ޗައިނާ އަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ ބޮޑެތި އުފެއްދުންތަކާއި އެއްގޮތް ތަކެތި އުފެއްދުމުގައި މަޝްހޫރު ޤައުމެކެވެ. މިފަހަރު އެގައުމުގެ ކުންފުންޏަކުން ކޮޕީކޮށްފައި މިވަނީ މަޝްހޫރު ބުގާޓީ ޝީރޮން ކާރެވެ.

ބުގާޓީ ޝީރޮން އަކީ ގާތްގަނޑަކަށް ނުވަ މިލިއަން ޑޮލަރަށް ގަންނަން ލިބެން ހުންނަ ކާރެކެވެ. އެއީ ގާތްގަނޑަކަށް 140 މިލިއަން ދިވެހި ރުފިޔާއެވެ. މި ކާރުގެ 1500 ހޯސް ޕަވަރުގެ ބާވަތެއް ވެސް ހުރެއެވެ. މި ކާރު ގަޑިއަކު 430 ކިލޯމީޓަރުގެ ބާރު މިނުގައި ދުއްވޭނެއެވެ.

1500 ހޯސްޕަވަރުގެ ބުގާޓީ ޝީރޮންގެ ޑިޒައިން ކޮޕީ ކޮށްފައި ވަނީ ޗައިނާގެ ޝަންޑޮން ޕްރޮވިންސަށް ނިސްބަތްވާ ކުންފުންޏެއް ކަމަށްވާ "ޝަންޑޮން ގިލޫ ފެންގްޑޭ" އިންނެވެ. އެކުންފުނިން އެ ކާރުގެ ޑިޒައިން ކޮޕީ ކުރި ނަމަވެސް ކާރުގެ އެހެން ސްޕެސިފިކޭޝަންތަކާއި ގާތެއް ވެސް ނުކުރެވެއެވެ.

ކޮޕީ ކޮށްގެން ތައްޔާރު ކުރި "ޝަންޑޮން ގިލޫ ފެންގްޑޭ ޕީ8" ކާރު ދުއްވޭ އެންމެ ބާރުމިނަކީ ގަޑިއަކު 65 ކިލޯމީޓަރެވެ. އަދި އޭގައި ހުންނަނީ 3.35 ހޯސްޕަވަރުގެ އިލެކްޓްރިކް މޯޓަރެކެވެ. މި ކާރު ޗާޖު ކުރަން 10 ގަޑިއިރު ނަގާާއިރު ފުލް ޗާޖުގައި ދުއްވެނީ 150 ކިލޯމީޓަރަށެވެ. މި ކާރުުގެ އަގު އަރަނީ ގާތްގަނޑަކަށް 5000 ޑޮލަރަށެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކާރުތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު ބުގާޓީ ޝީރޮންގެ ޑިޒަައިން ޗައިނާގެ ކުންފުންޏަކުން ކޮޕީ ކުރުމުން ގިނަ ބަޔަކު ވަނީ ހައިރާން ވެފައެވެ. އެއް ބަޔަކު އެކަމަށް ތައުރީފު ކުރަމުންދާއިރު ބައެއް ފަރާތްތަކުގެ ނުރުހުންވެސް އެކަމަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު