މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހަކީ އެމެރިކާގެ ތާރީޚުގައި މުހިންމު ދުވަހެކެވެ. އެ ދުވަހަކީ އެމެރިކާގެ އިތުރުން އެހެން ގައުމުތަކުގެ ސަމާލުކަން ވެސް އެ ގައުމަށް ހުއްޓުނު ދުވަހަކަށް ވެގެން ދިޔައެވެ. ސަބަބަކީ އެ ދުވަހަކީ އެ ގައުމުގެ 46 ވަނަ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވި ދުވަހަށް ވުމެވެ. އެ ދުވަހަކީ އެންމެ ފުރަތަމަ އަންހެން ނައިބު ރައީސް ހުވާކުރެއްވި ދުވަސްވެސްމެއެެވެ.

ކޮންމެއަކަސް އެ ދުވަހުގެ ފޮޓޯ އާއި ވީޑިއޯތަކުގެ ތެރެއިން އެންމެ ގިނަ ބަަޔަކަށް އެންމެ ކަމުދިޔަ ފޮޓޯއަކަށްވީ އެ ހަފްލާގައި ސީނިއާ ޑިމޮކްރެޓިކް ސެނެޓަރެއް ކަމަށްވާ ބާނީ ސެންޑާސް ގޮނޑިއެއްގައި އިށީންނަވައިގެން އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯ އަށް އެމެރިކާގެ އިތުރުން މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ. މި ފޮޓޯއަށް އެތައް ސަތޭކަ މީމްއެއް ހެދި ވައިރަލްވާން ނެގީ ކުޑަ ވަގުތުކޮޅެކެވެ.

މިހާރު މީސްމީޑިއާގެ އިޝްތިހާރުތަކާއި މީމްތަކާއި ލޯގޯތަކުންވެސް ފެންނަނީ މި ފޮޓޯއެވެ. އުމުރުން 79 އަހަރުގެ ސެންޑާސްއަށް ވެސް މި މީމްތައް ވީ ޝައުގުވެރި ކަމަކަށެވެ. އެ ފޮޓޯއިން ބައެއް މީހުންނަށް ކަމުދިޔައީ އޭނާ އަތަށް ލައްވާފައިވާ އާދައިގެ މިޓަންސްއެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް ވައިރަލްވުމާ ހިސާބުން ބާނީ ސެންޑާސް ވެސް ވަނީ މީހުންނަށް ކަމުދިޔަ މީމްތަކާ އެކީ ހާއްސަ ފަންޑްރެއިސިން ހަރަކާތެއް ފަށައިފައެވެ.

ބާނީގެ ކެމްޕެއިން ޓީމުން ވަނީ މީމްތަކުގައި ބޭނުންކުރާ ފޮޓޯތަކާއެކު ސްވެޓްޝާޓްތަކަކާއި ޓީޝާޓްތަކެއް ތައްޔާރުކޮށް އެ ސްވެޓްޝާޓްތައް ވިއްކައިގެން ލިބޭ ފައިސާ ވާމަންޓްގައި ކާބޯތަކެތި ތައްޔާރުކޮށް ގޭގެއަށް ފޯރުކޮށްދޭ ޖަމިއްޔާއަކަށް ދިނުމަށް ނިންމައިފައެވެ.