އިންޑިއާގެ އޮޑިޝާއަށް ނިސްބަތްވާ ސައި ވިއްކާ މީހާކު 75 ފަގީރު ކުދިންގެ ތައުލީމަށް ހަރަދު ކުރާ ވާހަކަ އާންމުވުމުން އެތައް ބައެއްގެ ތައުރީފު ލިބިއްޖެއެވެ.

އުމުރުން 60 އަހަރުގެ ޕްރަކާޝް ރާއޯ އަކީ އުމުރުން ހަ އަހަރުން ފެށިގެން ސައި ވިއްކަމުން އަންނަ ފަރާތެކެވެ. އޭނާ އަކީ ކުޑަ އިރު ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުން މަހުރޫމު ފަރާތެކެވެ. އޭނާ ކުޑައިރު ތައުލީމު ހާސިލު ކުރަން ފަށާފައި އެކަން ހުއްޓާލަން ޖެހުނީ އެއީ ބޭކާރު ހަރަދެއް ކަމަށް އޭނާގެ ބައްޕަ ގަބޫލު ކުރީތީއެވެ.

މަގުމަތީގައި ހުންނަ ކުޑަ ސްޓޯލަކުން ސައި ވިއްކާ ޕްރަކާޝް މިހާރު ދަނީ އޭނާއަށް ލިބޭ ފައިސާއިން ފަގީރު ކުދިންގެ ތައުލީމަށް ހަރަދު ކުރަމުންނެވެ. އޭނާއަށް ލިބޭ ފައިސާގެ ދެބައިކުޅަ އެއްބައި އޭނާ ހަދިޔާ ކުރަނީ ފަގީރު ސަރަހައްދެއްގައި ހުންނަ ކުޑަ ސްކޫލަކަށެވެ. އެ ސްކޫލުގައި 75 ވަރަކަށް ފަގީރު ކުދިން ތައުލީމު ހާސިލު ކުރެއެވެ. ޕްރަކާޝް އޭނާގެ ސްކޫލުގެ ކުދިންނަށް ހިލޭ ކާބޯތަކެތިވެސް ފޯރުކޮށްދެއެވެ.

ޕްރަކާޝް ބުނީ އޭނާއަށް ދުވާލެއްގެ މައްޗަށް 700-800 ރުޕީސް ލިބޭ ކަމަށެވެ. އެހެން ކަމުން ފައިސާގެ ދަތި ކަމެއް އޭނާއަށް ކުރިމަތި ނުވާ ކަމަށް އޭނާ ބުންޏެވެ.

އޭނާގެ ސްކޫލުގެ ދަރިވަރުންނާއި ބެހޭގޮތުން ޕްރަކާޝް ބުނީ އެކުދިންގެ މައިންބަފައިން އެކުދިންނަށް ތައުލީމު ދިނުމަށް ފަރުވާއެއް ނުބަހައްޓާ ކަމަށެވެ. އެހެން ނަމަވެސް އެކުދިންގެ އަތުގައި ފައިސާ ނެތުމުން ތައުލީމުން މަހުރޫމުވާން ނޭދޭ ކަމަށް އޭނާ ބުންޏެވެ.

ޕްރަކާޝް މީޑީއާގެ ސަމާލުކަމަށް އައީ އިންޑިއާގެ ބޯޑުވަޒީރު ނަރެންދްރަ މޯޑީ ރޭޑިއޯ ޝޯއެއްގައި، ދެއްކި ވާހަކަތަކަކަށް ފަހުއެވެ. ފަގީރު ކަމަކީ ކާމިޔާބު މީހަކަށް ވުމަށް މަސައްކަތް ނުކުރަންވީ ސަބަބެއް ނޫން ކަމަށް ވިދާޅުވެ އެކަމުގެ މިސާލެއްގެ ގޮތުގައި މޯޑީ ދެއްކެވީ ޕްރަކާޝްގެ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު