ބޮލީވުޑުގެ އެކްޓަރ ވަރުން ދަވަންއާއި އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ ނަތާޝާ ޑަލާލްގެ މިއަދު ހަވީރު ކައިވެނި ކޮށްފިއެވެ.

މިއަދު ހަވީރު އަލީބާގްގެ ފަސްތަރީގެ ހޮޓަލެއްގައި ބޭއްވި ރަސްމިޔާތެއްގައި ވަރުންއާއި ނަތާޝާގެ ކައިވެނި ކުރެވުނީ ހިންދޫ ޘަޤާފީއާއި އެއްގޮތަށެވެ.

މި ކައިވެނި ހަފްލާގައި ބައިވެރިވެފައިވަނީ ހަމައެކަނި އާއިލާގެ މެމްބަރުންނާއި ގާތް ރަހުމަތްތެރިން ކަމަށް ރިޕޯޓްތަކުގައިވެއެވެ. ކަރަން ޖޯޖަރު، މަނީޝް މަލޯތުރާ، ޒޯޔާ މޮރާނީ ކުނާލް ކޯލީ ފަދަ ބައެއް ފަންނާނުން ވެސް ވަނީ ވަރުންގެ މި އުފަލުގައި ބައިވެރިވެފައެވެ.

ވަރުންއާއި ނަތާޝާގެ ކައިވެނި މިއަދު ކުރެވުނު ނަމަވެސް އެމީހުންގެ ވެޑިން ރިސެޕްޝަން އޮތީ އަންނަ މަހު ދޭއް ގައި ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ވަރުންއާއި ނަތާޝާގެ ކައިވެނި ކުރެވުނު ހޮޓެލުގެ ބޭރުގައި އޭނާގެ ސަޕޯޓަރުން ވަރުންގެ އިންތިޒާރުގައި ބޭރުގައި ތިބިކަމަށް ރިޕޯޓްތަކުގައިވެއެވެ. މި ހަފްލާ ބޭއްވުނު ހޮޓެލުގެ ބޭރުން ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

ކައިވެނީގެ ކުރިން ވަރުން ބުނެފައިވަނީ އޭނާގެ ބޭބެ ކައިވެނިކޮށް ދަރިއަކު ލިބުނު ދުވަހުން ފެށިގެން އޭނާ ވެސް ކައިވެނި ކުރުމުގެ ހުވަފެންތައް ދެކެމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރު ކުރުމަށް ހަމަޖެހިފައިވި މި ކައިވެނި ފަސްވެގެން ދިޔައީ މުޅި ދުނިޔެއަށް އައި ކޮރޯނާ ވައިރަސްގެ ސަބަބުން ކަމަށް ވެސް އެކްޓަރ ވަރުން ދަވަން ބުނެފައިވެއެވެ.

ސްޓޫޑެންޓް އޮފް ދަ އިޔާ އިން ބޮލީވުޑަށް ތަޢާރަފްވި ވަރުން އެންމެ ފަހުން ފެނިފައިވަނީ އޭނާގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓް ކޮށްފައިވާ ފިލުމު ''ކޫލީ ނަންބަރު 1'' ގެ ރީމޭކްއިންނެވެ.