އަނދައަނދާ ހުރި ޓަޔަރެއް އެތެއްގެ ގަޔަށް އެއްލައި، އެ އެތް މަރައިލައިފިއެވެ. މިކަން ހިނގާފައިވަނީ އިންޑިޔާގެ ތެމިލް ނާޑުގެ ނިލްގިރީ ޑިސްޓްރިކްޓްގެ މަސީނަގުޑީގައެވެ.

މި އަނދައަނދާ ހުރި ޓަޔަރު އެތުގެ ގަޔަށް އެއްލުމުން އޭތި ސަލާމަތްވާ ދުއްވާގަތެވެ. އެވަގުތު އެތުގެ ކަންފަތުގައި ޓަޔަރު ތާށިވިއެވެ. ޕޯސްޓްމޯޓަމް ރިޕޯޓްތަކުން ދައްކާ ގޮތުގައި އެތުގެ ކަންފަތް ވަނީ ފިހިގެން ވަރަށް ބޮޑަށް އަނިޔާ ވެފައެވެ.

އަދި މި އެތަކީ އުމުރުން 40 އަހަރު ވެފައިވާ އެތެއް ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

ސީނިއަރ ފޮރެސްޓް އޮފިޝަލް ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 8 ވަނަ ދުވަހު މަސީނަގުޑީ ކައިރީގައި އޮންނަ މަވަނަހައްލާގެ ކާރު ޕާކު ކުރާ ސަރަހައްދެއްގައި އޮތް އަގުބޮޑު ކާރެއް މި އެތް ހަލާކު ކޮށްލުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ.

''ކަރާސީނު އަޅައިގެން ރޯކޮށްލާފައިވާ ޓަޔަރެއް އެމީހުން އެތުގެ ގަޔަށް އެއްލި. މި އެތަކީ މީގެ ކުރިން ފޮރެސްޓް ޑިޕާޓްމަންޓުން އޭގެ ބުރަކަށްޓަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ދީފައިވާ އެތެއް'' އިންޑިޔަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ސީނިއަރ ފޮރެސްޓް އޮފިސަރ ބުނެފައިވެއެވެ.

ރޭމަންޑް މައްލަން މެލްކޮމް (28) އާއި ޕްރަސަތު ސުގުމަރަން (36) ވަނީ މި މައްސަލަައިގައި ހައްޔަރު ކުރެވިފައި ކަމަށް ވެސް އޮފިޝަލު ބުނެފައިވެއެވެ.

ކަންފަތުގައި އަނދައަނދާ ހުރި ޓަޔަރު ތާށިވުމުން އެތުގެ ކަންފަތުން ވަރަށް ބައިވަރު ލޭ އައި ކަމަށާއި އެތް ސަލާމަތް ކުރަން ވަރަށް މަސައްކަތް ކުރެވުނު ނަމަވެސް މި މަހުގެ 19 ވަނަ ދުވަހު އެ އެތް ވަނީ މަރުވެފައި ކަމަށް ވެސް އޮފިޝަލު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނު

    ތި ނަމުން ތި އެނގެނީ ސިކުނޑި ހަމަ ނުޖެހޭ 2 މީހުންކަން މުޖައްރިބް

    20
  2. ހަމީދު

    އެއްވެސް ދިރޭ ޖަނަވާރަކާއި މެދު މިފަދަ އިހާނެތިގޮތަކައް ޢަމަލު ކުރުމަކީ ކަނޑައެޅިގެން ހަރާމްކަމެއް. އިސްލާމްދީނުގައި މާތްރަސްކަލާނގެ ލެއްވި އެންމެހާ ދިރޭތަކެއްޗައް އޯގާތެރިވުމައް އިންސާނާގެ މައްޗައް އަމުރުކުރެވިގެންވޭ އަދި އެންމެހާ އަނިޔާއަކީ ހަރާމް ކުރައްވާފައިވާކަމެއް.

    18