ހެނދުނު އަރައިގެން އައި އިރާއެކު އަހަރެންނާއި ހަސަން އުޅުނީ އެދުވަހު މަހަށް ދިއުމަށް ތައްޔާރުވުމަށް ހޯދަން ޖެހޭ ސާމާނުތައް ހޯދުމާއިގެންނެވެ. މަސް ދަތުރު ދިއުމަށް ރޭވީ ނުވަ ރައްޓެހިންގެ މެދުގައި ކަމަށްވިޔަސް އެނަންބަރު މަދުވަމުންގޮސް މިހާރު ވަނީ ތިން މީހުންނަށް ވެށްޓިފައެވެ. ނަމަވެސް އެހާ ކުރިން ފެށިގެން ރާވައިގެން ތައްޔާރީތައް ވެފައި ދެން ދަތުރު ކެންސަލްކޮށްލާކަށް އަހަރެމެން ބޭނުންނުވިއެވެ. އެހެންކަމުން އަހުމަދު ޑިއުޓީއިން ނިމިގެން އަންނަންވާއިރަށް އަހަރެންނާއި ހަސަނު ތައްޔާރުވީ އެދުވަހު ހަވީރު ވާންވާއިރަށް ހުރިހާ ކަމެއް ތައްޔާރުކޮށްފައި ބެހެއްޓުމަށެވެ.

ހަވީރު ހަތަރެއް ޖަހަން ކައިރިވިއިރު އަހަރެންނާއި ހަސަން އަދި އަހުމަދު ތިބީ ރަށުގެ ބަނދަރު ކައިރީގައި އަޅާފައި އޮތް ކުޑަ ޑިންގީއެއް ކައިރީގައެވެ. ތިން މީހުން އެއްކޮށް ޑިންގީއަށް އަރައި ދުއްވާލީމެވެ.

"ހިނގާބަލަ ކަނޑުން ބޭރުގައި އޮންނަ ތިލައަށް މިއަދު މަސްބާނަން" އަހުމަދު ބުނެލިއެވެ.

"އާނ... އެކަމަކު އެތަނަށް ޖެހޭނީ ވަދު އެއްލަން ދޯ" އަހަރެން ހަސަނަށް ދޯ ދެމުން ބުނެލީމެވެ.

"ނޫނޭ. އެން އެއްލިޔަސް ބޭނޭނެ"

"އަހަރެމެން ދާން ނިންމި ތިލައަށް ދެވޭނީ ފުދޭވަރަކަށް ދުރަށް ދުއްވައިގެން ކަމުން ދިޔަ މަގުމަތީގައި ސޭންޑްވިޗްއާއި ބިސްކޯދު ކަމުން މަޖާ ވާހަކަތައް ދައްކަމުން އަހަރެމެން ދިޔައީމެވެ. މިހެން ދުއްވަމުންގޮސް ރަށް ނުފެންނަ ހިސާބަށް ދެވުމުން ތިލައާ ކައިރިވެއްޖެކަން އަހަރެންނަށް އެނގުނެވެ. ދުއްވަން ހުރީ ހަސަނެވެ. ވަރަށް ބެލުމަށްފަހު ތިލައާ އަރާ ހަމަވުމުން ހަސަން ނަގިލި އެއްލާލުމަށްފަހު ޑިންގީ އެތަނުގައި އެޅިއެވެ. އަހަރެމެން ކަންވާރުތައް ހޯދުމަށްފަހު އެތައްޔާރުކޮށް މަސްބޭނުމަށް ކަންވާރުތައް އުކަންފެށީމެވެ. މާގިނަވަގުތަކު އަހަރެމެން އިންތިޒާރުކުރާކަށް ނުޖެހުނެވެ. ތިން މީހުންގެ ކަންވާރުގައިވެސް މަސްގަންނަން ފެށިއެވެ. ހަންޖާއި، ރަތްމަހަށް ދާންދެން ބޭނެން ފެށީ އަހަރެމެން ހައިރާންކުރުވާފައެވެ.

އޭރު ގަޑިން ހައެއް ޖަހާފާނެއެވެ. ބަންގި ގޮވާއަޑު އިވެންފެށީވެސް އަހަރެމެން އަވަދިނެތި މަސްބާނަނިކޮށެވެ. ޑިންގީ ފުރެން ކައިރިވުމުންވެސް އަހަރެމެންގެ ހިތެއް ނުފުރުނެވެ. ދުވަހަކުވެސް މިހާ ފަސޭހައިން މަސްބޭނިފައިނުވާތީ ބޭނޭ ދުވަހު އެކަންވެސް އެންމެ ރަނގަޅަށް ކޮށްލަން އަހަރެމެން ބޭނުންވިއެވެ. މިހެން ތިއްބާ ޑިންގީގައި ކޮންމެވެސް އެއްޗެއް ވަރަށް ބާރަށް ޖެހުނު އަޑެއް އިވުނެވެ.

"އެއީ ކޯއްޗެއް؟" ހަސަނު ގޮވާލިއަޑަށް އަހަރެންނާއި އަހުމަދުވެސް ޑިންގީގެ ދެފަރާތުން މޫދަށް ބަލަންފެށީ އެއްވެސް އެއްޗެއް ފެނޭތޯއެވެ. ފޯނުގެ ލައިޓް ދިއްލައިގެންވެސް ބެލީމެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުފެނެއެވެ.

"މަހަކަށް ވެދާނެތަ؟" ދެވަނަ ފަހަރަށްވެސް އެއްޗެއް ޑިންގީގައި ޖެހުނުހެން ހީވެގެން ހަސަން އަހާލިއެވެ. އަހަރެމެންނަށްވެސް އެއަޑު އިވުނެވެ. އަނެއްކާވެސް ހޯދަން ފެށީމެވެ. އެކަމަކު އެއްވެސް އެއްޗެއްގެ ހިލަމެއް ޑިންގީ ކައިރިންވެސް ދުރުންވެސް ނުވެއެވެ.

"އޭ ދެން ހިނގާ ދާން އުޅެމާ. މިހާރު މާގިނައިންވެސް މަސް ބޭނިއްޖެ. އެއޮތް ހަތެއް ޖަހަނީ" އަހަރެން ބިރުގަންނަން ފެށުމުން އަވަހަށް ރަށަށްދޭތޯ ހަސަންއާއި އަހުމަދު ކައިރީގައި ބުނެލީމެވެ.

"ހުއް އަދި މަ ބޭނުން އެއްމަސް ބާނަން" އަހުމަދު މިހެން ބުނެފައި އަހަރެންނާއި ހަސަން ތިބި ފަޅި ނޫން އަނެއް ފަޅިއަށް ގޮސް ކަންވާރު މޫދަށް އެއްލާލާފައި މޫދާ ދިމާލަށް ބަލަހައްޓައިގެން އިނދެއްޖެއެވެ. އަހަރެންނާއި ހަސަނު ތިބީ އަހުމަދު އިންގޮތް ފެނިފައި އެދިމާލަށް ދާންވީތޯ ނޫންތޯ ހިތަށް އަރާފައެވެ. ޑިންގީއާ ދިމާލުން ސީދާ ކަނޑާ ދިމާލަށް ބަލަން އިނުމަށްފަހު އަހުމަދު އަތުގެ އިޝާރާތުން އަހަރެންނާއި ހަސަނާ ދިމާލަށް ބެލުމަށްފަހު އަންނަން ބުންޏެވެ. އަހަރެންނަށް ހިންދިރުވާލެވުނީ އަހުމަދަށް އަނެއްކާ ކޯއްޗެއް ފެނިގެން ގޮވަނީބާއޭ ހިތަށް އަރާފައެވެ.

އަހަރެންނަށްވުރެ ކުރިން ހަސަނު އަހުމަދު ކައިރިއަށް ޖެހިލިއެވެ. އަދި އަހުމަދު ފަދައިން ހައިރާންކަންމަތީގައި މޫދާ ދިމާލަށް ބަލަހައްޓައިގެން އިންނަން ފެށިއެވެ. އަހަރެންވެސް ފަހަތުންގޮސް އެދެމީހުންގެ ބޯމަތިން ކަނޑާދިމާލަށް ބެލީމެވެ.

"ޔާރައްބީ.. ހިނގާ އަވަހަށް ދާން" އަހަރެންނަށް ބުނެވުނެވެ.

ޑިންގީއާ ދިމާލުން ފެންމަތީގައި އޮތީ އަންހެން ކުއްޖެއްގެ ގަބުރެކެވެ. އެއްކޮށް ހުދުކޮށް ހަށިގަނޑު އޮތްއިރު ހީވަނީ އަރާމު ނިންޖަކުން ނިދާފައިހެން ހީވެއެވެ. ލައިގެން އޮތީވެސް އެއްކޮށް ދިގު ހުދުކުލައިގެ ހެދުމެކެވެ. މަރުވެފަ ކަމެއްވެސް ނޭނގެއެވެ. އަހަރެންނެކޭ އެއްފަދައިން ދެންތިބި ދެމީހުންވެސް ތިބީ ބިރުންނެވެ. ކަނޑުމަތީގައި އުޅޭއިރު އެކަހަލަ އެއްޗެއް ފެނިއްޖިއްޔާ އާންމުކޮށް މީހުން ކިޔައި އުޅެނީ ކަނޑުމަތިއެޅުން ކަމަށެވެ. އަހަރެމެން ބަލަން ތިއްބާ އެކުއްޖާގެ ހަށިގަނޑު ޑިންގީގައި ޖެހުނެވެ. އެހެންކަމުން މިއަޑު އަންނަނީ އެކުއްޖާގެ ހަށިގަނޑު ޑިންގީގައި ޖެހޭތީކަމަށް އަހަރެމެންނަށް އެނގުނެވެ.

އަހުމަދު އިނީ އެފަރާތަށް އެއްލި ކަންވާރުވެސް ދަމައިގަންނަން ނުކެރިފައެވެ. މިތަން ފެނި ހަސަން އެކަންވާރުގައި ހިފުމަށްފަހު މަޑުމަޑުން އެއަށް ދަމަންފެށިއެވެ. ހަމަ ކުއްލިއަކަށް އެކަންވާރުގައި މަހެއް އަޅައިގަތް ފަދަގޮތަކަށް ކަންވާރަށް ވާންވެލިއެވެ. ހަސަނު ބިރުންހުރެ ނަމަވެސް ކަންވާރުން އެމަސް ދޭތޯ ކުޑަކޮށް ތަޅުވާލިއެވެ. އެންމެ ފަހުން ހަސަން ކަންވާރު އިހުނަށްވުރެން ދޫކުރަން ފެށިއެވެ. ފުޅިއެއްގައި އޮޅާފައިވާ އެކަންވާރު ހުސްވާވަރަށް ދޫކޮށްލުމަށްފަހު ފުޅީގައި ހުރި ކަންވާރުކޮޅާއި ފުޅި ވަކިކޮށްލިއެވެ. އޭރުވެސް އެގަބުރު އަހަރެމެންނާ ދިމާލުގައި ފެނުން މަތީގައި އޮތެވެ.

އަހަރެންނަކަށް އެދިމާލަށް ބަލަހައްޓައިގެން އިންނާކަށް ނުކެރުނެވެ. ހަސަންވެސް މަޑުމަޑުންގޮސް ޑިންގީގެ ހުންގާނުގައި ހިފުމަށްފަހު އަހުމަދަށާއި އަހަރެންނަށް އިޝާރާތްކުރީ މަޑުން ތިބުމަށެވެ. މަރުފަދަ ހިމޭންކަމެއް މުޅި ސަރަހައްދުގައި ހިފާފައިއޮތްއިރު އިވެނީ ހަމަ އެންމެ އަޑެކެވެ. އެއީ އެގަބުރު ޑިންގީގައި ޖެހޭ އަޑެވެ. ބިސްމި ކިޔުމަށްފަހު ހަސަން އަނެއް ފަރާތަށްވާގޮތަށް އެއްލި ނަގިލި ނަގަން ފެށިއެވެ. ކިރިޔާވެސް ހިލަމެއްވެލާއިރަށް އެތަނުގައި އޮތް ގަބުރު ދިރިގެން ނަމަވެސް އައިސްދާނެޔޭ އަހަރެމެންނަށް ހީވާކަހަލައެވެ. އަހުމަދުގެ އެހީއާއެކު ހަސަން ނަގިލި ޑިންގީއަށް އެރުވިއެވެ. އޭރުވެސް ކަނޑުގެ އޮއިވަރާއެކު ޑިންގީ ދެކޮޅަށް ތަޅުވަމުންދެއެވެ.

އިތުރަށް އެންމެ ސިކުންތެއްވެސް ބޭކާރުނުކޮށް ހަސަން ޑިންގީގެ ހުންގާނުގައި ހިފައި ސްޓާރޓް ކޮށްލައިފިއެވެ. އަދި ހުންގާނަށް ލެވެންހުރިއްޔާ ހުރި ބާރެއް ލުމަށްފަހު ރަށާ ދިމާލަށް ދުއްވާލިއެވެ. ފަހަތަށް ނުބަލަން ތިއްބަސް އަހަރެމެންނަށް ފަހަތަށް ބެލުނެވެ. އަހަރެމެންނަށް ފަހަތުން އެ ގަބުރުގެ އެއްވެސް ހިލަމެއް ނުވެއެވެ. ނަމަވެސް އެދިމާލުން އާދަޔާ ޚިލާފު އަލިކަމެއް ފެންނަން ހުރިކަން އަހަރެމެން ތިން މީހުންނަށްވެސް ފާހަނގަވިއެވެ. އެންމެ ފަހަރަކު ބެލުމަށްފަހު ދެން ބަލާކަށް ނުކެރުނެވެ.

ހަސަން ޑިންގީގެ ދުވެއްޔަށް އެއްވެސް ބަދަލެއް ނުގެނެސް ދުއްވާތާ ފަނަރަ މިނެޓްފަހުން ރަށް ފެންނަން ފެށިއެވެ. ރަށް ފެނުމުން އަހަރެމެން ތިން މީހުންވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ. އޭގެ އުދަނގުލެއް ނުފޯރާ ރަށަށް އެރިއްޖިއްޔާ ދެން ކިތަންމެހާވެސް ރަނގަޅެވެ.

ރަށުގެ ފަޅުން ޑިންގީ ވަދެގެން އައިސް ބަނދަރު ކައިރިއަށް ލެފުމުން ބޭނި މަސްތައް ގޯންޏަކަށް އަޅައިގެން އަހަރެމެން ތިންމީހުން ޑިންގީއިން ފޭބީމެވެ. ބަނދަރު މައްޗާއި ތަންކޮޅެއްދުރުގައި ހުރި ޖޯއްޔެއްގެ ކައިރީގައިތިބި ބަޔަކާ އަރާ ހަމަވުމުން އަހަރެމެން ތިންމީހުންނަށްވެސް ރައްކާތެރިކަން އިހްސާސްވެގެން ދިޔައެވެ. އެހެންކަމުން ފަހަތަށް އެނބުރި ޑިންގީއާ ދިމާލަށް ބަލާލީމެވެ. އަހަރެމެންނަށް ފެނުނީ ކުރިން ކަނޑުމަތިން ފެނުނު އަންހެންކުއްޖާ ޑިންގީގައި އިށީނދެ އަހަރެމެންނާއި ދިމާލަށް ބަލަހައްޓައިގެން އިންދައެވެ. އެކުއްޖާގެ ގައިގައި ހުރި ހުދުކަން އޭރުވެސް ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. އަހަރެމެން އެދިމާލަށް ބަލަން ތިއްބާ ޖޯލީގައި ތިބި މީހުން އަހަރެމެންނަށް ގޮވުމުން އެދިމާލަށް ބަލާލެވުނެވެ. ދެން އަނެއްކާވެސް ޑިންގީއާ ދިމާލަށް ބެލީމެވެ. ނަމަވެސް ދެވަނަ ފަހަރަށް ބެލުނުއިރު އެކުއްޖާގެ އެއްވެސް ހިލަމެއް ފެންނާކަށް ނެތެވެ. އެރޭ އަހަރެމެން ބިރުގަތްވަރުން ނިދީވެސް ހަސަންމެންގެ ގޭގައެވެ. މުޅިރޭ ބިރުވެރިކަންމަތީގައި ހޭދަކުރުމަށްފަހު އާފަތިހަކަށް އަލިވިލުމުން އަހަރެމެންނަށް ޔަޤީންވީ އޭތީގެ އެއްވެސް އުދަނގުލެއް އަހަރެމެންނަކަށް ދެން ނުފޯރާނެކަމެވެ.

އެދުވަހު އެފުނުނީ ކާކުކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. އެކަމަކު އެއީ އިންސާނެއްނޫންކަން ޔަޤީންވިއެވެ. ކަނޑުމަތި އަޅާކަމަށް އާންމުކޮށް މީހުން ކިޔާ ވާހަކަތަކަށްވުރެ ތަފާތު ހާދިޡާއެއް ދިމާވުމުންވެސް އެވާހަކަ އިތުރު ބައެއްކައިރީގައި ދައްކާކަށް އަހަރެމެންނަކަށް ނުކެރުނެވެ. އެހެންކަމުން އެހާދިޡާ ވެގެން ދިޔައީ އަހަރެމެން ތިން މީހުންނަށް އެކަނި އިނގޭ ވާހަކައަކަށެވެ.

 

ނިމުނީ

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތުނިޔަ

    ރަށް ނުފެންނަ ހިސާބުގަ ތިބީ؟ ދެން ބަންގި ގޮވާ އަޑު އިވުނީ ކޮންތާކުންބާ؟

    • ތުނިޔަ2

      ކަންފަތުން

      • ާމަންޖެ

        ހަހަހަ

    • ތޫނިޔާ

      ފޯނުން ވެސް އިވިދާނެތާ.

      • ޒާރާ

        މީ ޙަގީގީ ވާހަކަ އެއް ތަ؟