ހައިޟުގެ ކަންތަކަކީ ކޮންމެ އަންހެނަކަށް ވެސް ކޮންމެ މަހަކު އެއް ފަހަރު ކުރިމަތިވާ ކަމެކެވެ. މި ކަމަކީ ވޭންގަދަ ކަމެކެވެ. ހަމައެފަދައިން މިއީ ވަރަށް ސާފުތާހިރުވާން ޖެހޭ ދުވަސްވަރެވެ.

ހައިޟުގެ ދުވަސްވަރު ސާފުތާހިރު ކަމަށް އިތުރަށް ބެލުމަށް، ހޭލުންތެރި ކުރުވުމަށް މިފަހަރު ތެދުވީ 2017 ވަނަ އަހަރުގެ މިސް ވާރލްޑް މަނޫޝީ ޗިއްލާއެވެ. އިންޑިޔާގެ އަންހެނުން މި ކަމުގައި ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާތާ ތިން އަހަރުވެފައިވާ މަނޫޝީ އޭނާ މިހާރު ކުރަމުންދާ މަސައްކަތްތައް ހިއްސާ ކޮށްފިއެވެ.

މަނޫޝީ ބުނާގޮތުގައި ހައިޝުގެ ކަންތަކަކީ އިންޑިޔާގެ އަންހެނުން ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހިފައިވާ ކަމެއް ކަމަށެވެ. ސޯޝަލް އޯގަނައިޒޭޝަނެއްގައި މަސައްކަތް ކުރާ މަނޫޝީ ފާހަގަ ކުރާ ގޮތުގައި އެމީހުންގެ މި މަސައްކަތް މިހާރު ވަނީ އިންޑިޔާގެ ހުރިހާ ސަރަހައްދެއް ވެސް ހޭލުންތެރި ކުރުވުމަށް ނިންމާފައެވެ.

''އަހަރެމެން މިހާރު މަޢުލޫމާތު ދީ ހޭކުންތެރި ކުރުވަނީ އަންހެން ކުޑަ ކުދީންނާއި ބޮޑެތި މީހުން. އެއީ އިންޑިޔާގެ އެކި ހިސާބުތަކުން. ސަތޭކަ އިންސައްތަ ތިމާވެށްޓާއި ގުޅޭ އަދި ސިއްހީ ގޮތުން ވެސް ފައިދާ ކުރާ ސެނިޓަރީ ޕެޑް ވެސް މިދަނީ ހަދިޔާ ކުރަމުން. މި ސެނިޓަރީ ޕެޑްސް ތައްޔާރު ކުރުމުގައި މިކަމަށް ތަމްރީން ލިބިފައިވާ ބައެއް އަންހެނުން ވެސް ހިމެނޭ'' މަނޫޝީ ބުނެފައިވެއެވެ.

މަނޫޝީ ޗިއްލަރު މިހާރު ތައްޔާރުވަމުން ދަނީ އޭނާގެ ބޮލީވުޑުގެ ފުރަތަމަ ފިލުމަށެވެ. ޗަންދުރަ ޕްރަކާޝް ޑައިރެކްޓް ކޮށްފައިވާ ފިލުމު ''ޕްރިތުވީ ރާޖް'' ރިލީޒް ކުރާނެ ދުވަހެއްގެ އިންތިޒާރުގައި ހުރި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު