ދުވާލު ހަތަރުދަމު ނިދުމަށް ފަހު ރޭގަނޑު އެއްކޮށް ހޭލާ އުޅުމަކީ އޭގެ ސަބަބުން ހަށިގަނޑަށް ވަރަށް ގިނަ ގެއްލުންތަކެއް ލިބޭ ކަމެކެވެ. ރޭގަނޑުގެ ނިންޖަކީ ކޮންމެ އިންސާނެއްގެ ސިއްހަތައް ވެސް ވަރަށް ބޭނުންތެރި އެއްޗެކެވެ.

ދުނިޔެވީ ކަންކަމުގެ ސަބަބުން ގިނަ މީހުންގެ ގުދުރަތީ އަރާމު ނިންޖަށް ހުރަސް އެޅެއެވެ. މިހާރު މީހުން ނިދާ މިންވަރު ކުރިއަށްވުރެވެސް މަދުވެ، އެމީހުންނަށް ލިބޭ ނިދީގެ ފެންވަރުވެސް ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ.

މިއީ ހަށިގަނޑަށް ނުހަނު ގެއްލުން ހުރި ކަމަކަށްވާ އިރު ތިރީގައި މިވަނީ ރަނގަޅު ނިދި ބޭނުންވާ 10 ސަބަބެވެ.

  1. ރަނގަޅަށް ނިދި ނުލިބުމަކީ ބަރުދަން އިތުރުވުމާ ގުޅިފައިވާ ކަމެއް

ނިދި މަދުން ލިބުމަކީ ބަރުދަން އިތުރުވެ "އޮބޭސިޓީ" ބައްޔަށް މަގުފަހިވާ ކަމެކެވެ. މިއީ މާބޮޑަށް ފަލަވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ނިދި ނުލިބުމުގެ ސަބަބުން ހަށިގަނޑު ބަރުވުމަށް މެދުވެރި ވަނީ “ހޯމޯންސް” އަށް ކުރާ އަސަރާއި ކަސްރަތު ކުރުމަށް ބޭނުންވާ ހަކަތަ އާއި ހިތްވަރު ނުލިބުން ފަދަ ކަންކަމުގެ ސަބަބުންނެވެ.

  1. ރަނގަޅަށް ނިދާ މީހުން ކާ މިންވަރު މަދު

ގިނަ ވަގުތު ހޭލާ އުޅޭ މީހުން ގިނައިން ކާހިތްވާ ކަމަށާއި އެމީހުން ކާ މިންވަރު ގިނަ ކަމަށް ދިރާސާތަކުން ދައްކައެވެ. މިހެން ދިމާވަނީ ނިދި ނުލިބުމުގެ ސަބަބުން "އެޕެޓައިޓް ހޯމޯންސް" ނުވަތަ ކާހިތްވުމާ ނުވުމާ ގުޅޭ ހޯމޯންސަށް އަސަރުކުރާތީއެވެ.

  1. ރަނގަޅަށް ނިދި ލިބޭނަމަ އުފެއްދުންތެރިކަން އިތުރުކޮށް ދޭ

ނިދި ފުރިހަމައަށް ލިބުމަކީ ސިކުނޑީގެ ތަފާތު މަސައްކަތްތަކަށް ވަރަށް ބޭނުންތެރި ކަމެކެވެ. އޭގެ ތެރޭގައި ވިސްނުމާއި ދެނެގަތުން ފަދަ ކަންކަމާއި، ކަންކަމަށް ސަމާލުކަން ދިނުމާއި، އުފެއްދުންތެރިކަމާއި، ކަންކަމުގައި ހަރަކާތްތެރިވެ އުޅުން ހިމެނެއެވެ. ނިދި ނުލިބޭނަމަ މި ހުރިހާ ކަމަކަށްވެސް ނޭދެވޭ އަސަރުތައް ކުރެއެވެ.

  1. ރަނގަޅަށް ނިދި ލިބުމަކީ ހަރަކާތްތެރިވެ އުޅުމަށް އެހީވާކަމެއް

ކުޅިވަރު ކުޅުމަށް ބޭނުންވާ ހަކަތަ އިތުރުކޮށް ހީވާގިކަމާއެކު ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވެ އުޅުމަށް ވެސް ނިދި ބޭނުންވެއެވެ. ސަބަބަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ލިބުމުން ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުންވެސް މީހާ ވަރުގަދަކޮށްދޭތީއެވެ.

  1. ރަނގަޅަށް ނުނިދޭ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު

ކޮންމެ ރެޔަކުވެސް މަދުވެގެން 8-7 ގަޑިއިރުގެ ނިދި ލިބިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫން ނަމަ ސްޓްރޯކާއި އެކިކަހަލަ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.

  1. ރަނގަޅަށް ނިދި ނުލިބޭ ނަމަ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު

ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބޭ ނަމަ ސިއްހަތު ރަނގަޅު މީހަކަށް ވެސް އެންމެ ހަ ދުވަސްތެރޭގައި ވެސް "ޕްރިޑައިބެޓީސް" ޖެހިދާނެއެވެ. ހަމަމިއާއެކު ޓައިޕް ދޭއްގެ ހަކުރުބައްޔާ ވަރަށް ބޮޑު ގުޅުމެއް އޮންނަ ކަމަށް ވެސް ވަރަށް ގިނަ ދިރާސާތަކުން ދައްކައެވެ.

  1. ރަނގަޅަށް ނިދި ނުލިބުމަކީ ޑިޕްރެޝަންއާ ގުޅުން އޮންނަ ކަމެއް

ބަރާބަރަށް ނުނިދުމަކީ މީހާ ޑިޕްރެޝަނަށް ދިއުމަށް މަގުފަހިކުރުވާ ކަމެކެވެ. ޚާއްސަކޮށް ނިދަން އުނދަގޫވާ ފަދަ ބައްޔެއް ހުންނަ މީހުންނަށް މިފުރުސަތު ބޮޑެވެ. ޑިޕްރެޝަން ބަލި ތަހައްމަލު ކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ މީހުންނަކީ ރަނގަޅަށް ނިދި ނުލިބޭ މީހުންނެވެ.

  1. ރަނގަޅަށް ނިދި ނުލިބޭ ނަމަ ދިފާއީ ނިޒާމު ބަލިކަށިވޭ

މަދުވެގެން އަށް ގަޑިއިރުގެ ނިދުމަކީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީވެދޭނެ ކަމެކެވެ. އެކަމުގެ ސަބަބުން މިހާއަށްޖެހޭ ބަލިތަކުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދެއެވެ. އަށް ގަޑިއިރު ނުނިދޭ ނަމަ މީހާގެ ދިފާއީ ނިޒާމު ބަލިކަށި ކޮށްލާ ކަމަށްވެއެވެ.

  1. ރަނގަޅަށް ނިދި ނުލިބުމަކީ ތަފާތު އިންފްލެމޭޝަންތައް އިތުރުވުމާ ގުޅުން އޮންނަ ކަމެއް

ހަށިގަނޑުގެ "އިންފޮލެމޭޓޮރީ ރެސްޕޮންސް" ތަކަށް ނިދި ނުލިބުމުގެ ސަބަބުން ވަރަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރެއެވެ. އަދި އެކަމުގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަވަންތަކައް ތަފާތު ބަލިތައް ޖެހުމުގެ ފުރުސަތާއި ބަލި އަލުން ތަކުރާރުކޮށް ޖެހުމުގެ ހިރާސް ވެސް ބޮޑެވެ.

  1. ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން އިޙްސާސްތަށް ދެނެގަތުމަށް އުނދަގޫވޭ

ފުރިހަމަ ނިދި ނުލިބޭ ނަމަ، އަމިއްލަ އިހްސާސް ތަކާއި އެހެން މީހުންގެ އިޙްސާސްތައްވެސް ފުރިހަމައަށް ދެނެގަންނަން އުނދަގޫވެއެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ނުކުރެވި، މީހުންގެ ތެރޭ އުޅުމަށް ދަތިވެއެވެ.

ވީމާ ކޮންމެ މީހަކުވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރޭގަނޑުގެ ފުރިހަމަ ނިދި ބޭނުންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަކުނި

    ސުރުހީ އަކާއި ދިމައެއް ނުވޭ

  2. އެމަންޖެ

    މަސައްކަތް ކުރާތާ ވެރިންނައް ތިވާހަކަތައް ކިޔައި ދެއްވާ އެބޭފުޅުން އަޅުގަނޑުމެން ދަނވަރު ޑިއުޓީއައް ނެރޭތީ ދުވާލުން ނިދަން މަޒުބޫރުވަނީ.