވެ. އެގޮތުން މަޝްހޫރު ޓުވިޓާ އެކައުންޓް، ޕޯޓަސް އެކައުންޓާ ހަވާލުވެވަޑައިގެން އެ އެކައުންޓަށް ބައެއް ބަދަލުތައް އެމަނިކުފާނު ވަނީ ގެންނަވައިފައެވެ. ސާޅީސް ނުވަ މިލިއަން ފޮލޯވަރުން ތިބި އެ އެކައުންޓުން ފޮލޯ ކުރަނީ 12 މީހުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ވައިޓް ހައުސްއާ ގާތް ގުޅުމެއް އޮންނަ 11 މީހުންނާއި ޓީވީ ތަރި، މޮޑެލް އަދި ލަވަކިޔުންތެރިޔާ ޖޯން ލެޖެންޑްގެ އަނބިމީހާ ކްރިސީ ޓެއިގެންއެވެ. އޭނާ އަކީ ޕޯޓަސް އެކައުންޓު ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ބެލުމުގެ ދަށުގައި އޮތް އިރު، ބްލޮކް ކޮށްފައިވާ ފަންނާނެކެވެ. ބައިޑެން ކްރިސީ ފޮލޯކުރެއްވިކަން ފާހަގަކުރެވުނީ ލިޔުންތެރިޔާ ގޭބް ފްލެޝިއާއަށެެވެ. އޭނާ އަކީ "ވޭކްއަޕް ޓު ޕޮލިޓިކްސް"ގެ މުސައްނިފެވެ.

ކްރިސީ ވަނީ އޭނާ އަކީ ވައިޓް ހައުސް މީހުންގެ އިތުރުން ފަންނާނަކަށް ބައިޑެން ފޮލޯކުރެއްވި ހަމައެކަނި މީހާ އަށް ވުމުން ވަރަށް ބޮޑަށް ހައިރާންވެ އުފާވި ކަމަށް ބުނެފައެވެ.

ކްރިސީއަކީ ވަަރަށް މަޖާ ކޮމެންޓް ކުރާ މީހެކެވެ. އަދި ޖެހިލުމެއް ނެތި ކޮންމެ ވާހަކައެއް ވެސް ބުނެލާ މީހެކެވެ. ޓްރަމްޕް އޭނާ ބްލޮކް ކުރީ ޓްރަމްްޕްގެ ނިންމުންތަކަށް ހަޖޫ ޖަހާތީއެވެ. ކްރިސީ ވަނީ މީގެ ކުރިން ސަމާސާ ރާގަކަށް ޖޯ ބައިޑެން އަރިހުން އޭނާ ފޮލޯކުރެއްވުމަށް އެދިވަޑައިގެންފައެވެ.