މަސްޖިދުލް އަގްސާ ސަރަހައްދުގައި ބުޅާތަކަށް ކާންދޭ އުޅޭ "ބުޅާތަކުގެ ބައްޕަ" ނިޔާވެއްޖެއެވެ.

ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 72 އަހަރުގެ ޣައްސާން ޔޫނުސް ނިޔާވެފައިވަނީ ކޮވިޑް-19 ޖެހިގެން މިދިޔަ އަންގާރަ ދުވަހު ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ޔޫނުސް އަކީ ފާއިތުވި 20 އަހަރު ދުވަހު ބުޅާތަކާއި އެސަރަހައްދުގައި އުޅޭ ދޫނިތަކަށް ކާންދީ އުޅުނު މީހެކެވެ. އޭނާ އެކަން ކުރާތީ ވަ ނަމެއްގެ ގޮތުގައި ދީފައިވަނީ އަބޫހުރައިރާ (ބުޅަލުގެ ބައްޕަ) ގެ ނަމެވެ.

ޔޫނުސް އެންމެ ފަހުން އަގްސާ މިސްކިތައް ޒިޔާރަތް ކޮށްފައިވަނީ ބަލި ޖެހުމުގެ ކުރިން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ބުޅާތަކާއި ދޫނިތައް ދެކެ އިންތިހާއަށް ލޯބި އުފެދިފައިވާ ޔޫނުސް އަކީ ކޮންމެ ހަފްތާއެއްގެ ފަސް ދުވަހު އެ ބުޅާތަކާއި ދޫނިތަކަށް ކާންދޭން އަގްސާއަށް ޒިޔާރަތް ކުރާ މީހެކެވެ. ދިގު ދަތުރެއް ކޮށްފައި ބުޅާތަކަށް ކާންދޭން ޔޫނުސް އަގްސާ މިސްކިތަށް ވަނުމާއެކީ ބުޅާތައް އޭނާ ވަށާލައެވެ.

ބުޅާތަކާއި ދޫނިތަކަށް ކާން ދިނުމުގެ އިތުރުން ޔޫނުސް އަކީ މިސްކިތުގައި ތިބޭ ކުޑަކުދިންނާއި ނިކަމެތީންނަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން އައި މީހެކެވެ.

https://twitter.com/MohamdNashwan/status/1351395510435901440

ބުޅާތަކަށް ކާން ދިނުމާ ގުޅޭ ގޮތުން އޭނާ ކުރީން ބުނެފައި ވަނީ އެ ޖަނަވާރުންނަށް ވެސް ރިޒްގް ދެއްވަނީ ﷲ ކަމަށާއި އޭނާއަކީ އެކަމުގެ މެދުވެރިއެއް ކަމަށެވެ. އަދި އެ ތަކެއްޗަށް ކާން ދިނުމުގެ ޒިންމާ އަދާ ކުރެވޭ ކަމީ ﷲ އޭނާއަށް ދެއްވި މަތިވެރިކަމަކާއި އިއްޒަތެއް ކަމުގައި ވެސް އޭނާ ބުނެފައި ވެއެވެ.

ޔޫނުސްގެ މަރުގެ ހަބަރު ލިބުމުން ގިނަ ބަޔަކު ވަނީ އެކަމާ ހިތާމަ ކުރާކަން ފާހަގަކޮށް، އޭނާ ދުރު ރާސްތާއެއް ހުރަސްކޮށް ބުޅާތަކަށާއި ދޫނިތަކަށް ކާން ދިނުމުގައި ކުރި ބުރައް މަސައްކަތަށް ޝުކުރު އަދާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިޔާލު

    انا لله وانا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین

    29
    1