ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރި ވަރުން ދަވަން އޭނާ، ކުޑައިރުން ފެށިގެން ލޯބިވެގެން އުޅުނު ނަތާޝާގެ ކައިވެނި މި އޮތީ ބޯަތިވެފައެެވެ. މީގެ ކުރިން ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައި ނުވި ނަމަވެސް، ކޮފީވިތް ކަރަން ޝޯވގައި އެކަން މިވަނީ ކަށަވަރުކޮށްދީފައެވެ. އެ ޝޯވގައި ވަރުން މި ވަނީ ނަތާޝާއާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.

އެތައް އަހަރެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނީގެ ގޮށް ޖަހާލުމަށް މި ދެ މީހުން ތައްޔާރުވަމުންދާއިރު، މި މީހުންގެ ކައިވެނި އޮތީ އަލީބައުގްގައެވެ. މިހާރު ދެ މީހުންގެ އާއިލާ މީހުން ތިބީ އެތަނުގައެވެ.

އެހެން ނަމަވެސް އެ ހަފްލާއަށް ދާން ދައުވަތު ލިބިފައިވާ މެހްމާނުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ޖެހެއެވެ. އެހެން ނޫނީ އެ ހަފްލާ އޮތް ތަނަކަަށް ނުވަދެވޭނެއެވެ.

"އެ ހަފްލާއަށް ދާ އެންމެން ޖެހޭ ކޮވިޑް-19 ޓެސްޓު ހަދަން އޭގެ ނަތީޖާ ޖެހޭ، ވެޑިންގ ޕްލޭނާއަށް ދައްކަން. މީގެ އިތުރުން، މާސްކް ދިނުމަށް ހާއްސަ ކައުންޓަރަކާއި، އެންމެންނަށް ސެނެޓައިޒާ ލިބޭނެ ހެން ހަދާފައި ހުންނާނެ، އަދި ޑިސްއިންފެކްޓިންގ ޑިވައިސްވެސް ހަފްލާގެ އެކި ތަންތަނުގައި ހުންނާނެ". ރިޕޯޓްތައް ބުނެއެވެ.

މި ހަފްލާއަށް ހާޒިރުވާ ފަރާތްތަކުން ފޯނު ގެންދިއުންވެސް މަނާ ވާނެއެވެ.

މި ދެ ލޯބިވެރިންގެ ކައިވެންޏާއި ގުޅޭގޮތުން އެނގެން ބޭނުންވާ އެތައް މައުލޫމާތުތަކަށް ފޭނުން ތިބީ އިންތިޒާރުކޮށްގެންނެވެ. މި ދެ މީހުންގެ ކައިވެނި އޮތީ މާދަމާ އެވެ.