ފިލުމު ''އާޝިގީ 2'' ގެ ބަތަލާ ޝްރަދާ ކަޕޫރު އޭނާގެ ލޯބިވެރިޔާ ރޯހަން ޝްރެސްތާއާއި ކައިވެނި ކުރަން އުޅޭ ކަމުގެ އިޝާރާތެއް، މި އަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހު އަލީބާގުގައި ކައިވެނި ކުރެވުނު ވަރުން ދަވަން ދީފިއެވެ.

ވަރުން ދަވަންގެ ކައިވެނީގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން ބޮލީވުޑު ފަންނާނުންގެ އިތުރުން އޭނާގެ ސަޕޯޓަރުން ވެސް ކައިވެނީގެ ހެޔޮ އެދުމާއި ތަހުނިޔާތައް ފޮނުވަމުން ދާއިރު ޝްރަދާގެ ލޯބިވެރިޔާ ރޯހަން ވަރުންނަށް ކުރި ތަހުނިޔާގެ މެސެޖުގައި ވަރުންނަކީ ނަސީބުގަދަ މީހެއް ކަމަށް ބުނެފައިވާ ބުނުމަށް ޖަވާބުދެމުން ވަރުން ބުނެފައިވަނީ އޭނާއަކީ ނަސީބު ގަދަ މީހެއް ކަމަށާއި އަދި ރޯހަން ވެސް އެފަދަ ނަސީބެއް ލިބުމަށް ތައްޔާރަށް ހުރި ކަމަށެވެ.

މަޝްހޫރު ފަންނާނުންގެ ފޮޓޯތައް ނެގުމުގައި އުޅޭ ފޮޓޯގުރާފާ ރޯހަންއާއި ޝްރަދާ ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ވަރުންގެ މި މެސެޖާއި އެކު ޝްރަދާގެ ސަޕޯޓަރުން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދަނީ ޝްރަދާއާއި އޭނާގެ ލޯބިވެރިޔާ ރޯހަންއާއި ކައިވެނި ކުރާނެ ދުވަހަކަށެވެ.

ރޯހަންއާއި ޝްރަދާގެ ގުޅުމުގެ ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ޝްރަދާ ބުނެފައިވަނީ މިވަގުތު އޭނާގެ ފިލުމުތަކާއި މެދު ވިސްނުން ފިޔަވާ އިތުރު ކަމަކާއި މެދު ވިސްނެން ނެތް ކަމަށެވެ.

ޝްރަދާގެ ކައިވެންޏާއި ބެހޭގޮތުން ޝްރަދާގެ ބައްޕަ ޝަކްތީ ކަޕޫރު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ޝްރަދާ އިންނާނެ މީހަކު އެނގޭނީ ޝްރަދާއަށް ކަމަށާއި އަދި އެމީހުންގެ އެއްވެސް މައްސަލައެއް އެކަމުގައި ނޯންނާނެ ކަމަށެވެ.