ދެކުނު ކޮރެޔާގެ ބަތަލާ ސޮންގް ޔޫ ޖަންގް އުމުރުން 26 އަހަރުގައި އަމިއްލައަށް މަރުވެއްޖެއެވެ. ސޮންގް މަރުވެފައި އޮއްވާ ފެނުނީ ޖެނުއަރީ 23 ވަނަ ދުވަހުއެވެ. ސޮންގްގެ އެޖެންސީ ދި ސަބްލައިމް އާޓިސްޓް އެޖެންސީއިން މިކަން ކަށަވަރުކޮށްދީފައެވެ.

ސޮންގު އަމިއްލައަށް މަރުވާން ޖެހުނު ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ސޮންގު ވަޅުލުމުގެ ކަންތައް ޖެނުއަރީ 25 (މިއަދު) ސިއޯލް މެޑިކަލް ސެންޓަރގެ ފަރާތުން ކުރިއަށް ގެންދާނެ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ރީތިވާ އެއްޗެހީގެ ބްރޭންޑް މޮޑެލްއެއްގެ ގޮތުގައި ކެރިއަރ ފެށި ސޮންގްގެ އެންމެ ފުރަތަމަ ޑްރާމާއަކީ 2013 ވަނަ އަހަރު އެމްބީސީއިން ދެއްކި ''ގޯލްޑަން ރެއިންބޯ''އެވެ.

އޭގެފަހުން 2014 ވަނަ އަހަރު ''މޭކް ޔުއަރ ވިޝް'' ޑްރާމާގައި މުހިންމު ރޯލެއް އަދާ ކޮށްފައިވެއެވެ. އަދި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޑްރާމާ ''ސްކޫލް 2017'' ގައި ވެސް އޭނާގެ އެކްޓިންގެ ހުނަރު ދައްކައިދީފައިވެއެވެ.

ދި ސަބްލައިމް އާޓިސްޓު އެޖެންސީއާއި އެކު ސޮންގް މަސައްކަތް ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރެވެ. މި އެޖެންސީއަކީ މަޝްހޫރު ފިލުމު ''ޕެރެސައިޓް'' ގެ އެކްޓަރ ސޮންގް ކަންގް ހޮއާއި ލަވަކިޔުންތެރިޔާ ޖުން ޖި ހޫންގެ ވެސް އެޖެންސީއެވެ.

ސޮންގް ތައްޔާރުވަމުން ދިޔައީ އޭނާގެ ލަވަކިޔުމުގެ ހުނަރު ވެސް ދައްކާލުމަށެވެ.

ސޮންގްގެ މި މަރާއި އެކު ދެކުނު ކޮރެޔާގެ އާޓިސްޓުންގެ ތެރެއިން އަމިއްލައަށް މަރުވެފައިވާ ސުލީ، ގޫ ހަރާ ފަދަ ފަންނާނުންގެ ލިސްޓުގައި ސޮންގުގެ ނަން ވެސް ލިޔެވިގެންދާނެއެވެ.


 

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ، ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.

އަމިއްލަ ނަފްސަށް ގެއްލުމެއްދީ މަރުވުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ދިމާވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދުމަކީ މުޙިންމު ކަމެކެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި:

1. ދަމަނަވެށި: 3318901
2. ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ): 3318804 / 7976325
3. ޔޫތް އެންޑް ސްޕޯޓްސް ސެންޓަރ: 3313755 / 3323860
4. ޖުވެނައިލް ޖަސްޓިސް ޔުނިޓް: 3306691