ޗައިނާގެ އުފެއްދުމެއް ކަމަށްވާ ޓިކްޓޮކް، އިންޑިއާގައި ބޭނުން ކުރުން ދާއިމަށް މަނާ ކޮށްފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަނާ ކޮށްފައިވަނީ ޗައިނާގެ ކުންފުނިތަކުން އުފައްދާފައިވާ އެޕްލިކޭޝަންތަކެވެ.

އޭގެ ތެރޭގައި ޓިކްޓޮކް އާއި ވީޗެޓް ހިމެނޭހެން 57 އެޕްލިކޭޝަނެއް ހިމެނޭ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައިވެސް އެގައުމުން ވަނީ މި އެޕްލިކޭޝަންތައް އެގައުމުގައި ބޭނުން ކުރުން މާނާ ކޮށްފައެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން އެފަދަ އެޕްލިކޭޝަންތައް އަންނަނީ ބޭނުން ކުރަމުންނެވެ. އެގައުމުން މިހާރު މި އެޕްލިކޭޝަންތައް ބޭނުން ކުރުން މަނާ ކޮށްފައިވަނީ އުމުރު ދުވަހަށެވެ.

އިންޑިއާއިން މިއެޕްލިކޭޝަންތައް ބޭނުން ކުރުން މަނާ ކޮށްފައިވާއިރު، އެގައުމުގެ ސަރުކާރުން ވަނީ އެޕްލިކޭޝަންތައް އުފައްދާފައިވާ ކުންފުނިތަކަށް އެޕްލިކޭޝަންތަކާއި ބެހޭ ޑޭޓާ ހޯދުމަށް އެދިފައެވެ.

އެގައުމުގައި މިފަދަ އެޕްލިކޭޝަންތައް ބޭނުން ކުރުން އުމުރު ދުވަހަށް ބޭން ކޮށްފައިވާއިރު، މީގެ ކުރިން ދުނިޔޭގެ ހުރިހާ ގައުމެއްގައި މަޝްހޫރުވި ޕަބްޖީ ވެސް އެގައުމުގައި ވަނީ ބޭނުން ކުރުން މަނާ ކޮށްފައެވެ. އޭގެ ފަހުން އެގައުމަށް ހާއްސަ ކޮށްގެން ޕަބްޖީގެ އެހެން ގޭމެއް އުފެއްދުމަށް އެދުމުންވެސް އެގައުމުން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.