(ދެވަނަ ބައި)

(މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

"އިބްރާހިމްބެ ބުނީ ބޮލަށް ހޫނެއް ނުވޭހޭ؟" އިބްރާހިމްބެގެ ސުވާލުން ހަމްޒާއަށް ފެނުނީ އަވާމެންދުރެއްކަން ޔަޤީންވިއެވެ. "ހިނގާބަލަ އިބްރާހިމްބެއާ އެކީ. ބޭބެމެން ގޭގެ ރުކުގަ ހުރި ކާށިތައް އަޅައިދޭން."

"ލައްބަ! ހިނގާ ދަމާ!" ހަމްޒާ ބޮލުމެދުގައި އަތް ހާކައިލިއެވެ.

އިބްރާހިމްބެގެ ކުޑައިން އެޅުނު ހިޔަލުން ހަމްޒާގެ ފިހެވެމުންދިޔަ ފަން އިސްތަށިގަނޑަށް ފިނިކަމެއް ގެނުވިއެވެ. ހަމްޒާ އިބްރާހިމްބެއާއެކު ހިނގައިގަތެވެ. އެޔާއެކު އޭނާ ފަސް އެނބުރި ބަލައިލިއެވެ. އޭރު ޝާނާ ކުޑައެއް ހިފައިގެން ހަމްޒާއަށް ފަސްދީފައި ހިނގަމުން ދިޔައެވެ.

"މުހައްމަދާ!" ހަމްޒާ ދުވެފައި އައިސް މުހައްމަދު ހުއްޓުވިއެވެ. "އިއްޔެ ކޮން ވާހަކައެއްތަ ބުނަން އުޅުނީ؟"

"ތިބުނީ ކޮން ވާހަކައެއް؟" މުހައްމަދުވެސް ކުރީ ސުވާލެކެވެ.

"މި ބުނީ... ޝާނާއޭ ކިޔައިފަ ކޮންމެވެސް އެއްޗެއް ބުނަން އުޅުނީމެއްނުން؟" ހަމްޒާ މުހައްމަދަށް ހަނދާން އައުކޮށްދިނެވެ.

"އާނ! އެވާހަކަދޯ؟" މުހައްމަދު ކުއްލިއަކަށް ހަނދާންވިއެވެ. "އަހަރެން ބުނަން އުޅުނީ ޝާނާ އުޅެނީ ކޮންމެވެސް ކުއްޖަކާ ރައްޓެހިވެގެންނޯލަ!"

"އެ! ޔަޤީންތަ؟" ހަމްޒާއަށް ލިބުނީ ޝޮކެކެވެ.

"މި ބުނީނުން ރައްޓެހިވެގެންނޯލައޭ! އޭގެ މާނައަކީ އަހަރެންނަށް ޔަޤީނެއް ނޫނޭ." މުހައްމަދު އިތުރަށް ކިޔައިދިނެވެ. "ހަމްޒާ ގޮސް އަޅެ އަހާލަބަލަ!"

"އަހަރެންނަކަށް ނުކެރޭނެ އަހާކަށް." އަސްލުވެސް ހަމްޒާއަށް ޝާނާއާ ކުރިމަތިލުމަކީ އުނދަގޫ ކަމެކެވެ. "އޭނާ ފެންނަނިކޮށް އަހަރެންނަށް ބުނަން ނޭނގޭ ގޮތްތަކެއް ވަނީ."

"ތިހާ ފިނޑިވާކަށް ނުވާނެ. ފިނޑިކަމަކީ އަންހެންވެރިންގެ ކިބައިގައި ހުންނަ ކަމެއް!" މުހައްމަދު ސަމާސަކޮށްލިއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ކިލާފަނި ތޮރުތޮރު ލައްވާލާ އަޑު ނޫން އެހެން އަޑެއް ނީވެއެވެ. އަނދިރިކަމުގެ ތެރެއަށް އަލިކަމެއް ގެނުވަނީ ބައެއް ގޭގޭގައި ދިއްލާފައި ހުރި ބޮކިތަކުގެ އަލިންނެވެ. އެކިގޭގެގައި ބޮކިތައް ހުރީ އެކި ދިމަދިމާގައެވެ. އެކިއެކި ހިސާބުތަކުގައެވެ. ބައެއް ގޭގޭގައި އެއްވެސް ބޮތްކެއް ދިއްލާފައި ނެތެވެ. އެއީ ރޭނގަޑު އެގާރައަށްފަހުން ކަރަންޓް ކަނޑައިލާ ގޭގެއެވެ.

އެ އަނދިރިކަމުގެ ތެރޭގައި ހަމްޒާއަށް އޮތީ ނުނިދިފައެވެ. އޭނާގެ ގާތުގައި މުހައްމަދު ދެއްކި ވާހަކަތައް ސިކުނޑީގައި އަރާރުން ހަދަނީއެވެ. ބަހުޘަކަށްފަހު ބަހުޘެކެވެ. ޚިޔާލަކަށްފަހު ޚިޔާލެކެވެ. އެކި ވިސްނުންތަކުގައި އޮތް ހަމްޒާއަށް ސިއްސައިގެން ގޮސް ތެދުވެވުނީ މީހެއްގެ ހިލަން ވެގެންނެވެ. ގޭގެ ބޭރުންނެވެ. ކޮންމެވެސް މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުމުންނެވެ.

ހަމްޒާ މަޑުމަޑުން ދޮރުހުޅުވާލައި ބޭރަށް ނުކުތެވެ. މީހެއްގެ ހިލަން ވޭތޯ ލޯ ކުޑަކޮށްލައި ބަލައިލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ މާދުރުނޫން ހިސާބެއްގައި ހުރި ރިފްޤާމެންގެ ގޭ ކައިރީގައި ހުދު މުންޑެއް އަނދެގެން ހުރި މީހަކު ހަރަކާތްތެރިވާތަނެވެ. ހަމްޒާ އަވަސް ފިޔަވަޅުތަކެއް ބަހައްޓަމުން އެ ދިމާއަށް ދިޔައެވެ. އޭރު އެ މީހަކު ރިފްޤާމެންގޭ ކަންމަތީގައި ކޮންމެވެސް އެއްޗެއް ވަޅުލަނީއެވެ.

"އޭ އިބްރާހިމްބޭ!" ހަމްޒާ ވައިއަޑަކުން ގޮވައިލިއެވެ.

"މަ ކައިފި!" އިބްރާހިމްބެ އަތުގައި އޮތް ބޮޑު ގޮބޮޅި ބިން މައްޗަށް ވެއްޓުނީ އޭނާ ސިހިގެންދިޔަލެއް ބޮޑުކަމުންނެވެ. "ހަމްޒާ. މިތަނުގައި ކީއްކުރަނީތި؟"

"އަހަރެންނަށް މީހެއްގެ ހިލަން ވާތީ ނުކުމެ ބަލައިލީ." ހަމްޒާ ވާހަކަދައްކަމުން ދިޔައީ ވައިއަޑުންނެވެ.

"މަޑުކުރޭ!" އިބްރާހިމްބެ ކޮންމެވެސް އެއްޗިހިތަކެއް ކިޔަވަމުން އޭނާގެ އަތުގައި އޮތް ގޮބޮޅި، ކޮނުނު ވަޅަށް ވައްޓައިލާ ފަސްއަޅައި ފޮރުވިއެވެ. "ހިނގާ!"

"ލައްބަ!" ހަމްޒާ އިބްރާހިމްބެއާއެކު ހިނގައިގަތެވެ.

"ބުނަން! ހަމްޒާއަށް ފެނުނު މަންޒަރަކީ ނުފެންނަ ކަމަކަށް ހަދާ!" އިބްރާހިމްބެ ވާހަކަދެއްކީ ހަރުކަށިކޮށެވެ.

"ތި ކޮން ކަމަކަށް ހެދި ފަންޑިތައެއް؟" ފަންޑިތައިގެ ހަޤީޤަތް ހޯދުމަށް ހަމްޒާ ވަރަށް ބޮޑަށް ބޭނުންވިއެވެ. "އަސްލު އަހަރެންނަކަށް ނޭނގޭ ފަންޑިތައަކީ ކޮން އެއްޗެއް ކަމެއް."

"އެހެންތަ! ކީއްކުރަން ފަންޑިތައަކީ ކޮން އެއްޗެއްތޯ ބަލަނީ؟" އިބްރާހިމްބެ އެ މައުޟޫއަށް އެއްގޮތަކަށްވެސް ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. "އެއީ ހަމްޒާ ހީކުރާހާ، އެހާ ރަނގަޅު އެއްޗެއް ނޫން."

"އަހަރެންނަށް އެނގޭ އިބްރާހިމްބެ ރިފްޤާމެންގެ ގޭ ކަންމަތީގައި އެއްޗެއް ވަޅުލިކަން." ހަމްޒާ ވިސްނާފައި ވާހަކަ ދެއްކިއެވެ. "އަހަރެންނަށް ފެނުނު މަންޒަރު ނުފެންނަ މަންޒަރެއްގެ ގޮތުގައި ދެނެއް ނެހެދޭނެ!"

"ތި ވަރަށް ބޮޑަށް ގޯސްވީ!" އިބްރާހިމްގެ ބޮލުން އޮށް ދާ ހިއްލަން ފެށިއެވެ. "އެއީ މީހަކު ބުނެގެން ހަދާދިން ފަންޑިތައެއް."

"އެ ވާހަކަ ނުބުނެވޭނެ ގޮތެއް އެބަ އޮތް!" ހަމްޒާ އަތުން އިޝާރާތްކޮށްލިއެވެ.

"އެއީ ކޮން ގޮތެއް؟" އިބްރާހިމްބެ އަވަސް އަވަހަށް އަހައިލިއެވެ.

"އެއީ އަހަރެން އެންމެ ލޯބިވާ ކުއްޖާ އަހަރެންނަށް ފަސޭހަކަމާއެކު ލިބޭނެ ފަންޑިތައެއް އަހަރެންނަށް ހަދާދިނުން." ހަމްޒާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

"ތި އެއްވެސް ކަމެއް ނޫން!" އިބްރާހިމްބެ ދެ އިނގިލިކުރިން ޓޮކެއް ކަނޑައިލިއެވެ. "އެކަމަކު އެ ކުއްޖާ ހަމްޒާއަށް ލިބުމަށްފަހު، އަހަރެން މިކުރި ކަންތައް ފަޅައި ނާރާނެކަމުގެ ޔަޤީންކަން އޮތީ ކިހާ މިންވަރަކަށް؟"

"އަހަރެންނަށް އެ ކުއްޖާ ލިބުމަށްފަހު، އަހަރެންނަށް ދެން އިތުރު ކަމަކަށް ބޭނުން ވާނެހެން ހިޔެއްނުވޭ!" ހަމްޒާ ހިނިތުންވެލިއެވެ. "އަހަރެންނާ އެ ކުއްޖައާ ކައިވެނި ވެވޭނެކަން އިބްރާހިމްބެއަށް ޔަޤީންވާނަމަ، އަހަރެންގެ ދުލުން ތި ސިއްރެއް ދުވަހަކު ހަޔާތެއްގައިވެސް ފަޅައި ނާރާނެ."

އިބްރާހިމްބެ ވިސްނާލުމަށްޓަކައި އެއްޗެކޭ ނުބުނެ ހުއްޓެވެ. އެކިއެކި ޚިޔާލުތައް އޭނާގެ ސިކުނޑީގައި އެނބުރެމުން ސެބުރެމުން ދިޔައެވެ. އިބްރާހިމްބެގެ ވާހަކަ ހަމްޒާ ފަޅާއަރުވާލާ ހިސާބުން، ހަމްޒާގެ ދިރިއުޅުން އެއްވެސް ކަމަކާނުލައި ފަނާކޮށްލުމަކީ އިބްރާހިމްބެއަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. އެހެންވުމުން އެ ފަންޑިތަ ހަމްޒާއަށް ހަދާދިނުމަކުން އޭނާއަށް އެވެސް ބިރެއް ނެތެވެ. އަދި ދެރައެއްވެސް ނުލިބޭނެކަމަށް އޭނާ ދެކުނެވެ.

"އެންމެ ރަނގަޅު! ކައިވެނިވެވޭނެ! އެކަމަކު ބުނަން މިއީ ވަރަށް ނުރައްކާތެރި ފަންޑިތައެއް." އިބްރާހިމްބެ ހަމްޒާއަށް ފަންޑިތައިގެ ހާޖާތް ފާޖާތްގަނޑު ކިޔައިދޭން ފެށިއެވެ. "އެހެންވީމަ މާދަމާ އަހަރެން ބުނާ ގަޑިއަކަށް އާދޭ!"

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވާހަކަ

    މި ވާހަކައިގެ ދެވަނަ ބައި މި އައީ އެހާދުވަސަ ކޮށްފަ. އަނެއްކާ ތިންވަނަބައި އަންނާނީ ކިހާދުވަހަކުން ބާ؟